ދުންފަތާ ގުޅޭ މައްސަލަތަކުގައި މާލެއިން މިހާތަނަށް 7 މިލިއަން ރުފިޔާގެ ތަކެތި އަތުލި

ދުންފަތާ ދެކޮޅަށް މާލޭ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ ހަތް މިލިއަން ރުފިޔާގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ހިއްސާކުރުމަށް އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ފްރަންޓްލައިން ޕޮލިސިންގައި އިސްކޮށް މަސައްކަތްކުރައްވަމުން އަންނަ ސުޕްރިންޑެންޓެ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުން ދުންފަތާ ދެކޮޅަށް ޖުމްލަ އަށް އޮޕަރޭޝަނެއް ހިންގި ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ޖުމްލަ 15 ފަރާތަކާ މެދު ފިޔަވަޅު އެޅިކަމަށް ބުންޏެވެ. އަތުލި ތަކެތީގެ ތެރޭ ހިމެނެނީ 44،866 ފޮށި ސިނގިރެޓު 4733 ވޭޕް 765 ފްލޭވާފުޅި ނުވަތަ ކާޓްރިޖް 86 ވޭޕް ކޮއިލް ދުންފަތް ޕެކެޓް 93 ކިލޯ މިއީ އަގަށް ބަލައިނަމަ ޖުމްލަ 7،341،961 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން 294،240 ރުފިޔާ މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ފުލުހުން ބުންޏެވެ. https://sun.mv/215693 މިދިޔަ އާދީއްތަ ދުވަހު ވެސް ފުލުހުން ވަނީ ގިނަ އަދަދެއްގެ ފްލޭވާ ނުވަތަ ވޭޕްކާޓްރިޖާއި ސިނގިރޭޓު އަތުލައިގަނެފައެވެ. ރާއްޖޭގައި ވޭޕް މަނާކޮށް، އީ-ސިނގިރޭޓާއި ވޭޕް އެތެރެކުރުމާއި ބޭނުންކުރުމަށް ވެސް އަދަބު ކަނޑައަޅައިފައިވެއެވެ. އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކޮށް، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ