އަތޮޅު ކައުންސިލްތައް އުވާލުން ރަނގަޅު؛ ރަށު ކައުންސިލްގެ ޚިދުމަތް އަވަސްވާނެ: ޤާސިމް

އަތޮޅު ކައުންސިލްތައް އުވާލުމަށް މި ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާ، އެކަމުގެ ސަބަބުން ރަށު ކައުންސިލްތަކުގެ ޚިދުމަތްތައް އަވަސް ވެގެންދާނެ ކަމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އިސްލާހް ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުނު ބިލު، އިއްޔެ ވަނީ ފާސްކޮށްފައެވެ.
އެކަމާއި ގުޅިގެން އެކސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެނެވުނު އެ އިޞްލާޙަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިޞްލާހެއް ކަމުގައި ދެކިލައްވާ ކަމަށެވެ. 
‏ޤާސިމް ވިދާޅުވި ގޮތުގައި، ލާމަރުކަޒީނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނައަހަރުން ފެށިގެން ކުރެވިފައިވާ ތަޖްރިބާއިން ބަލާއިރު، އަތޮޅު ކައުންސިލަކީ، ރާއްޖޭގައި އޮންނަށް ޖެހޭ ލޭޔަރ އެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ.
ރަށުކައުންސިލްތަކުން ނިންމާނިންމުންތައް، އަތޮޅުކައުންސިލްމެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށުކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށުކައުންސިލްތަކުން ދޭންބޭނުންވާ ޚިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދުކުޑަވެގެންދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނޭކަމީ ޝައްކެތްއޮތްކަމެއް ނޫނެވެ.
ޤާސިމް އިބްރާހިމް
މިއާއެކު، މި ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، އެ ވުޒާރާއިން ޒިންމާދާރުކަމާއެކު، ލޯކަލް ޤަވަރމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ރަށުކައުންސިލްތަކުގެ، ނުވަތަ ސިޓީކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅުކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށްނެތެވެ
ޤާސިމް އިބްރާހިމް
‏ޤާސިމް ވަނީ، ގާނޫނުއަސާސީ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އުނި ކުރުމަށް މަޖިލީހަށް ހުށަހެޅުއްވި ބިލު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުން ފާސްވުމުން ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް މަރުހަބާވެސް ދަންނަވާފައެވެ.
އަދި ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ޚަރަދުކުޑަކޮށް ޤައުމު ކުރިއަށްގެންދިއުމަށް ސަރުކާރުން އަޅާ އެފަދަ ކޮންމެ ފިޔަވަޅަކަށް އޭނާއާއި ޖުމްހޫރީޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމުގެ ޔަޤީންކަން ދެއްވިއެވެ. 
‏”އަޅުގަނޑު ޤަބޫލުކުރަނީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި އިޞްލާޙް ވީހާވެސް އަވަހަކަށް ތަސްދީޤުކުރައްވާނެކަމަށް، އަދި މި ނިޒާމު ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.“ ޤާސިމް ވިދާޅުވިއެވެ. 
އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން އިސްލާހު ހުށަހެޅީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅީ “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށެވެ. އޭރުން މި ގާނޫނު އިސްލާހުވެއްޖެނަމަ ދެން އިންތިޚާބުކުރަން ޖެހޭނީ ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ.
ހަމަ އެހެންމެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް “އަތޮޅު ކައުންސިލް”، މި ލަފުޒު އުނިކުރުމަށް ހުށަހެޅުމުގެ އިތުރުން، މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ