ވިޔަފާރިތަކަށް މިދިޔަ އަށް މަހު 73 މިލިއަން ޑޮލަރު ވިއްކައިފި

ވިޔަފާރިތަކުން ޓީޓީ ހެދުމަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓްގެ މިންވަރު ބޮޑުތަނުން އިތުރުކޮށްފި އެވެ.
ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ ވިޔަފާރިތަކުން ޓީޓީ ހެދުމަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓާއި ގުޅޭ ތަފްސީލު އާންމުކޮށްފަ އެވެ. ބެންކުން ބުނީ މި އަހަރުގެ ޖަނަވަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ ވިއްކި ޑޮލަރުގެ އަދަދު 73 މިލިއަނަށް އަރާފައިވާ ކަމަށެވެ.
އަދި ބުނީ އެދި ހުށައަޅާ އަދަދުގެ 30 ޕަސެންޓާއި 50 ޕަސެންޓާއި ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
ބީއެމްއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ޑޮލަރު ވިއްކި މިންވަރު ހުރީ މިދިޔަ އަހަރުގެ 12 މަސް ދުވަހު (މުޅި އަހަރު) ވިއްކި ޑޮލަރުގެ މިންވަރަށް ވުރެ ވެސް މަތީގަ އެވެ.
އެގޮތުން މިދިޔަ އަހަރު ވިއްކީ 69 މިލިއަން ޑޮލަރެވެ. އެއީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ވިއްކި ޑޮލަރަށް ވުރެ ހަތަރު މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ވިޔަފާރިތަަކަށް ދޫކުރާ ޑޮލަރުގެ އަދަދާއި އާންމުންނަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ބެންކުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ ފުރުސަތު ބެންކަށް ފަހިވީ ބޭރު ފައިސާ މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ