ހުޅުމާލެ އުތުރަށް "ދިރުން" ގެނެސްދޭން ވަރުގަދަ އަޒުމެއްގައި ޒާޔާ ނުކުމެއްޖެ ހުޅުމާލެ އުތުރަށް "ދިރުން" ގެނެސްދޭން ވަރުގަދަ އަޒުމެއްގައި ޒާޔާ ނުކުމެއްޖެ

ހުޅުމާލޭގެ އުސް އިމާރާތްތަކާއި ހަލަބޮލި މަގުތަކުގެ ފުރަގަހުގައި ފޮރުވިފައިވަނީ އެތައް ރައްޔިތުންނެއްގެ ކެކުޅުމާއި ކަންބޮޑުވުންތަކެވެ.
އެތައް ހާސް ބަޔަކު އާބާދުވެފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ، ފާތިމަތު ޒަހިއްޔާ (ޒާޔާ) ސިފަކުރާ ގޮތުގައި، "ކުށުގެ ހާއްޔެކެވެ." އަސާސީ ވަސީލަތްތަކުން މަހުރޫމްވެފައިވާ މި ސަރަހައްދަކީ ހަމައެކަނި "ހަނަފަސް ސަހަރާއެއް" ނޫނެވެ؛ އެއީ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ އިހުމާލުގެ ހިތްދަތި ނަތީޖާއެވެ. ނަމަވެސް، މި ހާލަތު ބަދަލުކޮށް، ހުޅުމާލެ އުތުރަށް ހަގީގީ "ދިރުން" ގެނެސްދިނުމުގެ އަޒުމާއެކު ފާތިމަތު ޒަހިއްޔާ (ޒާޔާ) މިވަނީ އަތްކުރި އޮޅާލާފައެވެ.
"ހުޅުމާލެ ފޭސް ދޭއްގެ ނަމުގައި މި ފަތުރާލި ހަނަފަސް ސަހަރާގެ ދަންތުރައިން މިންޖުވެ، ސިޓީއެއްގެ ދިރިއުޅުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މިތަނުގައި ގާއިމު ކުރެވެންޖެހޭ، ހިތް ފަސޭހަކަމާއި ފެހިކަމާއި ވަސީލަތުގެ ފުރިހަމަކަން މި ދާއިރާއަށް ވެސް ހައްގު،" ޒާޔާ ބުންޏެވެ.
އަންނަ އޭޕްރިލް 4، ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރު ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނިންމީ އެ އަޒުމުގައި ކަމަށް ޒާޔާ ބުންޏެވެ. އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯދައި ހުޅުމާލެ އުތުރަށް ދިރުން ގެނެސްދިނުމެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް ވާދަކުރަން ނިންމަން ޖެހުނު ސަބަބުތައް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ކުރާ ޒާޔާ ކިޔައިދިނީ ވަރަށް ތަފުސީލުކޮށެވެ.
"މި ތަނުގައި ހެޔޮ އެދޭ އަމިއްލަ ދެ ފަރާތަކުން އަޅައިދީފައިވާ މިސްކިތެއް ނޫނީ ދެން ފެންނަން ހުރީ މުޅީން ވެސް ވަގުތީ މިސްކިތްތައް، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަޅައިދިން ސްކޫލެއް ނޫނީ އިތުރު ސްކޫލަކުން އަދި ހިދުމަތް ދޭކަށް ނުފަށާ ދަރިވަރުންނަކަށް، އެންމެ ޕްރީ ސްކޫލެއް ހުރީ،" ޒާޔާ ބުންޏެވެ.
އޭނާ ބުނީ ދިވެހިރާއްޖޭގައި އެއް ތަނެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ތަނަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ކަމަށްވާއިރު، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއް ފުރާޅެއްގެ ދަށުން ފަރުވާ ހޯދޭނެ ގޮތެއް ވެސް އެ ތަނުގައި ނެތް ކަމަށާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަ ޖައްސާލެވޭނެ ފަދަ މާހައުލެއް ވެސް އެ ތަނުގައި ނެތް ކަމަށެވެ.
އެ ތަނުގައި ދިރިއުޅޭ ރައްޔިތުން ކަސްރަތު ކޮށްލާނެ އައުޓްޑޯ ޖިމްތަކެއް ވެސް އެ ތަނުގައި ނުހުންނަ ކަމަށާއި ޕާކިންގެ މައްސަލަ ވެސް ދެވަނަ ފިޔަވަހީގައި އޮތީ ބޮއްސުންލައިގެން ގޮސްފައި ކަމަށް އޭނާ ބުންޏެވެ.
"މި ދެންނެވި 60،000 ރައްޔިތުންނަށް ހިދުމަތް ދޭން މި ތަނުގައި ހުރީ ހުޅުމާލެ ހޮސްޕިޓަލުގެ ކައުންޓަރުގަނޑެއް." ޒާޔާ ބުންޏެވެ.
މީގެ 12 ވަރަކަށް އަހަރު ކުރިން މީހުން ދިރިއުޅެން ފެށި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށް ޒާޔާ ބުންޏެވެ.
އެގޮތުން ވާރޭ ވެހޭނަމަ، ކިތަންމެ ބޮޑު ބައްޔެއް ވެގެން ބަލި މީހަކު ހޮސްޕިޓަލަށް ވެސް ގެންދަންޖެހެނީ ތެންމައިގެން ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ ހިޔާ ޓަވަރުތައް ޑިޒައިން ކޮށްފައި ހުރީ އެ ތަނަށް ވަދެ ނުކުމެ ހަދާ މީހުންނަށް ވާރެއިން ހިޔާ ނުވެވޭ ގޮތަށް ކަމަށް ވާތީ ކަމަށް ޒާޔާ ބުންޏެވެ.
"މި ތަނުގެ ސެކިއުރިޓީ އެއްވެސް ވަރަކަށް ނުބެލެހެއްޓޭ، އެހެންވުމުގެ ސަބަބުން މި ތަން މިއަދު މިއޮތީ ކުށުގެ ބޮޑު ހާއްޔަކަށްވެފައި، ތި ބޭފުޅުން ނިކަން ބައްލަވައިލައްވާ ނޫސްތަކުގެ ހެޑްލައިންތައް ފުލުހުންގެ ސްޓެޓިސްޓިކްސްއާ، މި ދިވެހިރާއްޖޭގައި އެންމެ ކުށްކުރުން ގިނަ އެއް ސަރަހައްދަކަށް ވާނެ މިތަން،" ޒާޔާ ބުންޏެވެ.
އެތައް ހާސް ބަޔަކު ދިރިއުޅޭ ފަސްގަނޑެއްގައި އެހާ ނިކަމެތިކޮށް މީހުން ދިރިއުޅެން ޖެހިފައި ވަނީ ޒިންމާދާރު މަގާމުތަކާ ހަވާލުވާ މީހުންނަށް އެކަށީގެންވާ ގޮތެއްގައި އެކަންކަމުގެ އަޑު ނުއުފުލޭތީ ކަމަށް ޒާޔާ ބުންޏެވެ. ކައުންސިލަށް ވާދަކުރަން ނިންމީ އިހުމާލުގެ އެ ސިލްސިލާއަށް ނިމުން ގެންނަން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު މި ނުކުންނަނީ އެ ސިލްސިލާއަށް ނިމުން ގެންނަން، އިހުމާލުގެ ސިލްސިލާއަށް، މި ތަނަށް މިހެންވެފައި މިއޮތީ މީގެ ކުރިން ޒިންމާތަކާ ހަވާލުވެތިބި މީހުންގެ އިހުމާލުން، އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒުގެ ދަށުގައި ހުންނަ މީހެއް ނޫން، މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު ހުންނާނީ މި ކަންކަމުގައި އަޑު އުފުލުލައިދޭން،" ޒާޔާ ބުންޏެވެ.
"މީގެ ކުރިން ކައުންސިލަރު ކަމަށް ވެސް މީހުން ނުކުންނަނީ އެ މީހުންގެ އަސްލު ޒިންމާތައް ނޭނގި ތިބެ، ވައުދުތަކެއް ވެގެން، އަޅުގަނޑު މި ނުކުންނަނީ ވައުދުތަކެއް ހިފައިގެންނެއް ނޫން، މި ނުކުންނަނީ ޕްލޭންއަކާ އެކު،" ޒާޔާ ބުންޏެވެ.
އޭނާ ބުނީ ހުޅުމާލެ އުތުރު ރައްޔިތުންގެ ތެރެއިން އެންމެ ބޮޑު ބަޔަކީ މާލޭ ރަށްވެހިންގެ ތެރެއިން، ބޭއިންސާފުގެ ރަހަ އެންމެ ބޮޑަށް އަރުތެރޭގައި ލާފައި ތިބި ދަފުތަރުގެ ރައްޔިތުންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މާލޭ ދަފުތަރުގައި ތިބި ރައްޔިތުންނަށް ވެސް މާލޭގެ އެހެން ރައްޔިތުންނެކޭ އެއް ހަމައެއްގައި ހައްގުތައް ކަށަވަރު ވާންޖެހޭނެ އެވެ.
"ދަފުތަރުގެ ރައްޔިތުންގެ ބޭނުމެއް މި ވީހައިތަނަށް ޖެހިފައި މި އޮންނަނީ ހަމައެކަނި ވޯޓަކާ ޖެހުނީމާ، އެއަށްފަހު އެ މީހުންގެ ހާލެއް، ހަބަރެއް މީހަކު ނުބަލާ، މާލޭ ރައްޔިތުންނެކޭ އެއްވަރުގެ ހައްގުތަކެއް އެ މީހުންނަށް ވެސް ކަށަވަރު ވާންޖެހޭ، އެ މީހުން ބާކީވެފައި ތިބި ތިބުން ނިމުމަކަށް އަންނާން ޖެހޭ،" ޒާޔާ ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ އަދަދު، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދެގުނަ ވާނެކަން ފާހަގަކޮށް ޒާޔާ ބުނީ އެ ސަހަރަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުމުގައި ލަސްތަކެއް ދިމާވާ މައިގަނޑު ސަބަބަކީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީގެ ދަށުގައި އޮތުމެވެ.
"އެޗްޑީސީގެ ދަށުން އެބަޖެހޭ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލު ކުރަން، އެކަން ނުވެގެން އުޅެނީ އެކަމުގައި މޭޔަރާއެކު މަސައްކަތް ކުރާނެ އިހުލާސްތެރި ކައުންސިލަރުންތަކެއް ނެތީމާ. އަޅުގަނޑު ކައުންސިލަށް އިރާދަކުރެއްވިއްޔާ މި ވަންނަނީ އެފަދަ ހުރިހާ ކަމެއްގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއްދީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން،" ޒާޔާ ބުންޏެވެ.
އޭނާ ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ކުށް ކުރިން އިންތިހާއަށް އިތުރުވެފައިވާއިރު އެ ސަހަރުގައި ދިރިއުޅޭ ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް އެއްވެސް ބަޔަކު ނުކުރާ ކަމަށެވެ.
"އަޅުގަނޑު މި ނުކުންނަނީ ވަޒީފާ ނެތިފައި ތިބި މީހުންނަށް ހާއްސަކޮށް ޒުވާނުންނަށް އެކި ކަހަލަ ސްކިލްތައް ދަަސްކޮށްދީ ވަޒީފާއަށް އަހުލުވެރިކުރަން، އިރާދަކުރެއްވިއްޔާ ކައުންސިލުގެ ފަރާތުން އަޅުގަނޑުމެން ހިންގާނަން ޕްރޮގްރާމްތައް ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރަން،" ޒާޔާ ބުންޏެވެ.
އުސް އިމާރާތްތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން މުހިންމު ހިދުމަތްތައް ހޯދުމުގައި ވެސް ވަރަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭކަން ފާހަގަކޮށް ޒާޔާ ބުނީ އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެ މީހުންނަށް ތަސައްލީއެއް ހޯދައިދިނުމަކީ ވެސް ކައުންސިލުގެ ޒިންމާއެއް ކަމަށެވެ.
އޭނާ ކައުންސިލަށް އިންތިހާބުވުމާއެކު، އެފަދަ ހުރިހާ މައްސަލަތަކަކަށް ތަސައްލީއެއް ހޯދައިދޭނެ ކަމަށް ޒާޔާ ބުންޏެވެ،
"އިރާދަކުރެއްވިއްޔާ މި ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދައިދިނުމަށް އަބަދުމެ ވަކާލާތު ކުރާނެ މީހެއްގެ ގޮތުގައި އަޅުގަނޑު އަބަދުވެސް ހުންނާނީ، ހުޅުމާލެ އުތުރަށް ދިރުން އަޅުގަނޑު ގެނެސްދޭނަން، ވެރިންނަށް ފޮނުވާ ސިޓީތަކާއި އާދޭހުގެ ކަރުދާސްތަކުގައި ފޮރުވިފައި ހުރި މި ޝަކުވާތަކުގެ އަޑު ކައުންސިލުގައި ގަދަކޮށް އަޅުގަނޑު އިއްވާނަން،" ޒަޔާ ބުންޏެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ހަދައި، ސިޓީއެއްގެ އިހުސާސް ކުރެވޭ ވަރުގެ ދިރިއުޅުމެއް އެތަނުގެ ރައްޔިތުންނަށް ލިބޭނީ ކެނޑިނޭޅި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ހިތްވަރު ހުރި މީހަކު ކައުންސިލަށް އިންތިހާބު ކޮށްގެންނެވެ.
ޒާޔާ ގަބޫލު ކުރާ ގޮތުގައި މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެ ކެންޑިޑޭޓަކީ އޭނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ