ލަމްހާ އަނެއްކާވެސް ޝަރިއަތް ނިމެންދެން ބަންދުކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރިއަތް ނިމެންދެން އަނެއްކާވެސް ބަންދުކޮށްފިއެވެ. އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ލަމްހާ، ޝަރިއަތް ނިމެންދެން މިއަދު އަލުން ކްރިމިނަލް ކޯޓުން ބަންދު ކުރީ އޭނާ ބަންދު ކުރަން ކުރިން ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމުން އެހެން ގާޒީއަކު ވަގުތީ ގޮތުން ހަވާލުވެ، ބަންދާ މެދު ގޮތެއް ނިންމައިގެންނެވެ. މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ. ލަމްހާ، ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 އެވެ. އެ ފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފުކުރިއެވެ. އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ދިޔައެވެ. ލަމްހާގެ މައްސަލައިގައި ގާޒީ ފާއިޒް ކުރިން ވިދާޅުވީ އޭރު ބަންދުން ދޫކޮށްލާފައިހުރި ލަމްހާ، އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ. އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައި މިއަދު އޭނާ އަލުން ބަންދު ކުރީ އެފަދަ އެސެސްމެންޓެއް ހަދައިގެން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހެވެ. އެއަށްފަހު މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހެވެ. އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި ވާއިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ