ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ޖަލު ހުކުމް ފަށަން އަމުރުކޮށްފި
ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ އިސްތިއުނާފު ދެވަނަ ފަހަރަށް ކޯޓުން ބަލައިނުގަތުމުން، އޭނާގެ 27 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން ފަށަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. ކޯޓުން އަމުރުކުރި ގޮތުގައި ބޮލްސޮނާރޯގެ ހުކުމް ފަށާނީ އޭނާ މިހާރު ބަންދުކޮށްފައި ހުންނަ ވެރިރަށް ބްރެޒިލިއާގެ ފެޑެރަލް ޕޮލިސްގެ މައި އޮފީހުންނެވެ. ދެހާސް ބާވީސްވަނަ އަހަރު ބޭއްވި ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ބަލިވުމުން ވެރިކަން ދެމެހެއްޓުމަށް ބަޣާވާތެއް ކުރަން ރޭވިކަމުގެ ކުށް ސާބިތުވެ، ބޮލްސޮނާރޯ ގޭބަންދުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހެވެ. އޭނާގެ މައްޗަށް 27 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ނަމަވެސް، އިސްތިއުނާފުކުރަން ފުރުސަތު ދިނުމަށް އެ ހުކުމް ފެށުން ލަސްކުރީއެވެ. ބްރެޒިލްގެ ކަނާތުފިޔައިގެ ލިބަރަލް ޕާޓީގެ މެންބަރެއް ކަމަށްވާ ބޮލްސޮނާރޯއަކީ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ގާތްގަނޑަކަށް 27 އަހަރު ވަންދެން ޗެމްބަރު އޮފް ޑެޕިއުޓީސްގައި މަސައްކަތް ކުރެއްވި ކުރީގެ ސިފައިންގެ ކެޕްޓަނެކެވެ. ކުރިން 2019 އިން 2023 އަށް ގައުމުގެ ރައީސްކަން ކުރެއްވި ނަމަވެސް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބްރެޒިލްގެ އިންތިޚާބީ ނިޒާމު ބަލިކަށިކުރަން މަސައްކަތްކުރި ކަމަށް ބުނެ، ބްލޮސޮނާރޯއަށް ފާޑުކިޔުން އަމާޒުވިއެވެ. ބޮލްސޮނާރޯއަށް ތާއީދުކުރާ މީހުން ނޮވެމްބަރު 22 ވަނަ ދުވަހު ބޮލްސޮނާރޯ ބަންދުކޮށްފައިވާ ބްރެޒިލިއާގައި ހުންނަ ބްރެޒިލްގެ ފެޑެރަލް ޕޮލިސްގެ ސަރަހައްދީ މައި މަރުކަޒުގެ ބޭރުގައި މުޒާހަރާކުރަނީ. ފޮޓޯ/ރޮއިޓާސް ރިޔާސީ އިންތިޚާބުން ބްލޮސޮނާރޯ ބަލިވެ، ބްރެޒިލްގެ ރައީސްކަމުގެ މަގާމު ލިބުނީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށެވެ. ނަމަވެސް، ބަލި ގަބޫލުކުރަން ބްލޮސޮނާރޯ ދެކޮޅު ހައްދަވައި، ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އޭރު ކޯޓުން ވަނީ މައްސަލަ ބަލައިނުގެންފައެވެ. އަދި، ބޮލްސޮނާރޯގެ ޓީމު ގާތްގަނޑަކަށް 4.3 މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކުރިއެވެ. މީގެ އިތުރުން، ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ މުޅި ގައުމުގައި މުޒާހަރާތައް ބާއްވައި، ހައިވޭތައް ބަންދުކޮށް، ބްރެޒިލިއާގައި ހުންނަ ފުލުހުންގެ މައި މަރުކަޒަށް ހަމަލާދީފައެވެ. މި ހަމަނުޖެހުންތައް އެންމެ ހޫނުވީ ލޫލާ ހުވާކުރެއްވިތާ ހަފުތާއެއް ފަހުން 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހެވެ. ބޮލްސޮނާރޯ ކުރު މުއްދަތަކަށް ގައުމު ދޫކޮށް ދިޔަ ނަމަވެސް އޭނާގެ ސަޕޯޓަރުން ވަނީ ބްރެޒިލިއާގައި ހުންނަ ސަރުކާރުގެ އިމާރާތްތަކަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ތަހުގީގުތަކެއް ކުރިއަށް ގެންދިޔައެވެ. އަދި، ނޮވެންބަރު 2024 ގައި ފެޑެރަލް ޕޮލިހުން ވަނީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ބޮލްސޮނާރޯއާއި އޭނާގެ އެކުވެރިން ރޭވި ކަމަށް ބުނާ ހެކިތައް ތަފުސީލުކޮށް 884 ޞަފުޙާގެ ރިޕޯޓެއް ނެރެފައެވެ. ފުލުހުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ބޮލްސޮނާރޯއާ ގުޅިފައިވާ ބައެއް އަސްކަރީ އޮފިސަރުން ލޫލާއަށް ވިހަ ދީގެން މަރާލުމަށާއި ފަނޑިޔާރު ޑި މޮރޭސް ބަޑިޖައި މަރާލަން ވެސް ރޭވިއެވެ. އެ ކަންތައްތަކާ ގުޅިގެން ފެބްރުއަރީ މަހު ޕީޖީން ވަނީ ބޮލްސޮނާރޯގެ މައްޗަށް ރަސްމީކޮށް ދައުވާކޮށް، ޝަރީއަތަށް ހާޒިރުކޮށްފައެވެ. އެއީ، ސިޔާސީ ދައުވާއެއް ކަމަށް ބޮލްސޮނާރޯއާއި އޭނާގެ ޓީމުން ވަނީ ބުނެފައެވެ. އޮގަސްޓް މަހުން ފެށިގެން ބޮލްސޮނާރޯ ހުންނަވަނީ ގޭ ބަންދުގައެވެ. މި މަހުގެ ކުރީކޮޅު ބްރެޒިލްގެ ސުޕްރީމް ކޯޓުން ވަނީ ބޮލްސޮނާރޯގެ ޖަލު ހުކުމް ބާތިލުކުރުމަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބާތިލުކޮށްފައެވެ. އޭގެ ފަހުން އޭނާގެ ދިފާއީ ޓީމުން ވަނީ 27 އަހަރުގެ ޖަލު ހުކުމް ގޭބަންދުގައި ހުރެ ތަންފީޒު ކުރުމަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ