ރޭ އެކަނިވެސް 4،196 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ދޫކޮށްފި

ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން ރޭ އެކަނިވެސް 4،196 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ، ރޭ 8:30 އިން 11:00 އާ ހަމައަށް މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 15 މަރުކަޒަކުން 4،196 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ. އެންމެ ގިނައިން މަސްދަޅު ކޭސް ދޫކޮށްފައިވަނީ، ގަލޮޅު ދަނޑުގައި ޤާއިމުކޮށްފައިވާ 4 މަރުކަޒުންނެވެ. އެގޮތުން އެ މަރުކަޒުތަކުން އެކަނިވެސް 783 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ނިންމާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.
ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ކޮންމެ ރެއަކު 8:00އިން ފެށިގެން 11:00އަށް ކުރިއަށްދާނެއެވެ. އެގޮތުން ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެއެވެ. އެހެންކަމުން، މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ