ބުއެނޯޒް އައިރެސް، އާޖެންޓީނާ (ނޮވެމްބަރު 28) - އާޖެންޓީނާގެ ލީގު ޗެމްޕިއަންކަން ހޯދި ރޮސާރިއޯ ޓީމަށް ގާޑް އޮފް އޮނާއެއް ދޭން އެސްޓޫޑިއާންޓޭސް އިން ދެކޮޅު ހެދުމުން އެ ކްލަބްގެ ރައީސް، އާޖެންޓީނާގެ ކުރީގެ ތަރި، ހުއާން ސަބެސްޓިއަން ވެރޯން، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ހަ މަހަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން މިދިޔަ ހަފްތާގައި އެ ގައުމުގެ ފުޓްބޯޅަ ލީގު ޗެމްޕިއަންކަން ކަނޑައަޅާ ގޮތަށް ގެނައި ބަދަލާ އެކު، އެ ގައުމުގެ ލީގު ޗެމްޕިއަންކަން ލިބުނީ، ލީގުގެ ދެ ފޭސް އިން އެންމެ ގިނަ ޕޮއިންޓް ޖުމްލަ އެކު ހޯދި ރޮސާރިއޯ އަށެވެ.
ކުރިން ގަވާއިދު އޮންނަ ގޮތުންނަމަ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ހަމައެކަނި ލިބެނީ، ދެކުނު އެެމެރިކާގެ އެންމެ މަތީ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮޕަ ލިބެޓަޑޯރެސް އިންނެވެ. އެކަމަކު، މިދިޔަ ހަފްތާގެ ބަދަލާ އެކު، އާޖެންޓީނާ އެފްއޭ އިން ނިންމީ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ޗެމްޕިއަންކަން ދޭށެވެ. މި ބަދަލާ އެކު، ރޮސާރިއޯ އަށް ވަނީ ލީގު ޗެމްޕިއަންކަން ލިބިފަ އެވެ.
މި ބަދަލާ މެދު ހިތްހަަމަނުޖެހި، އާޖެންޓީނާގެ ކްލައުސޫރާ މުބާރާތުގެ ގަދަ 16 ގައި، ރޮސާރިއޯއާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ކުޅުނު މެޗުގެ ކުރިން، އެސްޓޫޑިއަންޓެސްގެ ކުޅުންތެރިން ވަނީ ގާޑް އޮފް އޮނާ ދޭން ހުއްޓުނު ގޮތަށް އަނެއް ފަރާތަށް އެނބުރިފަ އެވެ. އެއާ އެކު، އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ އެސްޓޫޑިއަންޓެސްގެ ރައީސް ވެރޯން، ހަ މަހަށް ސަސްޕެންޑްކޮށް، އެ ކަމުގައި ބައިވެރިވި ކުޅުންތެރިން އަންނަ ސީޒަނުގެ ދެ މެޗަށް ސަސްޕެންޑް ކުރުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، އެސްޓޫޑިއަންޓެސް އާއި އެހެން ކްލަބްތަކުން ވެސް ހިތްހަަމަނުޖެހުނީ، ފުޓްބޯޅަ ސިސްޓަމަށް ސީޒަންގެ މެދުތެރެއިން ބަދަލު ގެންނަން އިއުލާނުކުރުމުންނެވެ. އަދި، އެ ކްލަބްތައް ދެކޭގޮތުގައި، މި ފަދަ ބަދަލެއް ގެންނަން ޖެހޭނީ، އަހަރެއް ކުރިންނެވެ.
އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، މި ބަދަލު ގެނެސްފައިވަނީ، އާޖެންޓީނާގެ ފުޓްބޯޅަ ފޯރިގަދަކޮށް، ލީގު ޗެމްޕިއަނެއް ކަނޑައަޅައި، ކަޕް ޗެމްޕިއަނެއް ވެސް ހޮވުމަށް ފަހު، ސުޕަ ކަޕް މެޗެއް ވެސް ރޭވުމުގެ ގޮތުންނެވެ.
އެ ގޮތުން، އާޖެންޓީނާގެ ފުޓްބޯޅައިގެ އެއް ވަނަ ޑިވިޝަން ބެހިފައިވާ، އެޕަޗޫރާ އާއި ކްލައުސޫރާގެ ޗެމްޕިއަނުން، ސީޒަން ނިމުމުން، ޗެމްޕިއަންސް ޓްރޮފީ އައް މެޗެއް ކުޅޭނެ އެވެ.
ގާޑް އޮފް އޮނާ ނުދިން މައްސަލައެއްގައި ވެރޯން ހަ މަހަށް ސަސްޕެންޑް ގާޑް އޮފް އޮނާ ނުދިން މައްސަލައެއްގައި ވެރޯން ހަ މަހަށް ސަސްޕެންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ