އެމެރިކާގެ ސަލާމަތީ ކަންކަމުގައި ދެން އެންމެ އިސްކަންދޭނެ ގައުމަކީ ޗައިނާ ނޫން ކަމަށް ޕެންޓަގަންގެ އާ ނޭޝަނަލް ޑިފެންސް ސްޓްރެޓަޖީގައި ބުނެފި އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ނެރޭ މި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިފާއާ ވުޒާރާގެ މިހާރުގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ އެމެރިކާގެ ފަސްގަނޑާއި ހުޅަނގު ބިތުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އަދި ވޮޝިންޓަނުން އެމެރިކާގެ ރައްޔިތުންގެ ހަގީގީ މަސްލަހަތުތަކަށް އިހުމާލުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ވެސް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، އެމެރިކާގެ އެކުވެރި ގައުމުތަކަށް ދެމުން އަންނަ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި "މަދުކުރާނެ" ކަމަށް ވެސް ޕެންޓަގަނުން ބުނެފައިވެ އެވެ.
މި ބަދަލުތައް އައިސްފައިވަނީ މިދިޔަ އަހަރު ނެރުނު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓަޖީއާ ގުޅިގެންނެވެ.
އެ ލިޔުމުގައި ޔޫރަޕަށް "ތަހުޒީބީ ފުނޑުފުނޑުވުމެއް" ކުރިމަތިވެދާނެ ކަމަށް ބުނެފައިވާއިރު، ރަޝިޔާއަކީ އެމެރިކާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެއް ނުވެ އެވެ. އެ ދުވަސްވަރު މޮސްކޯއިން ބުނެފައިވަނީ އެ ލިޔުމަކީ ރަޝިޔާގެ ތަސައްވުރާ "ވަރަށް ބޮޑަށް އެއްގޮތް" ލިޔުމެއް ކަމަށެވެ.
މީގެ ބަދަލުގައި، 2022 ވަނަ އަހަރުގެ ނޭޝަނަލް ޑިފެންސް ސްޓްރެޓަޖީގައި ޗައިނާއަކީ "މަލްޓި-ޑޮމެއިން" ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެއީ ދިފާއީ ދާއިރާއިން އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި އޮތީ ކަނޑައަޅާފަ އެވެ.
އޭގެ ކުރިން، 2018 ވަނަ އަހަރުގެ ލިޔުމުގައި ޗައިނާ އާއި ރަޝިޔާ ފަދަ "ރިވިޝަނިސްޓް ބާރުތަކަކީ" އެމެރިކާގެ ސަލާމަތަށް އޮތް "މައިގަނޑު ގޮންޖެހުން" ކަމުގައި ބަޔާންކޮށްފައިވެ އެވެ.
އިއްޔެ އާންމުކުރި 34 ސަފުހާގެ މި ލިޔުމުން ބޮޑަށް ހާމަވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު އަލުން ވެރިކަމާ ހަވާލުވި ފުރަތަމަ އަހަރު ތެރޭގައި ގެންގުޅުނު ސިޔާސަތުތަކެވެ.
މި މުއްދަތުގެ ތެރޭގައި، ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، އިރުމަތީ ޕެސިފިކް އަދި ކެރީބިއަން ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް ހަމަލާދީފަ އެވެ.
މީގެ އިތުރުން، ގްރީންލޭންޑް މިލްކުކުރުމަށްޓަކައި އެމެރިކާގެ ބައިވެރި ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުވާފައިވެ އެވެ.
އާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕެންޓަގަނުން "އެމެރިކާގެ އަސްކަރީ އަދި ވިޔަފާރީގެ ބޭނުންތަކަށް މުހިންމު ސަރަހައްދުތަކަށް، ހާއްސަކޮށް ޕެނަމާ ކެނަލް، ގަލްފް އޮފް އެމެރިކާ އަދި ގްރީންލޭންޑަށް ވަދެނިކުމެވޭނެކަމުގެ ޔަގީންކަން ދޭނެ" އެވެ.
މީގެ އިތުރުން، ޓްރަމްޕް ސަރުކާރުގެ މި އުސޫލަކީ ފިނި ހަނގުރާމައަށް ފަހު އައި ސަރުކާރުތަކުން ގެންގުޅުނު "ބޮޑެތި ހިޔާލީ ސިޔާސަތުތަކާ" މުޅިން ތަފާތު އުސޫލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ޗައިނާއާ އެކު އޮންނަ ގުޅުން ބާއްވާނީ "ކުރިމަތިލުންތަކުގެ ބަދަލުގައި ވަރުގަދަ އަޒުމަކާ އެކު" ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އަމާޒަކީ "ޗައިނާގެ މައްޗަށް ގަދަވެގަތުން ނޫން ކަމަށާއި ނުވަތަ އެ ގައުމު ނިކަމެތިކޮށްލުން ނޫން" ކަމަށް ވެސް ބުނެފައިވެ އެވެ.
ކުރީގެ ރިޕޯޓުތަކާ ހިލާފަށް، ޗައިނާއިން އެ ގައުމުގެ ބައެއްގެ ގޮތުގައި ދައުވާކުރާ އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާނުގެ ވާހަކަ މިފަހަރުގެ ލިޔުމުގައި ހިމަނާފައެއް ނުވެ އެވެ. ނަމަވެސް، އެމެރިކާގެ މަގްސަދަކީ "ޗައިނާ ހިމެނޭ ގޮތަށް އެއްވެސް ފަރާތަކަށް އެމެރިކާ ނުވަތަ އެމެރިކާގެ ބައިވެރިންގެ މައްޗަށް ގަދަވެގަތުމުގެ ފުރުސަތު ނުދިނުން" ކަމަށް ލިޔެފައިވެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު، އެމެރިކާއިން ވަނީ 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ޓައިވާނަށް ވިއްކާނެކަން އިއުލާންކޮށްފައެވެ. މީގެ ރައްދުގައި ޗައިނާއިން ވަނީ ޓައިވާން ވަށައިގެން އަސްކަރީ ތަމްރީނުތަކެއް ބާއްވާފަ އެވެ.
އެމެރިކާގެ ސަލާމަތީ ކަންކަމުގައި ދެން ޗައިނާއަށް އިސްކަމެއް ނުދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ