ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި، ޓީޗަރަކަށް 60 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ދައުވާތަކެއް އުފުލައިފި

ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ޓީޗަރަކަށް 60 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން އުފުލައިފިއެވެ. ޕީޖީ އޮފީހުން ދައުވާ ކުރުމަށް މ. ކޮޅުފުށީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅީ، މ. ކޮޅުފުށި، ސާދާގެ ޝުއައިބު އަބްދުﷲގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނީ، ޝުއައިބުގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ ބުދަ ދުވަހު ކޮޅުފުށީ ކޯޓަށް ހުށަހެޅީ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. މި މައްސަލައިގައި ފަސް ދައުވާއެއް ކުރުމަށް ޕީޖީން ވަނީ، ކޯޓަށް ހުށަހަޅާފައެވެ. އެއީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ ދެ ދައުވާއާއި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. ޕީޖީން ބުނީ، އެއީ ޝުއައިބު މ. އަތޮޅުގައި މަދަރުސާގައި ކިޔަވާދިން ދެ ދަރިވަރެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި އެކުދިންނަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ، 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ