ގޭހުގެ މައްސަލާގައި އެސްއޯއީ ކޮމެޓީން މައުލޫމާތު ސާފުކުރަނީ

މޯލްޑިވް ގޭހުން ގޭސް ގަތުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ބުނާ މައްސަލާގައި މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ބެލެނިވެރި ފަރާތް، އެސްޓީއޯ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު ވަނީ އެ މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް އެދި މައްސަލައެއް ފޮނުއްވައިފަ އެވެ.
ތަފްސީލް - މިއަދު އޮތް އެސްއޯއީ ކޮމެޓީގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށާއި، އެހެންކަމުން އެ މައްސަލާގައި އެސްޓީއޯ އިން މައުލޫމާތު ސާފުކުރަން ހުށަހަޅުއްވާ ކަމަށެވެ.
"މިކަމާ ބެހޭ ގޮތުން އެސްޓީއޯ އިން ބެއްލެވުންތަކެއް ބައްލަވާފައި ފިޔަވަޅުތަކެއް އަޅުއްވާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ގޭސް ގަތުމުގެ މަސައްކަތް ވެސް މިހާރު ކުރަނީ އެސްޓީއޯ އިން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކޮމެޓީން މިއަދު ނިންމީ އެެ މައްސަލާގައި ލިޔުމުން މައުލޫމާތު ސާފުކުރުމަށެވެ.
ގުޅުން ހުރި - މޯލްޑިވް ގޭސްއަށް ގޭސް ގަތުމުގެ ހުރިހާ ކަމެއް މިދިޔަ އޭޕްރީލް މަހު ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ.
އެ ފިޔަވަޅު އަޅަން އެސްޓީއޯގެ ބޯޑުން ނިންމީ އޮކްޓޯބަރު 2024ގެ ތެރޭގައި މޯލްޑިވް ގޭސްއިން، ގޭސް ގަންނަން ދުބާއީގެ ކުންފުންޏަކަށް ފޮނުވި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގޭސް ނުލިބި ގެއްލުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ