ލަމްހާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023ގަ އެވެ. އޭގެ ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލުން ގޯސްކަމަށް ނިންމައި އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ހައި ކޯޓުން އަންގައިގެން ލަމްހާ ބަންދުކޮށްފައިވެ އެވެ. 
އޭގެފަހުން، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު އަނެއްކާ ވެސް ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ. އެގޮތުން:
އަލުން ބަންދުކުރަން ދައުލަތުން އެދުމުން، މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު އަންގަވާފައި އޮތީ ނުރައްކާ ވަޒަންކުރަން އެސެސްމަންޓެއް ހެދުމަށް 
އެ އެސެސްމަންޓު ނުހަދާނަމަ ބަންދާ މެދު ދެން ގޮތެއް ނިންމާނީ މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރުގެ ބަހެއް ހޯދުމަށްފަހު ކަމަށް ނިންމާފައިވޭ 
އެކަމަކު، މި މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދު އަމުރުޖެހި ގޮތާ ގުޅޭ މައްސަލައެއް ތަހުގީގުކުރަމުންދާތީ، ފާއިޒް މިހާރު ހުންނެވީ ސަސްޕެންޝަނެއްގަ އެވެ.
ތަފްސީލް - ފާއިޒް މިވަގުތު ސަސްޕެންޑުކޮށްފައި ހުރުމުން މިއަދު ލަމްހާގެ ބަންދާމެދު ގޮތެއް ނިންމީ ގާޒީ އިބްރާހިމް ޒިހުނީ އެވެ. ބަންދާމެދު ގޮތެއް ނިންމަން ބޭއްވި މިއަދުގެ އަޑުއެހުމުގައި ގާޒީ ޒިހުނީ ވިދާޅުވީ:
ލަމްހާއަށް ކުރެވޭ ތުހުމަތުތަކާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، ބަންދުކުރި ހާލަތު ބަދަލުވެފައި ނުވާތީ، ނުރައްކާ ވަޒަންކުރަން އެސެސްމަންޓެއް ހަދަން ވެސް އަދި މައްސަލަ ތަހުގީގުކުރި އޮފިސަރުގެ ބަހެއް ހޯދަން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށް
އަަޑުއެހުމުގައި، މިއަދު ވެސް ދައުލަތުން ފާހަގަކުރީ ލަމްހާއަކީ ފުލުހުން މޮނިޓާކުރަން ޖެހޭ ގޮތަށް ދޫކޮށްލާފައިހުރި މީހަކަށް ނުވާތީ އޭނާ އުޅޭނޫޅޭ ގޮތް ބަލައި ނުރައްކާ ވަޒަންކުރަން އެ އެސެސްމަންޓް ހެދެން ނެތް ކަމަށް
ދައުލަތުގެ ވަކީލު އަހުމަދު ނައުފަލު ވިދާޅުވީ ޖަލުގައި ލަމްހާ ހުރިއިރު އެތަނުގައި ތިބި ގައިދީންތަކަކަށް މަރުގެ އިންޒާރު ވެސް ދީފައި ވާތީ، އެފަދަ އަމަލުތަކަށް ބަލާއިރު ވެސް ލަމްހާ ބަންދުން ދޫކޮށްލާފައި ހުރުމަކީ މުޖުތަމައަށް ނުރައްކާ އޮތް ކަމެއްކަން އެނގޭ ކަމަށެވެ.
ރައްދުގައި ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ:
ޖަލުގައި ހިނގި ކަމަށް ބުނާ އެ މައްސަލާގައި ދައުލަތުން ކުރާ ތުހުމަތު ފިޔަވައި އެކަން ހަގީގަތުގައި ވެސް ހިނގިކަން އެނގޭ އެއްވެސް ހެއްކެތް ނެތް ކަމަށް 
އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ދައުލަތުން ބުންޏަސް، އެފަދަ މައްސަލައެއްގައި ލަމްހާއާ މިހާތަނަށް ފުލުހުން ސުވާލުކޮށްފާ ވެސް ނުވާ ކަމަށް ވިދާޅުވި
މީގެ އިތުރުން، ނުރައްކާ ވަޒަންކުރަން އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ހަދަން އެންގި އެސެސްމަންޓު ނުހަދާ ލަމްހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޝާއިރު ތަކުރާރުކޮށް ދެކޮޅު ހެއްދެވި އެވެ. 
ނަމަވެސް ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ގާޒީ ޒިހުނީ ނިންމެވީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ލަމްހާ ބަންދުކުރަންޖެހޭ ކަމަށެވެ. 
ޒިހުނީ ވިދާޅުވީ:
ލަމްހާއަށް މި މައްސަލާގައި ތުހުމަތުކުރެވޭ މިންވަރުގެ ކަންކަން ހުރިކަމަށް ދިފާއުން ވެސް އިއުތިރާޒެއް ނުކުރޭ
މިކަންކަން ހިނގާފައިވާގޮތާއި މައްސަލާގައި ލަމްހާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު ކުރީގެ ހާލަތަށް ބަދަލެއް އައިސްފައިވާ ކަމަކަށް ގަބޫލެއް ނުކުރެވޭ
ނުރައްކާ ވަޒަންކުރަން އެސެސްމަންޓެއް ހެދުމާއި އެ މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރުގެ ބަހެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ
"އެހެންކަމުން، ބަންދުކުރި ހާލަތަށް ބަދަލު އައިސްފައިވާ ކަމަށް ނުފެންނާތީ އަދި މި މައްސަލާގައި ލަމްހާގެ ބައިވެރިވުން އޮތް މިންވަރަށް ބަލައި، ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ރިމާންޑު ޖަލެއްގައި ބަންދުކުރަން މި ނިންމީ. އެޔާއެކު ހަމަ ދަންނަވަން މައްސަލަ ބައްލަވާ ގާޒީއަށް މި މައްސަލަ ރިވިއުކުރުން އެދި ހުށަހެޅުމުގެ ފުރުސަތު ދިފާއަށް އޮންނާނެ،" ޒިހުނީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ