ހިތުގައި ތިނަން ވާތީ... 03
        އެ އަޑު ދިޔައީ ރާޅުތަކުގެ އަޑާއި އެކުވެގެންނެވެ. އިވްލީން ދެލޯ ހުޅުވައިލީ މަޑުމަޑުންނެވެ. އަތިރިމައްޗަށް ބީއްސައިލި ރާޅާއިއެކު ފައިދަށުން އެއްޗެއް ވިދައިލިހެން އޭނާއަށް ހީވިއެވެ. އިވްލީން ކުޑަކޮށް ގުދުވެފައި ވެލިގަނޑު ހާވައިލިއެވެ. އޭނާއަށް ފެނުނީ، ކުރީ ދުވަހުވެސް ފެނުނު ކުޑަ ގައުކޮޅެވެ. މަޑު ފެހިކުލައެއްގެ ވިދުމެއް ހުރި އެ ގައުކޮޅު އޮމާންވެފައި މަޑެވެ. އިވްލީން މަޑުމަޑުން އެ ގައުކޮޅު ނެގިއެވެ.  ********  މޫދުގައި އޮތުމުން، ގައުކޮޅު ކޮންމެވެސް ވަރަކަށް ހޫނެވެ. އިވްލީންގެ އަތުގެ ތެރެއަށް ލުމުން، ގައުކޮޅު ފިނިވެ، ކުޑަކޮށް ވިދުން މަޑުވިހެން އޭނާއަށް ހީވިއެވެ.  "ހާދަ ލޯތްބޭ!... މިހާރު ތީ އަހަރެންގެ އެއްޗެއް.." އިވްލީން އެ ގައުކޮޅުގައި މަޑުމަޑުން ފިރުމައިލިއެވެ.  "އެކަނިހުރެ ވާހަކަދެއްކުމުގެ މިޒާޖު ދުވަހަކުވެސް ބަދަލެއް ނުވާނެދޯ؟..." ފަހަތުން އިވުނު އަޑާއިއެކު، އިވްލީން ސިހިފައި ފަސްއެނބުރި ބަލައިލިއެވެ.  "އާކިލް!..." އިވްލީންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ.  "ބައެއް ކަންކަން ދުވަހަކުވެސް ބަދަލެއް ނުވާނެއޭ ބުނެއެއްނު... ކޯއްޗެއް ތި ހޮވަނީ؟..." އިވްލީންގެ އަތަށް ބަލައިލަމުން އާކިލް ސުވާލު ކުރިއެވެ.  ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ނޫ ޖީންސްގައި އާކިލް ފެންނަނީ ފިރިހެންވަންތަކޮށެވެ. ތޫނު ދެލޮލުން އިވްލީނަށް ބަލަން ހުރީ، ކަތި ނަޒަރަކުންނެވެ. ތުންފަތުގައިވީ، ލުއި ހިނިތުންވުމެކެވެ. އިވްލީންގެ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވޭހާ އާކިލްގެ ސިފަތައް ފުރިހަމައެވެ.  "ކޮންކަމެއް ބޭނުންވެގެން އާކިލް ތިއުޅެނީ؟..." އިވްލީން އޭނާގެ އަތް ފުރަގަހަށް ލިއެވެ.  "ކޮފީ... ދެން ކޯއްޗެއް؟..." އާކިލް ދެކޮނޑު އަރުވައިލިއެވެ.  އިވްލީންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އާކިލްއަށް ބަލަން އޭނާ އިރުކޮޅަކު ހުއްޓެވެ. އާކިލް ގަސްދުގައި އިވްލީނަށް ޖެއްސުން ކުރަނީއެވެ. ރުޅި އަރުވަނީއެވެ.  "ކެފޭ ހުރީ ހުޅުވާފަތަ؟..." އާކިލް މައުސޫމު ގޮތަކަށް ސުވާލުކުރިއެވެ.  "ކެފޭ ހުޅުވާފަތޯ ހުރީ ބަލަން އަންނަނީ މިތަނަށް؟..." އާކިލްގެ ސުވާލަށް ޖަވާބުދޭ ވަރަށްވުރެ އިވްލީން ހުރީ ހިތްހަމަނުޖެހިފައެވެ.  "ކެފޭގެ އޯނަރު ފެންނަން ހުއްޓާ، އެހެން ތާކަށް ދާންވީ ކީއްކުރަން؟.." އާކިލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.  "އަހަރެން ހިއެއް ނުކުރަން މިކަހަލަ ގަވާއިދާ ހިލާފުވާ، އަބަދު ޖޫރިމަނާވެފަ އޮންނަ ކެފޭއަކަށް ތިހާ އިންޓްރެސްޓް ވެދާނެ ކަމަކަށް..." އިވްލީން ހިނގައިގަތެވެ.  "ކިހިނެއްވީ؟... ޖޫރިމަނާ ކުރީތަ؟..." ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، އިވްލީންގެ އަތުގައި ހިފައިލިއިރު، އާކިލްގެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.  "މާ އިނޮސެންޓްވާން އުޅޭނެކަމެއް ނެތް..." އާކިލްގެ އަތް ފޮޅުވައިލަމުން އިވްލީން ތަންކޮޅެއް ބާރަށް ބުނެލިއެވެ. "އަހަންނަށް އެނގޭ މިކަމާ އާކިލްއާ ގުޅުމެއް ވާނެކަން..."  "ކީކޭ ތި ކިޔަނީ؟..." އާކިލްގެ މޫނުން ހައިރާންކަން ފިލައިގެން ނުދެއެވެ.  "އަހަރެން މޮޔައެއް ނޫނޭ އާކިލް..." ގޮތް ހުސްވެފައިވާ ރާގަކަށް އިވްލީން ބުނެލިއެވެ. "އާކިލް ހަމަ އަންނަ އިރަށް މި ހުރިހާ ކަމެއް ފެށިއްޖެ... ކުއްލިއަކަށް ކައުންސިލަށް ކޮންޕްލެއިންސް ދާންފަށައިފި... ކެފޭ ޖޫރިމަނާކޮށްފި... ސަޕްލައިވެސް... މީ އިއްތިފާގަކަށް ނުވާނެ..."  "ތި ހުރިހާ ކަމެއް ކުރަން އަހަންނަކަށް ޓައިމްއެއް ނެތް..." އިވްލީންގެ ވާހަކަ އަޑު އަހަން ހުރި އާކިލްއަށް އައު ހިތްވަރެއް ލިބުނު ކަހަލައެވެ. "އަހަރެން ކަމެއް ކުރަންޏާ، އެކަމެއް ކުރާނީ ވަރަށް ސްޓައިލްގަ... ތިގޮތަށް ސިއްރުން އެއްވެސް ކަމެއް ކުރާނެ މީހެއް ނޫން އަހަންނަކީ... އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކު ތީ...."  "އާނ... އާކިލް ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ސްޓައިލްގަ... ބައެއް ކަންކަން ނުވާކަންކަމަށް ހަދާލައިގެން ހުންނަންވެސް އެހާ މޮޅު މީހެއް ތީ.." އިވްލީން އަނެއްކާވެސް ދާން ހިނގައިގަތެވެ.  "އަދިވެސް އަހަރެންދެކެ އެހާ ރުޅިއާދޭތަ؟..." ފުން ނޭވާއެއް ދޫކޮށްލަމުން އާކިލް ބުނެލިއެވެ.  "ތި ނޭވާގެ އަޑު އިވުނަސް ރުޅިއާދޭ..." އިވްލީން ޖަވާބު ދިނެވެ.  ރާޅުތަކުގެ އަޑާއި އެކުވެގެން އައި އިވްލީންގެ އަޑުން، އާކިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އެފަދަ ޖަވާބެއް އިވްލީންގެ ފަރާތުން ލިބިދާނެކަމަށް އާކިލް ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.  "ދެންފަހަރަކުން، އިވްލީންގެ ކައިރީ ހުންނާނީ ނޭވާ ނުލާ... އެގޮތް އޯކޭދޯ؟..." އާކިލް ތަންކޮޅެއް ބާރަށް ބުނެލިއެވެ.  އިވްލީން ގޮސް ލޮލުގެކޮޅަށް އޮބާލަންދެން ބަލަން ހުރެފައި އާކިލް ހިނގައިގަތީ، ކެފޭއާއި ދިމާއަށެވެ. އިވްލީންދެކެ ރުޅި އަންނަން ބޭނުންވިޔަސް، އާކިލްއަކަށް އެކަމެއް ނުވެއެވެ. ކުރިއެކޭ އެއްގޮތަށް އިވްލީނަށް ސަމާސާކޮށްލެވުމުން އާކިލްގެ ހިތަށް އުފާވެރިކަން ލިއްބައިދެއެވެ.  ********  ކެފޭ ސާފުކޮށް ނިންމާފައި އިވްލީން ބަލައިލީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. ގަޑިން މެންދަމުން އަނބުރާ އެކެއް ޖެހީއެވެ. އިވްލީން އޭނާގެ ޖީބުން ނެގީ މޫދުން ފެނުނު ގައުކޮޅެވެ. ކުޑަކުޑަ ބިއްލޫރި ފުޅިއަކަށް ގައުކޮޅު ލާފައި، ކަބަޑުގައި ބޭންދިއެވެ. ކެފޭގެ ބޮކިތައް ނިވާލުމުން، އެ ގައުކޮޅު ވަކިން ފެހި ކުލައަކުން ދިއްލިފައި އިނެވެ. އިވްލީންގެ ހަރަކާތްތަކަށް ބަލަން ތަންކޮޅެއް ދުރުގައި އާކިލް ހުއްޓެވެ. އެހާ ލަސްވަންދެން އެކަނި ކެފޭގައި ވަގުތު ހޭދަކުރަން އިވްލީން ޖެހިލުން ނުވަނީ ކީއްވެބާއޭ އާކިލްގެ ހިތަށް އެރިއެވެ. އިވްލީން ނުކުމެ، ދޮރު ތަޅުލި މަންޒަރު ބަލަން ހުރެފައި، އާކިލް ގަސްތަކާއި ނިވާވެލިއެވެ.  އެއްވެސް ފިކުރެއްނެތި ބައިސްކަލު ދުއްވާފައިދިޔަ އިވްލީނަށް ވަކި ހިސާބަކުން އޭނާގެ ފަހަތުން މީހަކު އަންނަހެން ހީވިއެވެ. އިވްލީން ބައިސްކަލު ހުއްޓާފައި، ފަސްއެނބުރި ބަލައިލިއެވެ. ފަހަތުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އިވްލީން ތަންކޮޅެއް ބާރަށް ބައިސްކަލު ދުއްވައިލިއެވެ. ގެއާއި ހަމައަށް ދެވުނުއިރު، އިވްލީނަށް މާނޭވާ ލެވެއެވެ. ބައިސްކަލު ފާރުގައި ލައްކޮށްލުމަށްފަހު، އިވްލީން އަވަސްއަވަހަށް ގެއަށް ވަދެ، ދޮރު ލެއްޕިއެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް އިވްލީނަށް ދިމާވި ކަމެއް ނޫނެވެ.  *******  މުޅި މާހައުގައި ހަރުލާފައި ހުރީ، ޕާން ފިހެވެމުންދިޔަ ވަހެވެ. ބޭރު ކުނިކަހާފައި ކެފޭއަށް ވަންނަން އުޅުނު އިވްލީންގެ ބޮލަށް އެނބުރުން އަރައިގަތެވެ. ކެފޭގެ ތަޅުގައި ހިފަހައްޓައިލި ނަމަވެސް އިވްލީން އަރި އަޅައިލިއެވެ. ދޮރުގައި ލައްވެގެން ކަހަލަ ގޮތަކަށް އިވްލީން ބިންމައްޗަށް ތިރިވިއެވެ. އިވްލީންގެ މެޔަށް ފިތޭހެން ހީވިއެވެ. ނޭވާ ނުލެވިގެން އޭނާ މޭގައި ދެފަހަރަކު ޖަހައިލިއެވެ.  ރިމްޝާ އައިއިރު، އިވްލީން ތެދުވެ، ގައިން ވެލި ފޮޅައިލަނީއެވެ. އިވްލީންގެ ނިތްކުރިމަތިން ދާހިއްލާލާފައިވާއިރު، މޫނުން ފެންނަމުންދިޔައީ ވަރުބަލިކަމެވެ.  "ކިހިނެއްވީ؟... ވެއްޓުނީތަ؟..." ރިމްޝާ ކަންބޮޑުވިއެވެ.  "މި... މި... ގަސްކޮޅު ނޮޅާލީ..." އިވްލީނަށް ދޮގު ހަދަން މަޖުބޫރުވިއެވެ.    "އަހަރެން ހީކުރީ ފެއިންޓްވީ ކަމަށޭ..." ރިމްޝާ ހީގަތެވެ.  އިވްލީން ކޮފީ ހިފައިގެން އައިއިރު، ރިމްޝާ އިނީ ދެކޯތާފަތުގައި އަތް ވިއްދާލައިގެން، ހިޔާލަކަށް ގެއްލިފައެވެ. ކޮފީގެ ވަސް ދުވުމާއިއެކު، އިވްލީންގެ އަތުން ކޮފީތަށި އަތުލައިގެން ވަގުތުން ބޯން ފެށިއެވެ.  "އިނގޭތަ މިއަދު އޮފީސްތެރޭ ދައްކާ ވާހަކައެއް...." ރިމްޝާ މާޔޫސީ ނަޒަރަކުން އިވްލީނަށް ބަލައިލިއެވެ. "މިތާ އެގްޒިޓްގަ ޖަހާފަ އެހުރީނު ޓޭބަލްސްތަކެއް... އެތާ ކޮންމެސް ކަމެއް ކުރަން އުޅެނީ... އެމީހުން ހަމަ އީވްގެ ޓޭބަލްތައްދެކެ ރުޅި އަންނަނީއޭ..."  "އެއީ ޕާސަނަލްވުން..." ޕޭސްޓްރީ އެއްޗެހި އަޅާފައިވާ ތަށި ރިމްޝާގެ ކައިރިއަށް ޖައްސާލަމުން އިވްލީން ބުނެލިއެވެ.  "އެ މިރާހް މިއަދުވެސް ނާންނަނީ؟..." ގަޑިއަށް ބަލައިލަމުން ރިމްޝާ ބުނެލިއެވެ.  "ހާޒިރުވެ ހުރިން..." ފޮށިގަނޑެއް ހިފައިގެން އެތެރެއަށް ވަން މިރާހްގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ.  "އަބަދުވެސް ތިހެން..." ރިމްޝާ ތުންފިއްތައިލިއެވެ.  "މިއައީ ސަޕްލައި ހިފައިގެން... މާލެއިން ނުގެނެވުނު ހުރިހާ އެއްޗެއް މިހުރީ ގެނެއްސަ..." ފޮށިގަނޑު ކައުންޓަރުގެ މަތީގައި ބަހައްޓާފައި މިރާހް އެނބުރުނެވެ. "އެއްވެސް އެއްޗެއް މަދުތޯ ބަލާލަބަލަ؟..."  "ކިހިނެއް ގެނައީ؟..." އިވްލީންގެ ދެލޯ ވިދައިލިއެވެ.  "ނިއު ސަޕްލަޔަރެއް ހޯދީ... ދެން ނުޖެހޭނެ ހާސްވާކަށް... ކުރިން ލިބުނު އަގަށްވުރެވެސް މިހާރު އަގު ކުޑަވާނެ... މިއޮތީ ބިލް..." މިރާހް ހުރީ އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެފައެވެ.  "ތޭންކް ޔޫ..." ފޮށިގަނޑުގައި ހުރި އެއްޗެހިތައް ބަލަމުން އިވްލީން ބުނެލިއެވެ.  އެއިން ދުވަހަކު އިވްލީންގެ މޫނުން ނުފެންނަ އުފާވެރިކަން އެވަގުތު ފެންނަން ހުއްޓެވެ. މިރާހް ރިމްޝާއާއި ދިމާއަށް ބަލައިލުމުން، ރިމްޝާ ތުންއަނބުރައިލިއެވެ. ހަގީގަތުގައި މިރާހް ކޮށްދޭ ކަންކަމަށް ރިމްޝާ ޝުކުރުވެރިވެއެވެ. މިރާހަކީ، އޯގާތެރި މީހެކެވެ. އަމިއްލަ ނަފުސަށްވުރެ އަބަދުވެސް އެހެން މީހުން އިސްކުރެއެވެ.  "ބައެއް ކުދިންހެން އަބަދު ޓެންޝަން ހިފައިގެންނެއް އަހަރެމެން ނާންނާނަން..." ހަމައެކަނި ރިމްޝާއަށް އިވޭ ވަރަށް މިރާހް ބުނެލިއެވެ.  މިރާހް ހީލިގޮތުން ރިމްޝާ ދެލޯ އަޅާލާފައި ފުންމައިގެން ތެދުވިއެވެ. ކޮފީތަށި މިރާހާއި ދިމާއަށް އުކާލާކަމަށް ހެދުނެވެ. މިރާހް އަވަސް އަވަހަށް ފޮށިގަނޑު ހިފައިގެން ބަދިގެއަށް ވަނެވެ. އެއްޗެހިތައް އަތުރާފައި އޭނާ ނުކުތްއިރު، އިވްލީން އިނީ ބިލުތަކުގެ ތަފްސީލްތައް ހަދާށެވެ.  "އެމީހުން އެއުޅުނީ އީވް ބިރުގަންނުވާލަން... އީވްގެ މަސައްކަތް ހުއްޓުވާލަން... އެއްވެސް ވަރަކަށް އެމީހުންގެ މަގުސަދު ހާސިލުވިޔަ ދީގެން ނުވާނެ..." މިރާހް ބުނެލިއެވެ.  "އަހަރެން ބިރެއް ނުގަނޭ... އަހަރެން ހިތަށް އަރަނީ، ދުވާލަކު ސައްވީސް ގަޑިއިރަށްވުރެ އިތުރަށް ވަގުތު ލިބޭނެނަމައޭ.." އިވްލީން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.  "ވަގުތު ހޯދަނީ ކީއްކުރަން... މިހާރު ބޮޑު ޑްރާމާގަނޑަކާއެކީއެއްނު ތި އުޅެންޖެހެނީ..." ރިމްޝާއަށް އެއްޗެއް ނުބުނެ ނީނދެވުނެވެ.  ދޮރު ހުޅުވުނު އަޑާއިއެކު، ބެލް އެޅުނު އަޑު އިވުނެވެ. އެތެރެއަށް ވަން އާކިލް ފެނުމާއިއެކު، އެންމެން ހިމޭންވިއެވެ. ފަހަރަކު މީހަކަށް ބަލައިލުމަށްފަހު، އާކިލް ދެޖީބަށް އަތް ޖަހައިލިއެވެ.  "ކުރާނެ ކަމެއްވެސް ނެތިގެން އުޅޭ މީހުން އުޅޭ..." ރިމްޝާ ކުދިކިޔައިލިއެވެ.    "މިއަދު މިއައީ ޗެކިންވާން... ތަން ސްޕަވައިޒްކޮށްލަދީފާނަން...." އާކިލް ސަމާސާކޮށްލިއެވެ.  އިވްލީން އަވަސް އަވަހަށް ގޮސް ކޮފީ ހަދަން ފެށިއެވެ. އާކިލްގެ ސަމާސާތަކުން އިވްލީންގެ ހިތުގެ ވިންދު އަވަސްކުރުވިޔަސް، އޭނާ މަސައްކަތް ކުރަނީ އެކަން ނުދައްކާވޭތޯއެވެ. އާކިލް ކައުންޓަރުގެ ކައިރިއަށް ޖެހިލިއެވެ. އިވްލީން ކޮފީތަށި އާކިލްގެ ކައިރީގައި ބެހެއްޓިއެވެ.  "އަދި އެއް ކޮފީ... ދެން ޓޫ ޕިއްޒާ ސްލައިސް... ޓޫ ފިޝް ބަން... ޓޫ ޗިކަން ސޭންޑްވިޗް..." އާކިލް އޯޑަރު ދިނެވެ.  އިވްލީން އާކިލްއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އާކިލްއަކީ އެއްފަހަރާ އެހާ ގިނައިން ކާ މީހެއް ނޫނެވެ. އެހާ ގިނަ އެއްޗެއްސަށް އޯޑަރު ދިނުމުން، އިވްލީން ނިންމީ އާކިލް ޖެއްސުން ކުރަނީ ކަމުގައެވެ. އާކިލް އޯޑަރު ދިން އެއްޗެހި ކައުންޓަރުގެ މަތީގައި ބަހައްޓާފައި އިވްލީން އުޅުނީ ބަދިގެއަށް ދާށެވެ.  "މި އީވްއަށް..." ޕިއްޒާ ފޮއްޗެއް ނަގާފައި ބާކީބައި އިވްލީންގެ ކައިރިއަށް ޖައްސައިލަމުން އާކިލް ބުނެލިއެވެ. "ޔޫ ލުކް ޕޭލް..."  "ވަޓް؟..." އިވްލީނަށް އަވަސް ނަޒަރެއް ދެވުނީ ތަންކޮޅެއް ދުރުގައި ތިބި މިރާހް މެންނަށެވެ. "އާކިލް ކީއްވެތަ ކަންކަން ކޮމްޕްލިކޭޓް ކުރަން ތިއުޅެނީ؟..."  "އަހަރެން މި ހެލްޕް ވަނީނު... ބިޒްނަސްވެސް ރަނގަޅުވާނެ... އީވްގެ ހެލްތްވެސް..." އާކިލްގެ މޫނުން މާބޮޑު އަސަރެއް ނުފެނުނެވެ. "ތިވަރުގެ ހިތްވަރުގަދަ އަންހެންކުއްޖެއް އަހަރެން ނުދެކެން... އަހަރެން ބޭނުން އީވްއަކީ ސަކްސަސްފުލް މީހަކަށް ވާން..."  "މަލާމާތް ކުރަނީތަ؟..." އިވްލީން ދެލޯ ހަނިކޮށްލިއެވެ. "އާކިލް މިހާރު ތިހެން އުޅުނީމަ، އަހަންނަށް ލިބެނީ އިތުރު ސްޓްރެސްއެއް.."  "ދެން ތިހާ ގޯސްކޮށް ހީނުކޮށް، މިއެއްޗެހި ކާލާ..." އާކިލް އެދުނެވެ.  "ބެސްޓް ވިލަން..." މުޅި ތަނުގައި ހަރުލީ ރިމްޝާގެ އަތްތިލަބަޑީގެ އަޑެވެ. "އަޑިއަޑިން އީވްއަށް ޖެއްސުންކޮށްފަ، ބޭރުފުށުން ހަމަ ހީރޯއެއް.. ވާއު..."  (ނުނިމޭ)
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ