ރޯދައިގެ ކުރިން އަލަށް 15 މިސްކިތެއް ހުޅުވާނެ: ރައީސް

ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއްގެ މަސައްކަތް ނިންމައި ހުޅުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމާ ގުޅިގެން އެ ރަށު ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމަށް ވިދާޅުވެފައެެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށެވެ. "މިގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢުނިމި ރަމަޟާންމަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރޯދައިގެ ކުރިން ހުޅުވާ 15 މިސްކިތުގެ ތެރޭ މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް ދޭއްގެ މިސްކިތެއް ވެސް ހިމެނޭކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ވެެސް މި ފެށޭ ޑިސެންބަރު މަހު ފެށޭނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ޤާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ