ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ ފަނަރަވަރަކަށް މިސްކިތުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު، ހއ. ދިއްދޫގައި ތަރައްޤީކުރި އިސްލާމީ މަރުކަޒު، މިއަދު ހުޅުވުމުގެ މުނާސަބަތުގައި، އެ ރަށު ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޝްރޫޢުތައް ނިންމެވުމަށް ސަރުކާރުން އަހުމިއްޔަތުކަން ދެއްވާކަން ފާހަގަކުރައްވައި، ރަމަޟާން މަހުގެ ކުރިން ގިނަ މަސައްކަތްތަކެއް ނިންމެވުމަށް އަމާޒުހިއްޕަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ރަމަޟާން މަހުގެ ކުރިއަށް ނިންމެވުމަށް މަސައްކަތްކުރައްވަމުންގެންދަވާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތެއްވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތް މަދުކަމުން ކުރިމަތިވަމުންދާ ދަތިކަން ޙައްލުކޮށްދެއްވުމުގެ މަޤްޞަދުގައި، އެ ސަރަހައްދުގައި އިތުރު މިސްކިތެއް ބިނާކުރެއްވުމުގެ ޢަމަލީ މަސައްކަތް، ޑިސެންބަރު މަހު ފައްޓަވާނޭކަންވެސް މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރެއްވުމުގެ މަޤްޞަދަކީ، ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަށް ޤާއިމުކުރައްވައި، އިސްލާމީ ޘަޤާފަތާއި ނޫރު ފެތުރުއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް ތައުފީޤު ދެއްވުން އެދި ދުޢާކުރައްވަމުންނެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ ފަނަރަވަރަކަށް މިސްކިތުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ