އެންމެން ކޮންޓްރޯލް ކުރުމަށް، މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނެރުނީ ގައިރު ގާނޫނީ އެންގުމެއް ކަމަށާއި އެންމެން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާ ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީޑިއާ ކޮމިޝަނުން މައްސަލަ ބަލަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 'އަދަދު' ނޫހުން ޖެހި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ އެވެ. އެ ގޮތުން:
ބަޔަކު ނަމާދުގެ ޖަމާއަތުގައި ތިއްބައި، ރައީސް މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ، ނޭފަތް ދިގު މިީހެއް އިމާމަށް ހުންނަ މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ ތަން
މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށް
އެ ކޮންޓެންޓް ނެގުމަށް އަންގާފައިވާތީ އެއްވެސް ފަރާތަކުން އެ ޕޯސްޓް ދައުރު ކުރަމުން ނުދިއުމަށް ކޮމިޝަނުން މިއަދު އެންގުމެއްގެ ސިފައިގައި އިއުލާނެއް ނެރުނެވެ.
ބުނީ ކީކޭ؟ - ފައްޔާޒު ވިދާޅުވީ ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހެދީ ދޮގުކަން ވަރަށް ސާފު ކަމަށެވެ.
"އެ ގާނޫނަކީ ހުރިހާ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ފާސްކޮށް އަމަލުކުރަމުންދާ ގާނޫނެއްކަން މިއަދު ހާމަވެއްޖެ. ހުރިހާ ރައްޔިތުންނަށް އާންމުވެގެންވާ އެންގުމެއް އެންގުމުގެ ބާރު އެ ކޮމިޝަނަކަށް ނޯންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބަށް ނުކުންނަ ވާނެ ކަމަށް އިއުލާންކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ ހިޔާލު ފާޅުކުރުމާއީ ނޫސްވެރިކަމުގެ މިނިވަންކަން ފޭރިގަންނަމުން ދަނީ ނުރައްކާތެރި ރޭޓެއްގައި ކަމަށެވެ.
"އަސާސީ އެއްވެސް ހައްގެއް ހަނިކުރާ ކޮންމެ ގާނޫނެއް އެއީ ބާތިލު ގާނޫނެއް. ކޮންޓްރޯލް ކޮމިޝަނުގެ ގައިރު ދުސްތޫރީ އަދި ގައިރު ގާނޫނީ އެންގުމަށް ތަބާވާން ނުޖެހޭ," ފައްޔާޒު ވިދާޅުވި އެވެ.
"ދައުރުގެ ބާކީ އޮތް ބައިގައި ކޮންމެ ދިވެއްސަކު ދައްކާ ވާހަކަ އާއި ކުރާ ކަންކަމާއި ލިޔާ ލިޔުންތަކާއި ކުރަހާ ކުރެހުންތަކާއި އަޅާ ކޮންމެ ފިޔަވަޅެއް ކޮންޓްރޯލް ކުރެވޭނެ ކަމަށް ދެކިގެން ނުވާނެ. މި އިޢުލާނަކީ ގާނޫނުއަސާސީއާ ކަޑައެޅިގެން ހިލާފް އިއުލާނެއް," ފައްޔާޒު އިތުރަށް ވިދާޅުވި އެވެ.
އެންމެން ކޮންޓްރޯލެއް ނުކުރެވޭނެ؛ ކޮމިޝަނުން ނެރުނީ ގައިރު ގާނޫނީ އެންގުމެއް: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ