މާލޭގައި އުޅޭކަމުގެ ލިއުން ދޫނުކުރަން މަޑަވެލީ ކައުންސިލުން ނިންމައިފި

އެ ކައުންސިލުން މީގެ ކުރިން ބެލެހެއްޓި މައުލޫމާތުތަކަކަށް ނުވާތީ، މި ސަރުކާރުގެ ފްލެޓާއި، ގޯތީގެ ސްކީމަށް ކުރިމަތިލާ ގދ. މަޑަވެލީ ރައްޔިތުންނަށް އެ މީހަކީ މާލޭގައި ދިރިއުޅެމުން އައި މީހެއްކަން އެނގޭފަދަ ލިޔުމެއް ދެވެން ނެތްކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.މަޑަވެލި ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މާލޭ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލުމާ އެކު، އެ ރަށުގެ ވަރަށް ގިނަ ބަޔަކު، މާލޭގައި ދިރިއުޅޭ މީހެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އެ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.އެކަމަކު، މަޑަވެލީގައި ރަށްވެހިފައިވާ މާލޭގައި ދިރިއުޅޭ މީހުންގެ ރެކޯޑްތަކަކީ، ދިރިއުޅުން ބަދަލުކުރި އަހަރާ އެކު އެ ކައުންސިލުން ރަސްމީ ސިފައެއްގައި ކުރިން ބަލަހައްޓާފައިވާ މައުލޫމާތުތަކެއް ނޫން ކަމަށް ބުންޏެވެ.މަޑަވެލީ ކައުންސިލުން އެގޮތަށް އިއުލާނުކުރިއިރު މިފަހުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކައުންސިލު ރައީސަށް މާލޭގައި މީހަކު 15 އަހަރު އުޅުނު ކަމަށް ބަޔާންކޮށް ލިޔުން ނުދެވޭނެ ކަމަށެވެ. "ކައުންސިލު ރައީސަށް ހިތުގައި އޮންނަ އެނގޭ އެނގުމަކަށް ބޭސްކޮށްފައި ލިޔުމެއް ނުދެވޭނެ. އެއީ އިންސްޓިޓިއުޝަނެއްގައި ރެކޯޑުކޮށްފައި ރައްކާކޮށްފައި ބަހައްޓާ މައުލޫމާތަކަށް ބޭސްކޮށްފައޭ ޑޮކިއުމަންޓެއް ދެވޭނީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ދޫކުރާ 15،000 ގޯއްޗާއި 7،900 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެ އެވެ.މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރާ 3،000 ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ އަދި މިހާރު ވެސް އުޅެމުންދާ މީހުންނަށެވެ.މީގެ ކުރިން މާލޭން ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ވެސް، މާލޭގައި ދިރިނޫޅޭ މީހުން ވެސް، މާލޭގައި ދިރިއުޅޭކަމުގެ ލިޔުން ކައުންސިލުން ހޯދައިގެން ފްލެޓުތަކަށް ކުރިމަތިލާފައިވެ އެވެ. އެހެންވެ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް ހުޅުވާލީ، ކައުންސިލުން ހޯދާ ލިއުމަކީ ސައްހަ ލިޔުމެއްކަން ސާބިތުކޮށްދެވޭނެ ލިޔެކިއުންތައް ހުރުން އުސޫލުގައި ލާޒިމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ