ލަންކާގައި ފެންބޮޑުވުން: އުރީދޫ ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭ ގޮތް ހަދައިފި

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، އުރީދޫ މޯލްޑިވްސްގެ ނަންބަރުތަކުން ހިލޭ ލަންކާއަށް ގުޅޭނެކަމަށް ބުނެފިއެވެ.
އުރީދޫން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލެއްގެ ފުރަތަމަ 5 މިނެޓު މުޅިން ހިލޭ ލަންކާއަށް ގުޅޭނެ ކަމަށެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ.
"އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުމެވެ."
މިދިޔަ ހަފްތާއިން ފެށިގެން ލަންކާއަށް ބޯކޮށް ވާރޭވެހެމުންދާއިރު، ތޫފާން ދިޓްވާ އާއި ގުޅިގެން އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އަންގާފައި ވެއެވެ.
އިރުމަތީ އައްސޭރިފަށުގައި އުފެދެމުން އައި ކޮޅިގަނޑު، ފަހުން ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. އެ ތޫފާން އިންޑިއާއަށް އަރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ