ފާޑުކިއުން އަމާޒުވުމުން، މީޑިއާތަކުން ކާޓޫން ދައުރު ނުކުރަން އަންގާ ގޮތަށް އެންގުން ބަދަލުކޮށްފި

'އަދަދު' ނޫހުން ގެނެސްދޭ 'ސިޔާސީ ކާޓޫން' ސެގްމަންޓްގެ ޕޯސްޓެއް އެއްވެސް ފަރާތަކުން ދައުރުނުކުރުމަށް އަންގައި އާންމުކުރި އިއުލާން ކޮންޓްރޯލް ކޮމިޝަނުން ބަދަލުކޮށް، މީޑިއާތަކުން އެކަން ނުކުރަން އަންގައި އާ އިއުލާނެއް ނެރެފި އެވެ.
ވީކިހިނެއް؟ - މީޑިއާ ކޮމިޝަނުން މައްސަލަ ބަލަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 'އަދަދު' ނޫހުން ޖެހި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ އެވެ. އެ ގޮތުން:
އެ ޕޯސްޓުން ފެންނަނީ ބަޔަކު ނަމާދުގެ ޖަމާއަތުގައި ތިއްބައި، ރައީސް މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ، ނޭފަތް ދިގު މިީހެއް އިމާމަށް ހުންނަ މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ ތަން
މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށް
ތަފްސީލް - މީޑިއާ ކޮމިޝަނުން މިއަދު ފުރަތަމަ ނުރެނު އިއުލާނުގައި އެއްވެސް ފަރާތަކުން އެ ޕޯސްޓް ދައުރު ނުކުރުމަށް އަންގާފައިވީ ނަމަވެސް، އެ އިއުލާން މިހާރު ވަނީ އެ ކޮމިޝަނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ޑިލީޓްކޮށްފަ އެވެ. 
މިއަދު ފަހުން އާ އިއުލާނެއް ނެރެ، އިސްލާހުކޮށްފައިވާ އިއުލާނުގައި ވަނީ އެއްވެސް މީޑިއާއަކުން އެ ޕޯސްޓް ދައުރު ނުކުރުމަށް އަންގާ ކަމަށެވެ. 
ފާހަގަކޮށްލެވޭ - 'އަދަދު' ނޫހުން ކުރިން ބުނެފައިވަނީ ކޮންޓްރޯލް ކޮމިޝަންގެ ސިޓީގައި ހަވާލާދޭ މާއްދާތަކުގައި ބަޔާންކުރަނީ 'އިސްލާމްދީނުގެ އަސްލަކާ ހިލާފު' ނުވަތަ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް ހިތްވަރުދޭ ފަދަ ކޮންޓެންޓު ޝާއިއުކޮށްގެން ނުވާނެ ވާހަކަ ކަމަށެވެ.
ނަމަވެސް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި 'އިސްލާމްދީނުގެ އަސްލު' ކަމުގައި ބުނެފައިވަނީ ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާ މެދު ހިލާފު އުފެދިފައިނުވާ، ޝަރުއީ އުސޫލުތަކާއި މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައް ކަމަށެވެ.
އެ ނޫހުން ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ ކާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަންގެ ސިޓީއަށް ޖަވާބުދާރީވާން ފަސޭހަވާނީ، އިސްލާމްދީނުގެ އަސްލަކާ އެ ކޮންޓެންޓު ހިލާފުވިކަމަށް ތުހުމަތު ކުރެވުނު ގޮތް ފެނުނު ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ