ފިޔޯރީގައި ބޭއްވި ބީފާނު ކަޕުގެ ޗެމްޕިއަންކަން ދަޑިމަގަށް
ގދ. ފިޔޯރީގައި ބޭއްވި ބީފާން ކަޕް 2026 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރަތަފަންދޫ ސްޕޯޓްސް ކުލަބު 3-2 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގުން ހޯދި މި ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ. މެޗުގެ ފުރަތަމަ ސެޓު ދަޑިމަގުން ކާމިޔާބުކޮށްފައިވަނީ 16-25 އިންނެވެ. ދެވަނަ ސެޓު ވާދަވެރިކޮށް ފެނުނު ނަމަވެސް ފަހުވަގުތު ހޯދި ޕޮއިންޓުތަކާއެކު ރަތަފަންދޫން މި ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ. ތިންވަނަ ސެޓު ދަޑިމަގުން ނިންމާލީ 25-16 އިންނެވެ. ހަތަރުވަނަ ސެޓު 19-25 އިން ކާމިޔާބުކުރިއިރު މެޗުގެ ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓު 15-09 އިން ކާމިޔާބުކުރީ ދަޑިމަގުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ދަޑިމަގުގެ ބިދޭސީ ކުޅުންތެރިޔާ ކަވަޗީކާ މަދުޝަންކާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދަޑިމަގުގެ ސުމިތު ޖަވަލާލެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ފިޔޯރީގެ ހަސަން ޒައީމް އިބްރާޙީމެވެ. މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ރަތަފަންދޫގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި ފިޔޯރީގެ އަހްމަދު ހުޒާމުގެ އިތުރުން ދަޑިމަގުގެ އަހްމަދު ނާސިހުއާއި އަހްމަދު މުޙައްމަދު (ކޯކޭ) އެވެ. މީގެއިތުރުން ރަތަފަންދޫގެ މުޙައްމަދު ރިމާޒް އާއި ދަޑިމަގުގެ އަހްމަދު ނަބީލުގެ އިތުރުން މާރިފް އަލީ ނަސީރެވެ. "ކިންގް އޮފް ބީފާން" ގެ މަގާމަށް ހޮވުނީ ރަތަފަންދޫގެ ޖުނައިދު އަބްދުﷲ އެވެ. މީގެއިތުރުން މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެކުވެރި ފުނާޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ