މަޖިލީހުގެ ގޮނޑިތަކުގެ 30 ޕަސެންޓު ޒުވާނުންނަށް ޚާއްސަކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ 30 ޕަސެންޓު 35 އަހަރުން ދަށުގެ މެންބަރުންނަށް ޚާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވީ ގާނޫނުއަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ. އެއީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާއިރު މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ 30 ޕަސެންޓު ދާއިރާއަކީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ޚާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅައި، މަޖިލީހުގައި ހިމެނޭ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރުމަށެވެ. މި އިސްލާހު ހުށަހެޅުއްވީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ އެއް ބަޔަކީ ޒުވާނުންކަމަށްވީ ނަމަވެސް، ސިޔާސަތުތައް އެކުލަވާލައި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިސްކޮށް ބަސްބުނުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ޒުވާނުންނަށް ތަނަވަސްކޮށްދިނުމަށް ކަމަށް މީކާއީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއި ޓެކްނޮލޮޖީއާއި މުއާސަލާތުގެ ވަސީލަތްތަކާއި ދުނިޔޭގެ ކަންކަމަށް ފުރިހަމައަށް ލޯ ހުޅުވިފައިވާ ބަޔަކީ ޒުވާނުންނެވެ. ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ސީދާ ބައިވެރިވުން ކުޑަކަން މީކާއީލް ފާހަގަކުރެއްވިއެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރަކު އެބަ ތިއްބަވައެވެ. އެއީ އެވަރެޖްކޮށް ކޮންމެ 5،000 މީހެއްގެ އާބާދީއަކަށް އެއް މެންބަރުގެ ނިސްބަތުންނެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފިނަމަ، 93 މެންބަރުންގެ ތެރެއިން 28 މެންބަރުންނަކީ ޒުވާނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ