ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒާއަކަށް ވުމަކީ ހއ. އިހަވަންދޫ ނޫތަރިގޭ، ރައްޔާ އަޙްމަދުގެ ވަރަށް ބޮޑު އުންމީދެކެވެ. އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން އެ ހުވަފެން ރައްޔާ ދެކެ އެވެ.
އަދި ގަދަ ހިތްވަރާއި މިންވަރުން ކުރި މަސައްކަތުން އުމުރުން އެންމެ 20 އަހަރުގައި ރައްޔާ ވަނީ ހާފިޒާއަކަށް ވުމަށް ކުރި އުންމީދުގައި ހަގީގީ ކުލަ ޖައްސާފަ އެވެ.
ކީރިތި ގުރުއާން ހިތުން ދަސްކޮށް ޙާފިޒުންގެ ކޮމިޓީ އަށް ކިޔައިދީ, އެންމެ ރަނގަޅު ނަތީޖާއިން ވަނީ ފާސްވެފަ އެވެ. 
ރައްޔާގެ އާއިލާ މިނިސްޓަރު ޝަހީމްއާއެކު ފޮޓޯއަކަށް ހުއްޓިގެން --
ރައްޔާގެ މި ކާމިޔާބީ ފާހަގަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އޭނާއާ އަދި އޭނާގެ އާއިލާއާ ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ގުރުއާންގެ އިލްމުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވި އެވެ.
ރައްޔާ ބުނި ގޮތުގައި ގުރުއާނަށް އޭނާގެ ހިތް ދޫވީ އުމުރުން އެންމެ ހަތަރު އަހަރުގައި ގުރުއާން ކިލާހަށް ކިޔަވަން ދާން ފެށި ހިސާބުންނެވެ. އޭގެ ފަހުން އުޅެ ބޮޑުވި މާހައުުލުގެ ތެރެއިން ލިބުނު ތަރުބިއްޔަތާއި އެ މާހައުލުގައި ގުރުއާނަށް އޮތް ޚާއްސަ ކަމުގެ ސަބަބުން އެ ދަތުރު އިތުރަށް ފަސޭހަވި އެވެ.
އެހެން ކަމުން ވަގުތު ހޯދައިގެން ގުރުއާނުން ބައެއް ދަސްކުރުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ގުރުއާނުން 15 ފޮތް ދަސްކުރި އެވެ.
މިނިސްޓަރު ޝަހީމް ރައްޔާއާ ބައްދަލު ކުރައްވަނީ --
ގުރުއާނަށް އޮތް ލޯބި ރައްޔާގެ ހިތުގައި ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. އެހެން ކަމުން މިދިޔަ ދެ އަހަރު ގުރުއާން ހިތުން ދަސްކުރުމަށް އިތުރަށް މަސައްކަތް ކުރި އެވެ. ރޭގަނޑުގެ ގިނަ ވަގުތު ހޭލާ އެކަމަށް ހޭދަކުރި އެވެ.
ދެ އަހަރުގެ މަސައްކަތުން ބާކީ ބައި ހިތުން ދަސްކުރި އެވެ. އަދި ކުރީން ދަސްކުރި 15 ފޮތުގެ މުރާޖާއާކޮށް ހާފިޒާއަކަށް ވުމުގެ މަތިވެރި ދަތުރު ފެށި އެވެ.
އޭގެ ފަހުން ކޮމެޓީއަށް ކިޔައިދީ ނިންމާ މަތީ ނަތީޖާއަކުން ފާސްވެ ރައްޔާގެ އެންމެ ބޮޑު އުންމީދު ހާސިލުކުރި އެވެ. މިއާއެކު ރައްޔާއާ އޭނާގެ އާއިލާއަށް ލިބުނީ ބޮޑު ޝަރަފެކެވެ. އެއީ މުޅި އިހަވަންދޫއިން ހާފިޒާއެއްގެ ޝަރަފު ހޯދި ފުރަތަމަ މީހަކަށް ރައްޔާ ވުމެވެ.
ހާފިޒުން އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން ވަނީ މި ފަހުން މުހިންމު ނިންމުމެއް ނިންމާފަ އެވެ. އެއީ އެންމެ ފުރަތަމަ ހާފިޒަކަށްވާ ތިން މީހަކަށް ބައި ލައްކައިގެ ފައިސާގެ އިނާމެއް ދިނުމެވެ.
އެ އިނާމު ފުރަތަމަ ހާސިލުކުރީ ރައްޔާ އެވެ.
    
    ރައްޔާއަށް ބޮޑު ޝަރަފެއް; އިހަވަންދޫގެ ފުރަތަމަ ހާފިޡާ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ