ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވައިފި ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ދަނިކޮށް އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ ލިންކެޑިން އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
މިކަމަށް އިހުތިޖާޖުކުރުމުގެ ގޮތުން އޮކްޓޯބަރު 22، ގައި ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވި އެވެ. އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.
"މި މުއާމަލާތަށް މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި އޭގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފެދޭ، ރާއްޖޭގެ އިޤްތިސާދަށް ނުރައްކާ ބޮޑު، އަދި ބޯޑުގެ ފައިޑިއުޝަރީ ޒިންމާއާ ފުށުއަރާ މުއާމަލާތެއް،" ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ސަރުކާރުން އަދިވެސް އެއްބަހެއް ނުވެ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ އިސް ވެރިން ދިން އިންޓަވިއުތަކުގައި ބުނަނީ ކުރަން އުޅޭ ކަމަކީ އިންވެސްޓެއް ކަމަށެވެ. އެކަމަކު، އަމިއްލަ ކުންފުނިތަކަށް ނުދެއްކި ފުނިޖެހިފައި ހުރި ބިލްތައް އެ ފައިސާއިން ދޭނެ ކަމަށް ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ