ނިދީގައި އެ ފެންނަ ހުވަފެންތަކުގެ އަސްލަކީ އަދި ހަގީގަތަކީ ކޮބައިބާވަ އެވެ؟ ހަމަޖެހި ކަނޑައެޅިފައި އޮތް އެއް ޖަވާބެއް ނެތް މި ސުވާލު އިންސާނުން އެކަކު އަނެކަކާ ކުރަމުންދާތާ ލައްކަ ޒަމާނެކެވެ. ބަޔަކު މީހުންނަށް އެއީ ބިލާހަކަށް ވާއިރު، އަނެއް ބަޔަކަށް އެއީ އުއްމީދެކެވެ.
ރޭގައި އަޅުގަނޑަށް ފެނުނު ހުވަފެނަކީ، މުޅި ދިވެހި ގައުމާއި ގައުމިއްޔަތާ ގުޅިފައިވާ، ބަޔާންކުރަންދަތި އުފާވެރިކަމެއް ހިތަށް ގެނުވި ރީތި ހުވަފެނެކެވެ. އެއީ ދިވެހި ބަހާއި އަދަބިއްޔާތުގެ އައު ބާބެއް އުފަންވެގެން ދިޔަ މަންޒަރެވެ.
އަޅުގަނޑަށް ފެނުނީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އޮނަރަބްލް އާދަމް ނަސީރު ނިކަން ހަރު ހިނގުމެއްގައި ވަޑައިގެން ރައީސް އޮފީހަށް ވަދެވަޑައިގެންނެވި މަންޒަރެވެ. އެމަނިކުފާނު އެ ވަޑައިގެންނެވީ ކެބިނެޓު ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގެ ހާއްސަ އެޖެންޑާއަކަށް އޮތީ އެ މިނިސްޓްރީން ހުށަހަޅާ ކަރުދާހަށް ބަހުސް ކުރުމެވެ.
ގައުމިއްޔަތު މިނިސްޓްރީން ހުށަހަޅާފައި އޮތީ އެ މިނިސްޓްރީން އިސްނަގައިގެން، ދިވެހި ބަހުގެ އެކަޑެމީއާ ގުޅިގެން "ދިވެހި ބަހުން ފޮތް ލިޔުމުގެ ގައުމީ މުބާރާތް" އިއުލާނުކުރުމުގެ މައްސަލަ އެވެ. ކަރުދާހުގައި ތަފުސީލުކޮށްދީފައި އޮތްގޮތުން މި މުބާރާތަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، އަދި ދިވެހި ތާރީހުގައި ވެސް ބޭއްވޭ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މުބާރާތުގެ މައިގަނޑު މަގުސަދަކީ އެހެން ބަސްބަހުން ހުންނަ މުހިންމު ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުން ނުވަތަ އަމިއްލަ އައު ފޮތްތައް އުފެއްދުމެވެ. ދީނީ އިލްމު، އިޖުތިމާއީ އިލްމު، ހިސާބު، ސައިންސް، ވާހަކަ، ޅެން، ތާރީހު އަދި ބައޮގްރަފީ ފަދަ ހުރިހާ ދާއިރާއަކުން ފޮތް ލިޔުމަށް ހުޅުވާލުމަށް އޮތީ ރޭވިފަ އެވެ.
މި މުބާރާތުގެ އެންމެ އާދަޔާހިލާފު ކަމަކީ މުބާރާތަށް ކަނޑައަޅާފައިވާ ބޮޑު އިނާމެވެ. އިނާމުގެ ގޮތުގައި އެކަނި ޖުމުލަ ފަނަރަ މިލިއަން ރުފިޔާ ދިނުމަށް އޮތީ ކަނޑައެޅިފަ އެވެ. މިހިސާބުން ފިނޭންސް މިނިސްޓަރު ކަރުކެހިލާފައި ވިދާޅުވި އެވެ. ޕެންޝަން ފަންޑުން ނުވެގެން ކާގިލްއަށް އަތްދިމާކޮށްގެން ތިބި ދައުލަތަކުން މިވަރުގެ ތަކުލީފެއް އުފުލާނީ ކިހިނެއް ހެއްޔެވެ؟ ގައުމިއްޔަތު މިނިސްޓަރު އިންނެވީ މި ސުވާލު އަންނާނެކަން އެނގިވަޑައިގަންނަވާތީ ނިކަން ރަނގަޅަށް ތައްޔާރުވެވަޑައިގެންނެވެ. އަތްޕުޅުގައި ހުރި ކަރުދާސްތަކުގެ ތެރެއިން ކަރުދާހެއް ނަންގަވައި، ވާހަކަފުޅު ދައްކަވަން ފެށްޓެވި އެވެ.
ވިދާޅުވި އެވެ. ދިވެހި ބަހާއި ލިޔުންތެރިކަން ކުރިއެރުވުމަކީ ދިވެހި ގައުމިއްޔަތު ކުރިއެރުވުމެވެ. ދިވެހި ބަސް ކުރިއަރާނީ ދިވެހި ބަހުން ލިޔެގެންނެވެ. ދިވެހި ބަހަކީ ހަމައެކަނި ގޭގައި ވާހަކަ ދައްކާ ބަސް ކަމަށްވެފައި، މައުލޫމާތެއް ހޯދަން ބޭނުންކުރަންޖެހެނީ އެހެން ބަސްތައް ކަމަށް ވުމަކީ ދިވެހިބަސް ހީނަރުވަމުން ދިއުމުގެ އަސްލު ސަބަބެވެ. މި މުޖުތަމައުގައި ލިޔުންތެރިންނާއި އިލްމީ މީހުން ކިތަންމެ ގިނަ ނަމަވެސް ފޮތްލިޔެ ޝާއިއުކުރުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. އެކަން ކުރެވޭނީ ސަރުކާރުން އެކަމަށް ބާރުއަޅައި ހިތްވަރު ވެސް ދީގެންނެވެ. ސަރުކާރުން ކުޅިވަރު މުބާރާތްތަކަށް ހޭދަކުރާހެން، ފޮތް ލިޔުމަށް ހިތްވަރު ދިނުމަށް ހޭދަ ނުކުރެވޭންވީ ސަބަބެއް ނުވިސްނެ އެވެ. އެއީ އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ ކަމެކެވެ.
މިކަމަށް ފައިސާ ހޯދާނޭ ގޮތް ވެސް މިނިސްޓްރީން ދިރާސާކޮށްފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ހުށަހެޅުއްވީ ހައުދަހައި އީޖާދީ ހިޔާލުފުޅެކެވެ. ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ މުސާރައިން ދެ އަހަރު ދުވަހުގެ މުއްދަތަށް މަހަކު 500 ރުފިޔާ އުނިކުރީމާ މި ފައިސާ ހަމަޖެހެ އެވެ. ގައުމުގައި ތިބި 2000 އެއްހާ ސިޔާސީ މުވައްޒަފުންގެ އަތުން މަހަކު ފަސްސަތޭކަ އުނިކުރުމުން، ދެ އަހަރު ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެ އެވެ. މިއީ މި މުބާރާތް ހިންގުމަށާއި، އިނާމު ދިނުމަށް ވެސް އެކަށީގެންވާ އަދަދެކެވެ.
ކެބިނެޓުން ނިންމީ މިނިސްޓްރީން ހުށަހެޅުއްވި ގޮތަށް މި މުބާރާތް އިއުލާނުކުރުމަށެވެ. އެހެންނަމަވެސް ސިޔާސީ މުވައްޒަފުންގެ މުސާރައިން އުނިކުރަންޖެހޭތީ އެ މުވައްޒަފުންގެ ރުހުން ހޯދަން ވެސް ނިންމުނެވެ. މިކަމާ ސުވާލުކުރެވުމުން، މި ހުށަހެޅުމަށް ސިޔާސީ މުވައްޒަފުން ވަރަށް ބޮޑު ތަރުހީބެއް ދީ، ހިތުން ރުހުމުން އެކަމުގެ އިގުރާރުގައި ސޮއިކުރި އެވެ. އަދި މި މަޝްރޫއު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވެއްޖެ ނަމަ މުސާރައިން އުނިކުރާ އަދަދު 1000 ރުފިޔާއަށް އިތުރުކުރަންވެސް އެ މީހުން ތިބީ ތައްޔާރަށެވެ.
މުބާރާތުގެ ފަނޑިޔާރުންގެ ކޮމިޓީގައި ތިއްބެވީ ރާއްޖޭގެ ނަން މަޝްހޫރު އިލްމުވެރިންނާއި ދިވެހި ބަހުގެ އަދީބުންނެވެ. އެކި ދާއިރާތަކުން ފޮތް ލިޔުއްވާފައިވާ ލިޔުންތެރިންނެވެ. ދީނީ އިލްމާއި، ތާރީހާއި ބަސް ފަދަ ހުރިހައި ބަހާއަކުން ފޮތްތަކުގެ ފެންވަރު ވަޒަންކުރެވޭނޭ ފަދަ ގާބިލު ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.
މި މުބާރާތަށް އިއުލާނުކުރެވުމާއެކު ލައްކަ ގިނަ ފޮތްތަކެއް ހުށަހެޅުނެވެ. ގިނައީ އެހެން ބަސްބަހުން ހުރި އިލްމީ ފޮތްތަކުގެ ތަރުޖަމާ އެވެ. މިޒަމާނުގެ އާޓިފިޝަލް އިންޓަލިޖަންސްގެ އެހީގައި ތަރުޖަމާކުރުން ވެފައި އޮތީ ފަސޭހަ ކަމަކަށެވެ. ތަރުޖަމާ ކުރާ މީހެއްގެ ޒިންމާއަކީ ބަސްމަގު ހަމަޖެއްސުމާއި، ފޮތުގައި ބުނާ އެއްޗެއް ދޭހަވާނޭ މިންވަރަށް ހިމުންކުރެވިފައިވާކަން ކަށަވަރުކުރުމެވެ. މުބާރާތުގައި ހޭދަވެގެން ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ފޮތް ލިޔުމާއި، އިލްމީ ފޮތްތަކާމެދު އިލްމީ ބަހުސްކުރުން އާންމުވެގެން ދިޔަ އެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރި އިރު، އެއްވަނައަށް ދިޔަ 20 ފޮތުގެ ތެރެއިން ކޮންމެ ފޮތަކަށް 4 ލައްކަ ރުފިޔާ، ދެވަނައަށް ދިޔަ 10 ފޮތަށް ކޮންމެ ފޮތަކަށް 2 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދިޔަ 5 ފޮތަށް ކޮންމެ ފޮތަކަށް 1 ލައްކަ ރުފިޔާގެ އިނާމު ދެވުނެވެ. މުޅި މުބާރާތުން ހުރިހައި ގޮތަކުން އެއްވަނައަށް ދިޔަ ފޮތަށް އެއް މިލިއަން ރުފިޔާގެ އިނާމެއް ދެވުނެވެ. މީގެ އިތުރުން، މުބާރާތް ބަލަހައްޓާ ކޮމިޓީން ފާސްކުރާ ކޮންމެ ފޮތަކަށް ފަންސާސްހާސް ރުފިޔާގެ އިނާމެއް ދިނުމަށް ނިންމުނެވެ. މި ފޮތްތައް މިނިސްޓްރީގެ ހަރަދުގައި ޝާއިއުކޮށްދިނުމުގެ އިތުރުން، ފޮތުގެ ފިކުރީ މުދަލުގެ ހައްގު ލިބިގެންވަނީ ލިޔުންތެރިޔާއަށް ކަމަށް ވެސް ހަމަޖެހުނެވެ.
މި މުބާރާތުގެ ދެ އަހަރު ނިމިގެން ދިޔައީ ދިވެހި ލިޔުންތެރިކަމުގެ "ރަން ދައުރު" ގެ ގޮތުގަ އެވެ. ފާއިތުވި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ލިޔެވުނު ފޮތްތަކަށްވުރެ ގިނަ ފޮތް މި ދެ އަހަރު ތެރޭގައި ޝާއިއުކުރެވި، ދިވެހި ބަހުގެ ކަންޒު އެތައް ގުނައަކުން މުއްސަނދިވެގެން ދިޔަ އެވެ. ގައުމިއްޔަތު މިނިސްޓަރާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ މިހާތަނަށް ދިވެހި ބަހަށާއި ދިވެހި ލިޔުންތެރިކަމަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވި ސިޔާސީ ޝަހުސިއްޔަތުން ކަމަށް ވެސް މުޅި ގައުމު އިއްތިފާގުވި އެވެ.
މިހިސާބަށް ދިޔަތަނާ ހޭލެވިއްޖެ އެވެ. މުޅި މާހައުލަށް ބަލާލެވުނު އިރު އެއީ ހުވަފެނެއްކަން އެނގުމުން ހިތަށް ކުޑަ މާޔޫސްކަމެއް ލިބުނެވެ. އެހެނަސް، ހިތުގައި އުފެދުނު ސުވާލަކީ މި އެވެ. މި ރީތި ހުވަފެނަކީ ހަގީގަތަކަށް ވެދާނެ ބާވައެވެ؟ ދިވެހި ބަހާއި ގައުމިއްޔަތަށްޓަކައި މިފަދަ ގުރުބާނީއެއް ވާނެ ވެރިންނާއި މުވައްޒަފުން މި ގައުމުގައި ނޫޅޭނެ ބާވައެވެ؟ އުންމީދަކީ މި ހުވަފެން ހަގީގަތަކަށް ވެގެން ދިއުމެވެ.
އަޅުގަނޑަށް ފެނުނު ހުވަފެން؛ ދިވެހި ބަހުން ފޮތް ލިޔުމުގެ ގައުމީ މުބާރާތާއި 24 މިލިއަން ރުފިޔާގެ އިނާމު އަޅުގަނޑަށް ފެނުނު ހުވަފެން؛ ދިވެހި ބަހުން ފޮތް ލިޔުމުގެ ގައުމީ މުބާރާތާއި 24 މިލިއަން ރުފިޔާގެ އިނާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ