ދިރާގު ކަސްޓަމަރުންނަށް ވެސް ލަންކާއަށް ހިލޭ ގުޅޭގޮތް ހަދައިފި
މިހާރު ސްރީލަންކާއަށް މޫސުން ގޯސްވެ ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން، ލަންކާގައި އުޅޭ މީހުންނަށް ފަސޭހައިން ގުޅޭނެ މަގުފަހިކުރުމަށް ދިރާގުން ވެސް ސްރީލަންކާއަށް ހިލޭ ގުޅޭގޮތް ހަދައިފިއެވެ. ދިރާގުން ބުނީ މި އޮފާގެ މަޤްސަދަކީ އެ ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ހާލަތުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އެމީހުންގެ އާއިލާ އަދި ރައްޓެހިންނާ ގުޅަން އެހީވުން ކަމަށެވެ. ކުންފުނިން ހާމަކުރި ގޮތުގައި، ކަސްޓަމަރުންނަށް މިހާރު *225# އަށް ގުޅައިގެން ސްރީލަންކާއަށް 30 މިނެޓުގެ ހިލޭ ގުޅުން އެކްޓިވޭޓް ކުރެވޭނެއެވެ. މި އެކްޓިވޭޓް ކުރާ ގުޅުން، އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. މި އެޑް-އޮން ލިބެން ހުންނާނީ މާދަމާގެ ނިޔަލަށެވެ. މިދިޔަ ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވެފައެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ މަގުތަކަށް ހުރަސްއެޅި، ގެދޮރަށް ގެއްލުންވެފައިވާއިރު، މޫސުމާބެހޭ އިދާރާތަކުން ވަނީ ގިނަ އަދަދެއްގެ މޫސުމީ އިންޒާރުތައް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ