ފިލިޕީންސަށް ތޫފާނަކަށް ފަހު ތޫފާނެއް؛ ދިވެހި ދަރިވަރުން ނުތަނަވަސްކަމުގައި

ޕިލިޕީންސްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ތިބި ސެބޫ ސިޓީ ހިމެނޭހެން، އެ ގައުމުގެ މެދުތެރޭގެ އެކި ސަރަހައްދުތަކަށް ރޭ ދަންވަރު ބާރުގަދަ ތޫފާނެއް އަރައިފި އެވެ. ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު ތޫފާންތަކެއް އަރާނެ ކަމުގެ އިންޒާރު ވެސް މިހާރު ވަނީ ދީފަ އެވެ.
ތަފްސީލް - ސެބޫ ސިޓީގައި ދިވެހި 25 ދަރިވަރަކު ކިޔަވަމުންދެ އެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު މިއަދު 'ދައުރު' އަށް ބުނިގޮތުގައި ތޫފާން 'ޓިނޯ'އާ ގުޅިގެން މިހާތަނަށް އެއްވެސް ދަރިވަރަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އެ ތޫފާން ރޭ ދަންވަރު އެރުމާ އެކު، މުޅި ސިޓީން ކަރަންޓު ކެނޑި ފެނާއި ކާބޯތަކެއްޗަށް ދަތިވި އެވެ. 'ދައުރު'އާ ވާހަކަދެއްކި ދަރިވަރު ބުނިގޮތުގައި:
މި ތޫފާނުގެ އެލާޓު ލިބުނީ މީގެ ދެ ދުވަސް ކުރިން 
އިއްޔެގެ ހެނދުނުން ފެށިގެން ބޯކޮށް ވިއްސާރަކޮށް މޫސުން ވަރަށް ގޯސްވެފައިވޭ 
އެ ސިޓީއަށް ތޫފާން އެރީ ދަންވަރު 1 ޖެހިއިރު؛ އެއީ ރާއްޖެ ގަޑިން ރޭ 11 ޖަހާކަށް ހާއިރު
އެ ވަގުތުން ފެށިގެން ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވެ މުޅި ސިޓީން ކަރަންޓު ކެނޑިފައިވޭ
ދިވެހި ދަރިވަރުން ތިިބި ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑުނު؛ އެކަމަކު މީގެ އިރުކޮޅެއް ކުރިން ވަނީ ކަރަންޓު ލިބިފައި
ފިހާރަތައް ހުޅުވީ މިއަދު މެންދުރު ފަހު؛ ތޫފާންގެ އެލާޓަށް ގިނަ ބަޔަކު ފިހާރަތަކަށް ގޮސް ދެ ދުވަސްކުރިން ވިޔަފާރި ކޮށްފައިވާތީ ފިހާރަތަކުގައި ގިނަ އެއްޗެހި ނެތް
ކަރަންޓު ކެނޑުމުގެ ސަބަބުން ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން ކަންކަމަށް ދަތިވިޔަސް، ކަރަންޓު ލިބުމާއެކު އެކަންކަން ހައްލުވެފައިވާ ކަމަށް ދަރިވަރު ބުންޏެވެ. އެކަމަކު ކުރިއަށް އޮތް ހަފްތާގައި ވެސް ތޫފާންތަކެއް އަރާނެ ކަމުގެ އެލާޓު ލިބިފައިވާތީ، އަނެއްކާވެސް ކަރަންޓު ކެނޑި، އެ ދަތިތައް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން އެބައޮތެވެ.
"މިއަދު ފިހާރަތައް ހުޅުވިއިރު ފެނެއް ނެތް. ޕާނެއް ވެސް، އެކަހަލަ އެއްވެސް އެއްޗެއް ފިހާރަތަކުގައި ނެތް. ހުރިހާ ރެސްޓޯރަންޓުތައް ވެސް ބަންދު. ކާއެއްޗެހި ހޯދަން އުނދަގޫ،" ނަން ނުޖަހާގޮތަށް ވާހަކަދެއްކި ދަރިވަރު ބުންޏެވެ.
"[އޭރު] ކަރަންޓު ނެތީމާ ކުރިން ގަނެފައި ހުރި އެއްޗެހި ކެއްކޭނެ ގޮތެއް ވެސް ނެތް. މިތާގެ ބައެއް ބިލްޑިންތަކުގައި އޮންނަ އުސޫލެއް ކަރަންޓު އިންޑަކްޝަން ކުކާ އެކަނި ބޭނުންކުރުން. އެހެންވީމާ ގޭސް އުނދުން ނުހުންނާތީ އެއްވެސް އެއްޗެއް [ކަރަންޓު ކެނޑިފައި އޮތް އިރު] ނުކެއްކޭ." 
ސެބޫ ސިޓީގައި ދިވެހި އެމްބަސީއެއް ނުހުރެ އެވެ. އެކަމަކު، ދަރިވަރު ބުނިގޮތުގައި، އެ މީހުން ވާނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެ މީހުންގެ ހާލަތު ބުނެދީފަ އެވެ. އަދި މިނިސްޓްރީގެ އެހީތެރިކަން މިހާރު ލިބެމުންދާ ކަމަށް އޭނާ ބުންޏެވެ.
"ކުރިއަށް އޮތް ހަފްތާގައި ވެސް އަދި އެބައޮތް ދެ ޓައިފޫން އަރާނެ ކަމުގެ އެލާޓު ނެރެފައި. އޭގެތެރޭގައި ސުޕަ ޓައިފޫނެއް ވެސް ހިމެނޭ. އެހެންވީމާ ޓައިފޫނަކަށް ފަހު ޓައިފޫނެއް މިހާރު މި އޮތް އަންނަނީ،" ދަރިވަރު ބުންޏެވެ.
ފިލިޕީންސްގެ މޫސުމާބެހޭ އިދާރާއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި: 
ތޫފާން 'ޓިނޯ' އެރިތާ 24 ގަޑިއިރުތެރޭ ވަނީ މަސް ދުވަހުގެ ވާރޭ ވެހިފައި
ގަދަ ވަޔާއި ބޯ ވާރޭގެ އިތުރުން ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި މިހާތަނަށް ގާތްގަނޑަކަށް ނުވަ މީހަކު މަރުވެފައިވޭ
ސެބޫ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި މުޅި ސިޓީގައި ފެންބޮޑުވެ ބައެއް ހިސާބުތަކުގައި މީހުންގެ ބޮލާ ހިސާބަށް ވެސް ފެންގަނޑު އަރާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ