149 މިލިއަން މީހުންގެ ލޮގިން މައުލޫމާތު ލީކްވެއްޖެ
މި އަހަރު ފެށުނުތާ މަސްދުވަސް ނުވަނީސް، ދުނިޔޭގެ މަޝްހޫރު އެޕްލިކޭޝަންތަކެއް ބޭނުންކުރާ 149 މިލިއަނަށްވުރެ ގިނަ މީހުންގެ ޔޫޒާނޭމްއާއި ޕާސްވޯޑް ހިމެނޭ ބޮޑު ޑޭޓާ ބްރީޗެއް ފެންމަތިވެއްޖެއެވެ. ވައިރޑް މެގަޒިންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއްވެސް ރައްކާތެރިކަމެއް ނެތް ޑޭޓާބޭސްއަކުން ލީކުވި މި މައުލޫމާތުތަކުގެ ތެރޭގައި ޖީމެއިލްގެ 48 މިލިއަން އެކައުންޓާއި، ފޭސްބުކްގެ 17 މިލިއަން އެކައުންޓުގެ އިތުރުން ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމެއް ކަމަށްވާ ބައިނޭންސްގެ 420,000 އެކައުންޓް ހިމެނެއެވެ. މި ބޮޑު ލީކު ފުރަތަމަ ހޯދި ސެކިއުރިޓީ އެނަލިސްޓް ޖެރެމީ ފައުލާ ބުނި ގޮތުގައި މީގެ ތެރޭގައި އިންސްޓަގްރާމް، ޓިކްޓޮކް، އެކްސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ޑޭޓިން އެޕްތަކުގެ އިތުރުން ނެޓްފްލިކްސްއާއި ޑިޒްނީ ޕްލަސް ފަދަ ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް ވަނީ ހާމަވެފައެވެ. މީގެ އިތުރުން، ބައެއް ގައުމުތަކުގެ ސަރުކާރުގެ ވެބްސައިޓްތަކަށް ވަންނަން ބޭނުންކުރާ ލޮގިން މައުލޫމާތާއި، ބޭންކް އެކައުންޓްތަކާއި ކްރެޑިޓް ކާޑުގެ މައުލޫމާތު ވެސް މި ޑޭޓާބޭސްއިން ފެނިފައިވާތީ މިއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މާހިރުން ދެކެއެވެ. https://sun.mv/208658 ޖުމުލަ 96 ޖީބީގެ މައުލޫމާތު ހުރި މި ޑޭޓާބޭސްއަކީ އެއްވެސް ރައްކާތެރިކަމެއް ނެތި އާންމުކޮށް ހުޅުވާލެވިފައި އޮތް އެއްޗެއް ނަމަވެސް، އެކަން ހޯސްޓިން ކުންފުންޏަށް އެންގުމުން ވެސް އެ ޑޭޓާބޭސް ބަންދުކުރުމަށް އެތައް މަހެއް ނެގިކަން ފައުލަރ ފާހަގަކުރިއެވެ. މި ޑޭޓާބޭސްއަކީ ކޮން ބައެއްގެ އެއްޗެއްކަމާއި، މައުލޫމާތުތައް ލީކުވެފައި އޮންނަން ފެށީ ކޮންއިރަކުކަން އަދިވެސް ސާފުވެފައި ނުވާއިރު، ފައުލަރ މި މައުލޫމާތުތައް ހޯދުމުގެ ކުރިން އެހެން ބަޔަކު އެއަށް އެކްސެސްވި ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ. މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އެއް ޕާސްވޯޑެއް ގިނަ ސައިޓްތަކުގައި ބޭނުންނުކުރުމަށާއި، ޓޫ-ފެކްޓާ އޮތެންޓިކޭޝަން ފަދަ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މާހިރުން މިހާރު ދަނީ އިރުޝާދު ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ