ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުރިހަމަ ރެކޯޑަކާ އެކު ލީގުގެ އެއް ވަނައިގައި އޮވެ، ފުރަތަމަ ބުރު ފުރިހަމަ ކޮށްފި އެެވެ.
އެންމެ ފަހުން ހަަތަރު ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އިން ފުރަތަމަ ބުރުގެ މެޗުތައް ނިންމާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނުވަ މެޗުން 27 ޕޮއިންޓާ އެކު އެވެ. މާޒިޔާ، މި ވަގުތު އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެެވެ.
މާޒިޔާ އަތުން ބަލިވި ނިއު އިން ފުރަތަމަ ބުރު ނިންމާލަން ޖެހުނީ ތިން ވަނައިގަ އެވެ. އެ ޓީމަށް ނުވަ މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ލީގުގެ ފުރަތަމަ ބުރުގައި ފަހު ތިން މެޗުން ވެސް ނިއު އަށް މޮޅެއް ނުލިބެ އެވެ. ފަހު ދެ މެޗުން އެ ޓީމު މި ވަނީ، މާޒިޔާގެ އިތުރުން ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. އޮޑި ދެ ވަނައިގައި އޮތީ އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. އޮޑިން ދެ ވަނަ ބުރުގެ ފަހު މެޗުގައި، މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެނަމަ، މާޒިޔާގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމު ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ފުރަތަމަ 10 މިނިޓް ތެރޭ ތަނަވަސްކޮށް ނިއު އިން ލީޑުނެގި އެވެ.
އެ ގޮތުން، ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ މަތިމަތިން ނަގައިދިން ހުރަހަކަށް އޭރިއާތެރެއަށް އަރައި، ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ބޯޅަ އަމާޒުވީ މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އަތަށެވެ. އަދި، ނިއުގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ފޮނުވައިނުލެވުނެވެ. ނިއު އިން ލީޑުނެގީ، މާޒިޔާ އޭރިއާތެރެއިން އެެ ޓީމުގެ ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމައިޑާ ބޮލުން ޖައްސާލި ބޯޅައެއް ކީޕަރު ހުސެން އަތަށް ނަގަން އުޅުމުގެ ތެރޭގައި އޭނާ އަތުން ހޯދައި ނިއުގެ ޑަ ސިލްވާ ޖެހި ގޯލުންނެވެ.
ނިއު އިން ލީޑުނެގުމާ އެކު، މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެ، ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރަން ގިނަ ފުރުސަތުތަކެއް ހޯދި އެވެ. އެކަމަކު، މާޒިޔާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިޔައީ ގޯލާ ސީދާނުވެ އެެވެ. އެ ގޮތުން، މާޒިޔާގެ ސްޕެއިން ފޯވާޑް، ސާޖިއޯ މެންޑީ އަށް ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ހަމަލާތައް ބޭރަށްދިޔައިރު، ނާއިޒު ހަސަން (ދާދު) ފޮނުވާލަން މަސައްކަަތް ކުރި ބޯޅަ ރަނގަޅަށް ފަޔަށް އަރާގޮތެއްނުވި އެވެ.
މި ސީޒަނުގައި ނިއުގެ ގޯލު ބަަލަހައްޓަމުން އައި، ޕާކިސްތާންގެ ހަނީފް ސާގިބް އަށް ސީރިއަސް އަނިޔާއެއްވުމުން، އިމަޖެންސީ ޓްރާންސްފާ ފުރުސަތެއްގައި ނިއު އިން ގެނައި، ސްރީ ލަންކާގެ ގޯލްކީޕަރު، ކަވީޝް ލަކްޕްރިޔާގެ ފަޔަށް އަނިޔާވެގެން ދެ ފަހަރެއްގެ މަތިން ދަނޑަށް މެޑިކަލް ޓީމު އަރުވައި، ފަރުވާ ދޭން ޖެހުނެވެ. ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު)، އޭރިއާބޭރުން ފޮނުވާލި ބޯޅައެއް ކީޕަރު ކަވީޝް ވަނީ މަތަކޮށްފަ އެވެ.
ނިއު އަށް ކައުންޓަ އެޓޭކެއްގައި ލިބުނު ފުރުސަތެއްގައި، އެ ޓީމުގެ ބްރެޒިލް ފޯވާޑް، ނިކްސަން ގިލެރްމޭ އަށް އޭރިއާތެރެއިން މާޒިޔާގެ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ފައުލުކުރި ކަަމަށް ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ، ހުސެއިން ސިނާން، ނިންމީ ފައުލެއް ނޫން ކަމަށެވެ. އޭގެ ކުރިން، ނިކްސަން އަށް ލިބުނު ދެ ފުރުސަތެއްގައި ފޮނުވާލި ހަމަލާތައް ގޯލާ ސީދާވާގޮތެއްނުވި އެވެ.
މާޒިޔާގެ އައިހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ނިއު އިން ލީޑުގައި އޮވެ، ހާފު ނިންމާލަން ދަނިކޮށް، މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، މާޒިޔާގެ ހަމްޕު އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، އެ ބޯޅަ މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) އަށް ލިބުމުން އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން 11 މިނިޓް ތެރޭ އައިހަމް އަށް ވަނީ މާޒިޔާ އަށް ލީޑުނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ގޮތުން، މާޒިޔާގެ ސިފާއު ނަގައިިދިން ހުރަހަކަށް އޭރިއާތެރެއިން ހުސްކޮށް އަރަައި އައިހަމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ނިއުގެ ކީޕަރު ކަވީޝް އަށް ލިބުނު އަނިޔާ ރަނގަޅު ނުވާތީވެ، ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއްނުވެ، އޭނާގެ ބަދަލުގައި، ނިއު އިން އަބްދުﷲ ޒިމާމް ކުޅެން އެރުވި އެވެ. ޒިމާމް އަކީ ކުރިން މާޒިޔާ އަށް ކުޅުނު ކުޅުންތެރިއެކެެވެ.
މާޒިޔާ އިން ލީޑުނެގީ 72 ވަނަ މިނިޓްގައި ހަމްޕު ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، އައިހަމް ތިރިތިރިން ނަގައިދިން ހުރަހަަކަށް އަރައި ހަމްޕު ޖެހި ގޯލެކެވެ. މި ލަނޑު ޖެހުމުގެ އިރުކޮޅެއް ކުރިން، މާޒިޔާގެ އައިހަމް އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
ނިއު އިން ބަދަލުތަކެއް ގެނެސްގެން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މާޒިޔާ އިން ވަނީީ ރަނގަޅަށް ޑިފެންސްކޮށް ލީޑު ހިފަހައްޓައިފަ އެވެ. އިތުރު ވަގުތުގެ ތެރޭގައި ނިއުގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) އަށް މާޒިޔާ އޭރިއާތެރެއިން އެ ޓީމުގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ފައުލުކުރި ކަަމަށް ބަލައި، ޕެނަލްޓީ އަކަށް ނިއު އިން އެޕީލްކުރި ނަަމަވެސް ރެފްރީ ސިނާން ނިންމީ ފައުލެއް ނޫން ކަމަށެވެ.
ލީގުގައި މިރޭ ކްލަބް އީގަލްސް އިން ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ.
ފަހަތުން އަރައި ނިއު ބަލިކޮށް މާޒިޔާ އަށް ފުރަތަމަ ބުރުގައި ފުރިހަމަ ރެކޯޑަކާ އެކު އެއް ވަނަ ފަހަތުން އަރައި ނިއު ބަލިކޮށް މާޒިޔާ އަށް ފުރަތަމަ ބުރުގައި ފުރިހަމަ ރެކޯޑަކާ އެކު އެއް ވަނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ