ފާޑުކިޔުންތައް އަމާޒުވެފައިވާ އޭސީސީގެ އަންނަ އަހަރުގެ ބަޖެޓު ނުވަ ޕަސެންޓް ކުޑަ ކޮށްފި

މަސްއޫލިއްޔަތު އަދާނުކުރެވޭ ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަންނަ އަހަރުގެ ބަޖެޓު މިއަހަރު އެ ކޮމިޝަނަށް ޚަރަދު ކުރާވަރާ އަޅައިބަލާއިރު، ނުވަ އިންސައްތަ ކުޑަކޮށްފިއެވެ. އަންނަ އަހަރަށް ސަރުކާރުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާއިރު، އެ ބަޖެޓުގައި ވަނީ، އޭސީސީއަށް 47 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެއާ ޚިލާފަށް، މި އަހަރު އެ ކޮމިޝަނަށް 52 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ބަޖެޓުގައިވެއެވެ. ވީމާ، މިއަހަރާ އަޅައިބަލާއިރު، އަންނަ އަހަރު އޭސީސީގެ ބަޖެޓު ވަނީ ނުވަ އިންސައްތަ ކުޑަކޮށްފައެވެ. https://www.sun.mv/213362 އަންނަ އަހަރު އޭސީސީއަށް އެންމެ ގިނަ ފައިސާ ކަނޑައަޅައިފައިވަނީ މައްސަލަ ތަހުގީގު ކުރުމަށެވެ. އެއީ، 21 މިލިއަން ރުފިޔާ ކަމަށްވާއިރު، ކޯޕަރޭޓު ޚިދުމަތްތަކަށް 20 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އޭސީސީގެ ރައީސް އާދަމް ޝާމިލް -- ސަން ފޮޓޯ/ މުޙައްމަދު މާވީ ކޮރަޕްޝަން ހުއްޓުމަށް އަންނަ އަހަރަށް އޭސީސީގެ ބަޖެޓުގައި ހިމަނާފައި ވަނީ، އެންމެ ހަތަރު މިލިއަން ރުފިޔާއެވެ. އެއީ، މިއަހަރާ އަޅާބަލާއިރު، 67 އިންސައްތައިގެ ދަށްވުމެކެވެ. އޭސީސީއަށް އަންނަ އަހަރު ޚަރަދުކުރަން އެންމެ މަދު އަދަދެއްގެ ކަނޑައަޅާފައި އޮތީ ލީގަލް އަދި ކޮޕްލަޔަންސްއަށެވެ. އެ ކަަމަށް ހިމަނާފައި އޮތީ، ދެ މިލިއަން ރުފިޔާއެވެ. މިދިޔަ މަހު 29ގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހިނގަމުންދާއިރު އޭސީސީން ފިޔަވަޅެއް އަޅާތަން ނުފެންނަ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ. އޭގެކުރިން މިދިޔަ ޖަނަވަރީގައި ނާޒިމް ވަނީ، އޭސީސީ އޮތީ އެންމެ ރަނގަޅު މޮޑެލްގެ ގޮތުގައި ކަމަށް މިހާރު ގަބޫލުނުކުރެއްވޭ ކަމަށާއި، މައްސަލައަކީ ނިންމުންތައް ނިންމުމުގައި ފަސްޖެހުން ކަމަށް ވިދާޅުވެފައެވެ. https://www.sun.mv/203597 އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ. މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ވަނީ ހުށަހަޅައިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ