މާފަންނު ރައްޔިތުންނާ މުހައްމަދު މުއިއްޒު ބައްދަލުކުރައްވާއިރު ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ ކަމަށް އެ ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ވިދާޅުވެއްޖެ އެވެ.
މާފަންނު ރައްޔިތުންނަށް ފޮނުވި މެސެޖެއްގައި އަސްމާ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވާ ބައްދަލުވުމުގައި އެހެން ދާއިރާތަކުގައި އަމަލުކޮށްފައިވާ ގޮތަށް ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހިޔާލާއި ކަންބޮޑުވުންތައް މިނިވަން ކަމާއެކު ހިއްސަ ކުރެވޭނެ ކަމަށެވެ.
"އެހެން ދާއިރާތަކުގެ ބައްދަލުވުންތަކުގައި އަމަލުކޮށްފައިވާ ގޮތަށް ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ހިޔާލާއި ކަންބޮޑުވުންތައް މިނިވަންކަމާއެކު ހިއްސާކުރެއްވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން މައުލޫމާތަށްޓަކައި ދަންނަވަން،" އަސްމާ ވިދާޅުވި އެވެ.
މާފަންނު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރައްވާތީ ޖަލްސާގައި ހިޔާލުފާޅުކުރަން ބޭނުންވާ މާފަންނު މެދު ދާއިރާ މީހުންގެ ނަންތައް އަސްމާއަށް ފޮނުވަން މިދިޔަ ބުދަ ދުވަހު އެންގި އެވެ. އަސްމާ ވިދާޅުވީ އެގޮތަށް އެންގީ އެންމެންނަށް ލައިވްކޮށް ސުވާލުކުރަން ފުރުސަތު ނުލިބިދާނެތީ ކަމަށެވެ.
މުއިއްޒު މާލޭގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ވަކިވަކިން ބާއްވާ ބައްދަލުވުންތަކުގައި ސުވާލުކުރާ މީހުން ދުރާލައި ނޯޓުކުރަން އުޅޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކަން ދޮގުކުރައްވާ ވިދާޅުވީ މިނިވަންކަމާއެކު ބައްދަލުވުންތަކުގައި ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސްގެ ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ. އަދި ކުރީ ބައިގައި ސުވާލު ހުށަހަޅަންޖެހޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 4، ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.
މާފަންނު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރައްވާއިރު ބޭނުން ސުވާލެއް ކުރެވޭނެ: އަސްމާ މާފަންނު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރައްވާއިރު ބޭނުން ސުވާލެއް ކުރެވޭނެ: އަސްމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ