މި ސަރުކާރަށް ދެ އަހަރު ވީއިރު، ގެއްލުނު ކަމަށް ބުނާ ދެކުނުގެ ކަނޑުގެ ސަރަހައްދު ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އަނެއްކާވެސް އެ ވާހަކަ ރައީސް މުހައްމަދު މުއިއްޒު ދެއްކެވީ ރައްޔިތުންނަށް "ދަޅަ ދައްކަން" ނުވަތަ އޮޅުވާލުމަށް ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ ސިލްސިލާ ގޮތެއްގައި ޔާމީންގެ ޕީއެންއެފް އޮފީހުގައި ބާއްވާ ޖަލްސާގައި ރޭގެ މައުލޫއަކަށް އޮތީ ފޯޅަވަަހި ނުވަތަ ޗާގޯސްއާ ގުޅޭ މައުލޫ އެވެ. މި ޖަލްސާގައި ޔާމީން ވަނީ މިދިޔަ ހަފްތާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ފޯޅަވައްސާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުން އަމާޒުކުރައްވާފަ އެވެ.
ތަފްސީލު - ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިޓްލޮސްގެ ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދެކުނުން ދޫކޮށްލި ކަމަށް ބުނާ ސަރަހައްދާ އެކު 200 މޭލުން ފެށިގެން ކަމަށް ބަޔާން ކުރުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ޔާމީން ރޭ ވިދާޅުވީ:
އިޓްލޮސްގެ ނިންމުމަށް ގޮންޖައްސަވައި ރައީސް މުއިއްޒުގެ ނިންމެވުން ބަލައެއްނުގަންނަ؛ ރައީސްއަކީ ކުޅޭކުޅޭ މީހަކަށް ވެގެން ނުވާނެ
ވެރިކަމުގެ ކުރީކޮޅު ފާޑުކިޔުންތައް އަމާޒުވުމުން އޭރު މިކަމަށް ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފެށި ނަމަވެސް އެކަށީގެންވާ މަސައްކަތެއްކޮށްފައެއް ނުވޭ؛ އަނެއްކާ ކޮމިޝަނެއް ހަދާތީ އެކަމަށް ފާޑުވިދާޅުވި
ދެކުނުގެ ކަނޑުގެ ސަަރަހައްދާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވީ، ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން، ކަންތައްތަކެއް ވަރުގަދަ ކުރާ ކަމަށް ދެއްކުމަށްޓަކައި
"ދެ އަހަރު ވެގެން ދިޔައިރު، މިކަމުގައި އެޅުނު ގާނޫނީ ފިޔަވަޅެއް ނެތް. އަނެއްކާވެސް އެ ވާހަކަ އެ އިއާދަ އެ ކުރަނީ ކީއްވެގެންތޯ؟... ރައްޔިތުން ގަބޫލު ކުރަންވީ މިއީ ހަމަ ދަޅަދައްކަން ދައްކާ ވާހަކަކަން. އޮފްދާރުކުރުން މީނާގެ [ރައީސްގެ] ކަމަކީ. އެ ނޫން އެއްވެސް ކަމެއް ނުކުރޭ،" ޔާމީން ވިދާޅުވި އެވެ.
ހަގީގީ މާނައިގައި ކަމެއް ކުރާ ނަމަ، ރައީސް މުއިއްޒު އެގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ ރައީސް ދެއްކެވި ވާހަކަފުޅަކީ އިހްތިލާސްތެރިކަމެއް އޮވެގެން ދެއްކެވި ވާހަކަފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހަގީގީ މާނައިގައި މިއިން ކަމެއް ކުރާ ނަމަ، ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި، އިޓްލޮސްއަށް ފޮނުވި ސިޓީއަށް އަޅުގަނޑުމެން ރިބެޓެލްއެއް ވަރުގަދައަށް ދޭންވީ. ގާނޫނީ ގޮތުން އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން ކަމާއި ގާނޫނާ ހިލާފަށް [ކުރީގެ ރައީސް] އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާފައި އޮތް ކަމާއި މި ހުރިހާ ކަމެއް ކޮށްފައި އިޓްލޮސްގެ ނިންމުން ބަލައިނުގެނެވޭނެ ކަމަށް ފުރަތަމަ ސްޓޭޖްގައި ބުނަންވީ،" ޔާމީން ވިދާޅުވި އެވެ.
އިޓްލޮސްގެ ނިންމުން ބަލައި ނުގަންނަ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވުމުން، އެ ދުވަހު ޑިފެންސް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ، ރާއްޖޭގެ ސަރަަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކޮށް، އެ ތަން ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށްވާތީ ރައީސް ނިންމަވާފައިވާ ގޮތަށް ދެކުނު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ދިވެހި ސިފައިން ކުރަމުންދާނެކަން އިއުލާންކޮށްފަ އެވެ.
ސަރުކާރުގެ އެ އަމަލު ޔާމީން ސިފަ ކުރެއްވީ ގަދަ ބާރުން ފޯޅަވަހި އަތުލެވެނޭ ކަމަށް ރައްޔިތުންނަށް ދެއްކުމަށްޓަކައި އޮޅުވާލުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ.
"ހަނގުރާމައަށް މި ނުކުތީ. އެއީ އަޅުގަނޑުމެންނަށް ހެއްވާ ކަމެއް. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކުރަން. މިއީ ހަނގުރާމަ ކުރަން ޖެހޭ ކަމެއް ނޫން،" ޑިފެންސް މިނިސްޓްރީން އެ ސަރަހައްދަށް ޑްރޯން އާއި މަނަވަރު ފޮނުވި ފޮނުވުމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ވެރިކަމަށް 2 އަހަރު ފަހުން ޗާގޯސް ވާހަކަ ރައީސް ދެއްކެވީ ރައްޔިތުންނަށް ދަޅަ ދައްކަން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ