ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީން ގޮވާލައިފި ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީން ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން، ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ކުޑަކަމުން، މެނުއަލްކޮށް ވެސް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް އޮންލައިންކޮށް ކުރިމަތިލުމަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ، 24 ގަޑިއިރު އޮންލައިންކޮށް ކުރިމަތިލެވޭނެ އިންތިޒާމު ވެސް އިލެކްޝަނުން ހަމަޖައްސަން ޖެހޭ ކަމަށެވެ.
"ކައުންސިލް އަދި ޑަބްލިޔު ޑީސީއަށް އޮންލައިން ކޮން އެޕްލައި ކުރުމަށް ގިނަ ދަތިތަކެއްދިމާވާތީ 24 ގަޑިއިރު އޮންލައިން ކޮން އެޕްލައި ކުރެވެންޖެހޭ. އަދި އެޕްލައިކުރުމަށް ލިބިފައިވާ މުއްދަތު ކުޑަކަމުން މެނުއަލްކޮންވެސް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށް އީސީ އަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
އީސީން މިހާރު ކަނޑައަޅާފައިވާ ގޮތުންނަމަ އިންތިހާބަށް ކުރިމަތިލުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 18:00 އަށެވެ.
އަންނަ އެޕްރީލް 4، ގައި ބާއްވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލީ ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.
އެހެން އަހަރުތަކާ މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ވޯޓުލުން އެޕްރީލް 4، ގައި ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު އެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އީސީން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11، ވާ ހޮނިހިރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ