ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަމުންދާ 'މީޑިއާ ކޮންޓްރޯލް ބިލް' އޮތް ގޮތުން ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ވެސް ފިޔަވަޅު އެޅޭނެކަމުގެ އަޑު ގަދަވުމާ އެކު، ސަރުކާރުގެ އިސް ބޭފުޅުންނާއި ހަރަކާތްތެރިން އެ ބިލްގެ ދިފާއަށް ނުކުމެއްޖެ އެވެ.
ވީ ކިހިނެއް؟ - މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ހުށަހެޅި ބިލުގައިވާ ގޮތުން ނޫސްތަކާއި ނޫސްވެރިންނަށް ހިނގާނެ ކަމަށް އޮތް އުސޫލުތައް އިލެކްޓްރޯނިކް މީޑިއާ އާއި އިންޓަނެޓަށް ވެސް ހިނގާނެ އެވެ.
ނޫސްވެރިން މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު މި ވާހަކަތައް ލިޔެފައިވާ ލީފުލެޓްތަކަކާ އެކު މަގުތަކަށް ނުކުމެ އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފެށުމާ އެކު އެ ވާހަކަ ފުރަތަމަ ދޮގުކުރެއްވީ އެޓާނީ ޖެެނެރަލް އަހުމަދު އުޝާމެވެ. އެ ގޮތުން:
އުޝާމް މި ވާހަކަ ދެއްކެވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ބުރާސްފަތި ދުވަހުގެ ރޭ ދެއްވި އިންޓަވިއުގައި
އުޝާމް ވިދާޅުވީ "އާންމު ރައްޔިތުން ސޯޝަލް މީޑިއާގައި ދައްކާ ވާހަތަކަށް ފިޔަވަޅު އެޅޭ ގޮތަށް ނުވަތަ އެފަދަ ޕޯސްޓްތައް ރެގިއުލޭޓްކުރާ ގޮތަށް އޮތް ބިލެއް ނޫނޭ"
އޭގެ ފަހުން ނޫސްވެރިންނާއި ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ބިލުގައި އެ ގޮތަށް ބުނެފައިވާ މާއްދާތައް ފާހަގަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. ނޫސްވެރިންގެ ހަރަކާތްތައް ވެސް އިތުރުކުރުމާ އެކު މި އަޑު އިއްޔެ ވަރަށް ބޮޑަށް ގަދަވި އެވެ.
އެއާ އެކު މިނިސްޓަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ މަގާމުތަކުގައި ތިބި އެކްޓިވިސްޓުންގެ އިތުރުން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ގެންދަނީ ބިލު ދިފާއުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
ތަފްސީލް - ބިލު ދިފާއުކޮށް ދައްކާ އެއް ވާހަކައަކީ ވެސް ސޯޝަލް މީޑިއާގައި އާންމުންކުރާ ޕޯސްޓްތަކަށް ފިޔަވަޅު އަޅާ ގޮތަށް ބިލުގައި އެއްވެސް ކަމެއް ނެތް ކަމަށެވެ. އެ ވާހަަކަ މިއަދު ލިއުއްވި އެއް ބޭފުޅަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ. އެ ގޮތުން ވިދާޅުވީ:
ބިލުގައި ސޯޝަލް މީޑިއާގެ ޕޯސްޓްތައް ރެގިއުލޭޓްކޮށް، އެކައުންޓްތައް ބަންދުވާ ގޮތަކަށް ނެތް ކަމަށް
ޒުވާނުންނާއި އާންމު ރައްޔިތުން 'ގަދައަށް' ސޯޝަލް މީޑިއާ ބޭނުންކޮށް ހިޔާލުފާޅުކުރުމަށް
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް ރެގިއުލޭޓްކުރާ ވާހަކަ ދައްކަނީ، އިދިކޮޅު އެމްޑީޕީ އަޑީގައި އޮވެގެން، އެ ޕާޓީގެ ސަރުކާރުން ހިންގި 'ވައްކަންތައް' މި ސަރުކާރުގައި ބަލާނެތީ ސަރުކާރު ބަދުނާމުކުރަން ވެގެން ކަމަށް
ފަލާހުގެ އިތުރުން މަޖިލީހުގެ އެހެން ބައެއް މެންބަރުންނާއި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިބި އެކްޓިވިސްޓުން ގެންދަނީ ސޯޝަލް މީޑިއާގައި ޕޯސްޓަރުތަކެއް ވެސް ދައުރުކުރަމުންނެވެ. އެ ޕޯސްޓަރުތަކުގައި ލިޔެފައިވަނީ:
މީޑިއާ ބިލަކީ 'ރައްޔިތުންގެ އަބުރު ރައްކާތެރިކުރުމުގެ ބިލެއް' ކަމަށް
އެއީ 'އަނބިދަރިންނާ އެކު ހަބަރު ބަލަން ކެރޭވަރު ކޮށްދޭ ބިލު' ކަމަށް
އެ ބިލުގައި ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާ ވާހަކައެއް ނެތް ކަމަށް
ބިލުގައި ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ފިޔަވަޅު އެޅޭނެ ގޮތް އެކި މީހުން ފާހަގަކުރަން ފެށުމާ އެކު ބަންޑާރަނައިބު އުޝާމް ވެސް ވަނީ ޕޯސްޓެއްކުރައްވައިފަ އެވެ. އޭނާ ލިއުއްވީ ބިލުގައި އިބާރާތްކުރުމުގެ މައްސަލަތަކެއް ހުރި ކަން ގަބޫލުކުރަައްވާ ކަމަށެވެ. އަދި އިލެކްޓްރޯނިކް މީޑިއާ އިތުރަށް ތަފްސީލްކޮށްދޭން ކޮމިޓީގައި އެދިވަޑައިގެންނެވި ކަން ފާހަގަކުރެއްވި އެވެ.
އެނގުން މުހިންމު - އެ ބިލުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް މި ބުނަނީ ބިލުގެ 60 ވަނަ މާއްދާ އޮތް ގޮތުންނެވެ. އެ މާއްދާގައި މި އޮންނަނީ:
މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް، ހިނގާނެ އެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންނާ ގުޅޭ ނިސްބަތަކަށް ހިނގާނެ އެވެ.
މި ކަން އިތުރަށް ތަފްސީލްކޮށްދީފައިވަނީ ބިލުގެ 80ވަނަ މާއްދާގަ އެވެ. އެ މާއްދާގައި އޮންނަނީ ބިލުގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުތައް މާނަކުރާ ގޮތެވެ. އެ ގޮތުން އޭގައި މި އޮންނަނީ:
'ނޫސް' ކަމަށް ބުނެފައިވަނީ ދުވަހު ނޫސްތަކާއި، ހަފުތާ ނޫސްތަކާއި، ޓްރޭޑް ޕަބްލިކޭޝަންތަކާއި މި ނޫން ވެސް ނަންނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލާ ވެސް ޗާޕުކޮށްގެންނާއި އިންޓަނެޓާއި މީޑިއާގެ އެހެން ވަސީލަތްތަކުގައި ޝާއިއުކުރާ މައުލޫމާތާއި ހަބަރާއި ހިޔާލާއި އިޝްތިހާރުތައް
'އިލެކްޓްރޯނިކް މީޑިއާ' ކަމަށް ބުނެފައިވަނީ އޯޑިއޯ، ވީޑިއޯ، ޓޭޕާއި ޑިޖިޓަލް ސްޓޯރޭޖް މީޑިއާ އާއި އިންޓަނެޓަށް
މި ދެ މާއްދާ މި ގޮތަށް އޮތުމުން، ސޯޝަލް މީޑިއާގައި ހިޔާލާއި މައުލޫމާތު ފަތުރާފައި ހުންނަ ކޮންމެ ޕޯސްޓެއް ވެސް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އެ ބިލުގައި މީޑިއާ ރެގިއުލޭޓްކުރަން އުފައްދާ ކޮމިޝަނަށް އެބަ ލިބެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓްތަކަށް ފިޔަވަޅު ނާޅާނެ ކަމަށް ބުނެ ދިފާއަށް ސަރުކާރު ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ