ލަންކާ އަތުން ބަލިވިޔަސް ދިވެހި ޓީމުން ކުރިއެރުންތަކެއް ފެނުނު
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ)ގެ 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވި ނަމަވެސް ދިވެހި ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ފެނުނު ކަމަށް ކޯޗު މުނާ މުނީރު (މުންނަ) ބުނެފިއެވެ. މުބާރާތް ބާއްވާ ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު އެ ގައުމުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ދެ ސެޓު 9-25 އަދި 9-25ގެ ނަތީޖާއަކުން ލަންކާ ކާމިޔާބުކުރިއިރު މި ދެ ސެޓުގައި ދިވެހި ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ. ނަމަވެސް ފުރަތަމަ ސެޓާ ޚިލާފަށް ދެވަނަ ސެޓުގައި ކަންކަން ރަނގަޅުކޮށް ޓީމެއްގެ ސިފައިގައި ކުޅުނުތަން ފެނުނެވެ. އެއަށްފަހު ތިންވަނަ ސެޓުގައި ދިވެހި ޓީމު ފެނުނީ ތަފާތުކޮށެވެ. ލަންކާގެ އިސްކޮޅުން ދިގު ކުޅުންތެރިންނާ ދެކޮޅަށް ދިވެހި ކުޅުންތެރިން ވަނީ ހިތްވަރުކޮށް ގިނަ ޕޮއިންޓުތަކެއް ހޯދާފައެވެ. މި ސެޓު ލަންކާ ކާމިޔާބުކުރީ 25-15 އިންނެވެ. މި މެޗާ ކުރިމަތިލިއިރު، ދިވެހި ޓީމުގެ ގިނަ ކުޅުންތެރިންނަށް މި މެޗު ވެފައިވަނީ ފުރަތަމަ ބައިނަލްއަގުވާމީ ތަޖުރިބާއަށެވެ. އެ ހުރިހާ ގޮންޖެހުންތަކާއެކު ކޯޗު މުނާ ވަނީ މެޗަށްފަހު ކުޅުންތެރިންގެ ހިތްވަރު ފާހަގަކޮށްފައެވެ. "ހިތްވަރާއި މަސައްކަތަށް ކޯޗިން ސްޓާފުން ހިތްހަމަޖެހޭ، މިއީ މި ކުޅުންތެރިންގެ ފުރަތަމަ މެޗު ތަޖުރިބާ، މި ކުޅުންތެރިންނަކީ މީގެކުރިން އެ ކުޅުންތެރިން ކުޅުނު ޓީމުތަކުގައި ފަށާ ހަ ކުޅުންތެރިން ތެރޭގައި ނުހިމެނޭ ކުޅުންތެރިން، ގައުމީ ޓީމަށް ފަށާ ކުޅުންތެރިންގެ ގޮތުގައި މި މެޗުން ފެނުނީ، ތިންވަނަ ސެޓުގައި ރަނގަޅު ކަންކަން ފެނިގެންދިޔަ،" ކޯޗު މުންނަ ފާހަގަކުރިއެވެ. ރާއްޖެއާއެކު ޖުމްލަ ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މާދަމާ ރާއްޖެ ގަޑިން 13:30 ގައި ބައްދަލުކުރާނީ ކިރްގިސްތާނާއެވެ. އެ ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުގައި ފަސް ސެޓު ކުޅެގެން ނޭޕާލް ބަލިކޮށްފައެވެ. މި މެޗު ކާވާގެ ޔޫޓިއުބް ޕޭޖުން ވަގުތުން ގެނެސްދޭނެއެވެ. ހަތަރު ގައުމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ