ދުނިޔެ މިސްރާބު ޖަހާފައިވަނީ ހަނގުރާމައާއި ގިނަ ހަމަނުޖެހުންތަކާ ދިމާއަށް: ރިޕޯޓް

ދެވަނަ ބޮޑު ހަނގުރާމައިގެ ސްޓައިލަށް ތިންވަނަ ބޮޑު ހަނގުރާމައެއް ފެށޭނެކަން ޔަގީންނުވި ނަމަވެސް ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ ފުޅާ ދާއިރާއެއްގެ ބޮޑެތި ހަމަނުޖެހުންތަކަކާ ދިމާއަށް ކަމަށް ސްޓްރެޓީޖިކް ކަންތައްތަކަށް ފޯކަސްކުރާ އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ފޮރިން އެފެއާޒް"ގައި ބުނެފިއެވެ. އެމެރިކާގެ ދެ ތަޖުރިބާކާރުން ކަމަށްވާ ގްރަހަމް އެލިސަންއާއި ޖޭމްސް ވިންފިލްޑް "ފޮރިން އެފެއާޒް"ގައި ލިޔުއްވާފައިވާ ރިޕޯޓެއް ބުނާގޮތުން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މިވީ 80 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް އަންޑަސްޓޭންޑިންއާއި އިތުބާރު މިހާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ރިލޭޓިވް ސްޓެބިލިޓީ ނުވަތަ ކޮންމެ ވެސް ވަރެއްގެ ހަމަޖެހުން މިހާރުވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. މިކަމުގެ ނަތީޖާއަކީ ދުނިޔޭގެ މަސްރަހު އަލުން ރީޝޭޕް ވުން ނުވަތަ އާ ނިޒާމަކަށް ދުނިޔެ އަލިވިލިގެން ދިޔުންކަމާއި އެކަން މިހާރު ވަނީ ފެށިފައި ކަމަށް މި ރިޕޯޓް ބުނެއެވެ. ދުނިޔޭގެ ޖިއޮޕޮލިޓިކަލް ނިޒާމު މިހާރު މި ދަނީ އެހެން ހާލަތަކަށް ބަދަލުވަމުންނެވެ. ނަތީޖާއަކީ ފުޅާ ދާއިރާއެއްގެ ހަމަނުޖެހުންތަކަކާ ކޯޅުންތަކެއް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ފެށިގެންދިޔުމެވެ. ނޫނީ ދުނިޔޭގެ ބޮޑެތި ބާރުތައް ފަހަތުގައި ތިބެގެން ހިންގާ ސަރަހައްދީ ފެންވަރުގެ ކުދި ގިނަ ހަނގުރާމަތަކެއް ފެށިގެން ދިޔުމެވެ. މި ރިޕޯޓް ބުނާގޮތުން ފާއިތުވި 80 ވަރަކަށް އަހަރުގައި ދުނިޔޭގައި އޮތް އެމެރިކާގެ އިގުތިސާދީ ޑޮމިނެންސް ނުވަތަ އެމެރިކާގެ އިގުތިސާދީ ކޮންޓްރޯލް މިހާރު ދަނީ ވަރަށް ބޮޑަށް ގެއްލެމުންނެވެ. ނުވަތަ އެކޮންޓްރޯލް މިހާރު ވަނީ ބަލިކަށިވެފައެވެ. މުސްތަގުބަލުގައި އެމެރިކާގެ ޑޮމިނެންސާއި ކޮންޓްރޯލް ވާނީ ވެސް އިތުރަށް ބަލިކައްޓެވެ. ހަމަނުޖެހުންތަކަށް މަގުފަހިވަނީ މި ސަބަބާ ގުޅިގެންނެވެ. މި ރިޕޯޓް ބުނާގޮތުން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އދ. ގެ ނިޒާމު އުފެދި ބޮޑު އަސްކަރީ ދެ ބާރުގެ ގޮތުގައި އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން ފާޅުވެގެންދިޔައިރު ދުނިޔޭގެ އާމްދަނީގެ ގާތްގަނޑަކަށް 60 އިންސައްތައަކީ އެމެރިކާގެ އުފެއްދުމެވެ. ނަމަވެސް، މިއަދު ދުނިޔޭގެ އާމްދަނީގައި އެމެރިކާގެ ހިއްސާއަކީ އެންމެ ހައެއްކަ ޕަސެންޓެވެ. އެމެރިކާގެ ޑޮލަރު ގިނަ ގައުމުތަކަކުން މުއާމަލާތްކުރެވޭ ބާރުގަދަ ބެންކްނޯޓެއްގެ ގޮތުގައި އޮތުމަކީ އަދި ވަކިކަމެކެވެ. އެއީ، ދުނިޔޭގެ އާމްދަނީގައި އެމެރިކާގެ ހިއްސާ މިހާ ދަށަށް ދިޔުމާ ގުޅުންހުރި ކަމެއް ނޫނެވެ. ނަމަވެސް، ދުނިޔޭގެ އާމްދަނީގައި އެމެރިކާގެ ހިއްސާ މިހާރު އެންމެ ހައެއްކަ ޕަސެންޓްގައި ހިމެނޭތީ ދެން މާ ދިގު މުއްދަތަކަށް އެމެރިކާގެ ޑޮލަރުގެ ބާރާއި ކޮންޓްރޯލް ވެސް ނޯންނާނެކަން މި ރިޕޯޓްގައި ލަފާކޮށްފައިވެއެވެ. ގްރަހަމް އެލިސަންއާއި ޖޭމްސް ވިންފިލްޑް ލިޔުއްވާފައިވާ ގޮތުގައި އެމެރިކާ ޑޮލަރާނުލައި ދުނިޔޭގައި އެތައް ސަތޭކަ ބިލިއަނުން ނޫނީ ޓްރިލިޔަނުން މިހާރު ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން އެބަގެންދެއެވެ. މިސާލެއްގެ ގޮތުން ބުނާނަމަ ރަޝިއާއި ޗައިނާގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ 96 އިންސައްތައަކީ ޑޮލަރާނުލައި އެ ދެ ގައުމުގެ ފައިސާއިން ހިންގާ މުއާމަލާތްތަކެވެ. އިންޑިއާއާއި ރަޝިއާއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކަކީ ވެސް އީރާނާއި ރަޝިއާއާ އަދި އީރާނާއި ޗައިނާއާ ދެމެދު ހިނގާ މުއާމަލާތްތަކަކީ ވެސް ވަރަށް ކުޑަ ޕަސެންޓެއް މެނުވީ ޑޮލަރު ނުހިމެނޭ މުއާމަލާތްތަކެވެ. އެމެރިކާގެ އިގުތިސާދީ ޑޮމިނޭޝަން ކުޑަވަމުންދާ ވަރަކަށް ޗައިނާއާއި ރަޝިއާ، އިންޑިއާ، ޔޫރަޕްގެ އިއްތިހާދު ދުނިޔޭގެ އިގުތިސާދީ ބާރުތަކުގެ ގޮތުގައި ދަނީ ފާޅުވަމުންނެވެ. ބްރަޒީލްއާއި ދެކުނު އެފްރިކާ ފަދަ ބްރިކްސްގެ އެހެން ގައުމުތައް ދަނީ ސަރަހައްދީ އިގުތިސާދީ ބާރުތަކުގެ ގޮތުގައި ފާޅުވަމުންނެވެ. މި ފަރާތްތަކުގެ އުފެއްދުންތެރިކަން ބޮޑުކަމުން މި ފަރާތްތަކަކީ އެމެރިކާއާނުލައި އުޅެވިދާނެ އަދި އެމެރިކާގެ ހުއްދައަކާ ނުލައި މުއާމަލާތްތައް ކުރެވޭނެ ފަރާތްތަކެވެ. އެމެރިކާ ކޮށްފާނެ ކަމަކާއި އަޅައިފާނެ ކަމަށް ބެލެވޭ ފިޔަވަޅަކަށް ބިރެއް ޖެހިލުމެއްނެތި އުޅެވޭވަރުގެ އިގުތިސާދީ ބާރުތަކުގެ ގޮތުގައި މިހާރު ވަނީ ވެފައި ކަމަށް މި ރިޕޯޓް ބުނެއެވެ. ދުނިޔޭގެ ކުރީގެ ބޮޑުބާރެއް ކަމަށްވާ ނާޒީ ޖަރުމަނުގެ ސިފައިން ދެވަނަ ބޮޑުހަނގުރާމައިގައި މާނައަކީ ޗައިނާއާއި ރަޝިއާ، އިންޑިއާއަކީ އެމެރިކާ ކިތަންމެ ފިޔަވަޅުތަކެއް އެޅި ނަމަވެސް އިނދަޖައްސާނުލެވޭނެ ގައުމުތަކެއްކަމެވެ. ޔޫރަޕްގެ އިއްތިހާދާއި ބްރިކްސް ފަދަ އިގުތިސާދީ ޖަމާއަތްތަކަކީ ވެސް ޖަމާއަތުގެ ގޮތުގައި ހަރަކާތްތެރިވާނަމަ އެމެރިކާ ކިތަންމެ ފިޔަވަޅުތަކެއް އެޅި ނަމަވެސް އިނދަޖައްސާނުލެވޭ ވަރުގެ ބާރުގަދަ އިގުތިސާދީ ޖަމާއަތްތައް ކަމެވެ. މާޒީއަށް ބައްލަވައި ގްރަހަމް އެލިސަންއާއި ޖޭމްސް ވިންފިލްޑް ލިޔުއްވާފައިވާ ގޮތުގައި ދުނިޔޭގެ ކަންކަން ކޮންޓްރޯލްކުރެވޭ ހާލަތުގައި އޮތް ގައުމަކުން ނުވަތަ ގައުމުތަކަކުން އެ ކޮންޓްރޯލް ގެއްލި އެ ގައުމުތައް ބޭނުންހާ ކަމެއް ނުކުރެވޭ ހާލަތަށް ގޮސްފިނަމަ، ދެން އެ ގައުމަކު ނޫނީ ގައުމުތަކަކުން މަސައްކަތްކުރާނީ އެ ހާލަތު ބަދަލުކޮށްލުމަށެވެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ހަނގުރާމައާއި ހަމަނުޖެހުންތަކަށް މަގުފަހިވަނީ މިކަމުގެ ސަބަބުންނެވެ. މި ރިޕޯޓް ބުނާގޮތުން ދުނިޔޭގެ އަސްކަރީ ބާރުގެ ތިލަފަތް ވެސް މިހާރުވަނީ މި ހާލަތަށް ގޮސްފައެވެ. އެމެރިކާއަކީ އެންމެ ބޮޑު އަސްކަރީ ބާރު ނަމަވެސް ޗައިނާއާއި ރަޝިއާއާ އަސްކަރީ ގޮތުން ކުރިމަތިލައިގެން އެއްވެސް ކާމިޔާބެއް ހޯދުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ. ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ހާލަތު ވެސް އޮތީ އެެމެރިކާއަށް އެކަނި ކޮންޓްރޯލް ކުރެވޭ ހާލަތުގައެއް ނޫނެވެ. މި ރިޕޯޓްގައި ގްރަހަމް އެލިސަންއާއި ޖޭމްސް ވިންފިލްޑް ފާހަގަކުރައްވާފައިވާ އަނެއް ކަމަކީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ނިންމުންތައް ވެސް އެމެރިކާއަށް އެކަނި ބޭނުންވާގޮތަށް ނިންމުމުގެ ޒަމާން މާޒީވެފައިވުމެވެ. ސަބަބަކީ އެމެރިކާގެ މޫނަށާއި ކަނދުރާއަށް ބެލުމެއް ނެތި މިހާރު ޗައިނާއާއި ރަޝިއާ އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރަމުން ގެންދާތީއެވެ. މި ދެ ބޭފުޅުން ފާހަގަކުރައްވާފައިވާ ފަސްވަނަ ކަމަކީ އެމެރިކާގެ އެތެރޭގައި ދެބަސްވުންތައް ގިނަވެ، ކޯޅުންތައް ބޮޑުވެފައިވުމެވެ. ޚާރިޖީ ކަންކަމުގައާއި ދުނިޔޭގެ ގައުމުތަކާ މުއާމަލާތްކުރުުމުގައާއި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވާ މައްސަލާގައި އެމެރިކާގެ ބޮޑު ދެ ޕާޓީގެ ވިސްނުމާއި ފިކުރު އިންތިހާއަށް ތަފާތުވެފައިވުމެވެ. މި ހާލަތުގައި އެމެރިކާއަށް ސްޓޭބަލް ޚާރިޖީ ސިޔާސަތެއް ނުގެންގުޅެވޭނެއެވެ. އެކަން ޖޯ ބައިޑެންގެ ސަރުކާރުގެ ސިޔާސަތާއި ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުން ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެކަން މި ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މިސްރާބު އެއް ސަރުކާރުން އަނެއް ސަރުކާރަށް އާދަޔާ ޚިލާފަށް ތަފާތު ބޮޑުއިރު މިއީ ވެސް ބޮޑު ހަމަނުޖެހުންތަކަކަށް ދުނިޔެ ވެއްޓިދާނެ ސަބަބެއްގެ ގޮތުގައި މި ދެ ބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ. ޔުކްރެއިން ހަނގުރާމަ ފަދަ ދުނިޔޭގެ ބޮޑެތި އެތައް މައްސަލައެއްގައި އެމެރިކާގެ ބޮޑު ދެ ޕާޓީގެ ޚިޔާލު އުޑާއި ބިމާހާ ތަފާތުކަން ދެ ބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ