ރަޝިއާ އިން ޔޫކްރެއިން ސަރުކާރުގެ އިމާރާތަކަށް ހަމަލާދީފި ރަޝިއާ އިން ޔޫކްރެއިން ސަރުކާރުގެ އިމާރާތަކަށް ހަމަލާދީފި

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ރަޝިޔާއިން މިހާތަނަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާ ޔޫކްރެއިންގެ ސަރުކާރުގެ އިމާރާތަކަށް ދީފި އެވެ.
ރަޝިޔާއިން ރޭގެ ވަގުތެއްގައި ދިން މި ހަމަލާ ދީފައި ވަނީ 800 އަށްވުރެ ގިނަ ޑްރޯން އަދި ގިނަ އަދަދެއްގެ މިސައިލު ބޭނުންކޮށްގެންނެވެ. މި ހަމަލާގައި ޔޫކްރެއިންގެ ގިނަ ސިޓީތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ވެރިރަށް ކީވްވެސް ހިމެނެ އެވެ. އަދި ފުރަތަމަ ފަހަރަށް ޔޫކްރެއިންގެ ޕެޗެރްސްކީ ސަރަހައްދުގައި ހުރި ސަރުކާރުގެ އިމާރާތަށް ވަނީ ބޮޑެތި ހަމަލާތަކެއް ދީފަ އެވެ.
ރަޝިއާއިން ދިން މި ހަމަލާގައި ކުޑަކުއްޖެއްގެ އިތުރުން 3 މީހުން ވަނީ މަރުވެފަ އެވެ. އަދި އޭގެ އިތުރުން 18 މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވެ އެވެ. ހަމަލާގައި ޒަހަމްވީ މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.
ކީވްގެ ދަރްނިޓްސްކީ އަދި ސްވިއަތޮޝިންސްކީ ސަރަހައްދުތަކުގެ އިމާރާތްތަކަށްވެސް ވަނީ މި ހަމަލާގައި ގެއްލުންތައް ލިބިފަ އެވެ.
ޔޫކްރެއިންފެ ވެރިރަށުގެ އިތުރުން، ކްރެމެންޗުކް، ކްރިވީ ރިހް، އަދި އޮޑެސާ ފަދަ އެހެން ސިޓީތަކަށްވެސް ރަޝިއާއިން ވަނީ ހަމަލާ ދީފަ އެވެ. މި ހަމަލާތަކުން އެ ސަރަހައްދުގެ މަގުތަކާއި، އާންމުންގެ ގެތަކާއި، އަދި ދަތުރުފަތުރުގެ ވަސީލަތްތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ޔޫކްރެއިންގެ ސަރުކާރުން ވަނީ ރަޝިއާގެ މި ހަމަލާ ކުއްވެރިކޮށްފަ އެވެ. އަދި މިއީ އާންމު ރައްޔިތުންނަށް ގަސްތުގައި ދިން އަނިޔާވެރި ހަމަލާއެއްކަމަށް ޔޫކްރެއިންގެ ސަރުކާރުން ބުނެ އެވެ. ޔޫކްރެއިންގެ ބޮޑުވަޒީރު ވަނީ ރަޝިއާގެ މި ހަމަލާ އަށް ފަހު އެކުވެރި ގައުމުތަކުގެ އެހީއަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ