ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގަ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ސީއީއޯކަމުން މިދިޔަ އަހަރު ވަކިކުރި އަހްމަދު ޝަމާހު ރަޝީދު މިއަދު އައްޔަނުކޮށްފި އެވެ.
އެކަން އިއުލާނު ކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ. ނަމަވެސް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭ މައްސަލަ އާއި ކަރަންޓު ބިލު އަގުބޮޑުވާ މައްސަލައިގައި އޭނާއަށް ގިނަ ބައެއްގެ ނުރުހުން އޮތީ އަމާޒުވެފަ އެވެ. އެމްޑީގެ މަގާމުން ފަހުމީ ވަކި ކޮށްފައި މިވަނީ އެ މަގާމުން އޭނާ ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރޭތާ އެތައް ދުވަހެއް ފަހުންނެވެ.
ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރި ޝަމާހު އަކީ މިފްކޯގެ ސީއީއޯގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މެއި 21، 2024 ގަ އެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24، ގަ އެވެ.
ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18، ގަ އެވެ. އޭރު ދިން މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރި އެވެ. މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ.
ޝަމާހުއަށް ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ދެން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
ސްޓެލްކޯ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ސީއީއޯކަމުން ވަކިކުރި ޝަމާހު އައްޔަނުކޮށްފި ސްޓެލްކޯ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ސީއީއޯކަމުން ވަކިކުރި ޝަމާހު އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ