ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ދެވަނަ ދައުރަކަށް އެ ރަށުގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މާޗް 28 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އޭނާ ފުވައްމުލަކު މޭޔަރު ކަމަށް އަނެއްކާ ވެސް ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ތަފްސީލް - އިސްމާއިލް ލިޔުއްވި ގޮތުގައި އޭނާ މޭޔަރުކަމުގައި މި ހޭދަކުރެއްވި ދުވަސްތަކުގައި ގިނަ ގުނަ ކަންކަން ވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި ކޮށްދެވިފަ އެވެ. އޭގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދެ އެވެ. އަދި އާ ކަންކަން ފަށަން ހުރީ ރޭވިފަ އެވެ.
އެހެންވެ، އިސްމާއީލް ވިދާޅުވީ އޭނާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވި އެންމެ ބޮޑު ސަބަބަކީ ފުވައްމުލަކުގެ ތަރައްގީ އާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ފަށާފައިވާ އަދި ފެށުމަށް ރާވާފައިވާ ކަންކަން ކާމިޔާބު ކަމާ އެކު ނިންމުމުގެ ބޭނުމުގަ އެވެ.
"އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލްކުރަންބޭނުންވާ ކަންކަން ކޮށް އަދި ނިމުނީއެއްނޫން. ފެށިފައި ހުރިކަންތައްތައް ހަރުދަނާގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައިހުރި އިތުރުކަންކަން ފަށާ އެކަންކަން ކުރިއަށްގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން އަޅުގަނޑު ބޭނުންވޭ،" އިސްމާއިލް ލިޔުއްވި އެވެ.
"ތިބޭފުޅުންގެ އެހީތެރިކަމާއި އެކު ދެވަނަ ދައުރެއްގައި ތިބޭފުޅުންނަށް، ފުވައްމުލައް ސިޓީއަށް، ޚިދުމަތްކުރުމުގެ އިޚްލާސްތެރި ނިޔަތުގައި 2026 ވަނައަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން އަޅުގަނޑު ނިންމިވާހަކަ ފުވައްމުލަކު ލޮބުވެތި ރައްޔިތުންނާ ހިއްސާކުރަން."
އޭނާ އަދި ވިދާޅުވީ ފުވައްމުލަކުގެ މޭޔަރަށް ވުމުގެ ފުރުސަތު ފުވައްމުލަކު ރައްޔިތުން އޭނާއަށް ދެއްވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފް ކަމަށެވެ. މިދިޔަ ހަތަރުވަރަކަށް އަހަރުތެރޭ ކައުންސިލް ހިންގުން ހަރުދަނާކުރުމަށާއި އަދި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އޭނާ ކުރެއްވި ގިނަ މަސައްކަތްތައް އިސްމާއިލް ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން:
ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގާ، މައިކްރޯ ފައިނޭންސް ސްކީމެއް ފަށާ، ގްރާންޓް އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކާ އިޝްތިހާރުކުރުމަށް ފުރުސަތުތައް ހުޅުވައިދިން
ފުވައްމުލައް އިޝްތިހާރުކުރުމަށް ބޭރުގެ ފެއާތަކުގައި ބައިވެރިވެ، ޑިސްކަވާ ފުވައްމުލައް ވެބްސައިޓް ވަނީ ހިންގަން ފެށިފައި
ދީނީހޭލުންތެރިކަން އިތުރުކުރަން ގިނަ ޕްރޮގްރާމްތައް ހިންގާ، ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ ނަމާދަށް އަހުލުވެރިކުރުމަށް ނަމާދު ޕްރޮގްރާމް ކުރިއަށްދޭ
މިސްކިތްތަށް މަރާމާތުކޮށް ބަލަހައްޓަން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް
ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމުކޮށް، މުބާރާތްތައް ބާއްވާ އަދި ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވޭ. ހިތްހަމަ ޖައްސާލަން ޕާކުތަކާއި ފަތާފެންގަނޑުތަކާއި ފަންނުތައް ދަނީ ތަރައްގީވަމުން. މުނިފޫހި ފިލުވުމަށާއި އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ފެސްޓިވަލްތަކާއި ކާނިވާތައް ބޭއްވުން ވަނީ ފެށިފައި
އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ހޯދައިދިނުން އަދި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ގިނަ ބަދަލްތަކެއް ގެނެވި ކައުންސިލުން ހިދުމަތް ހޯދާ މުއާމަލާތް ކުރުމަށް އޮންލައިން ވަސީލަތްތަށް ތަރައްގީކުރުމާއި ކަސްޓަމަ ފްރޮންޓް އޮފީސް ގާއިމުކުރުން ހިމެނޭ
ބޭރުގެ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅުންބަދަހިކޮށް އެފަރާތްތަކުން އެހީތައް ހޯދެމުންދޭ. އެގޮތުން ކުނީގެ މައްސަލައަށް ހައްލުހޯދުމަށާއި، ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ސްކޫލްތަކަށް ކޮމްޕިއުޓަރ ސިސްޓަމްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ލިބިފައިވާ އެހީތައް ފާހަގަކޮށްލެވޭ
މީގެ އިތުރަށް ސަރުކާރަކާއި ގުޅިގެން އެއްބާރުލުންދީގެން ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް މަގުފަހިކޮށްދޭން އަބަދުވެސް ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އިސްމާއިލް ރަފީގު ވިދާޅުވި އެވެ. އަދި އޭނާ ވަނީ ފުވައްމުލަކުގެ ރައްޔިތުން އެ ރަށާ މެދުކުރާ އުންމީދުތަކަކީ ކޮބައިތޯ ވެސް އައްސަވައިފަ އެވެ.
ފުވައްމުލަކު މޭޔަރު ދެވަނަ ދައުރަކަށް ކުރިމަތި ލައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ