އީސްޓް ޓީމޯއަށް އާސިޔާންގެ މެންބަރުކަން ދީފި
ކުއާލަލަންޕޫރު (28 އޮކްޓޯބަރު 2025): މެލޭޝިޔާގެ ވެރިރަށް ކުއަލަ ލުމްޕޫރުގައި ކުރިއަށްދާ އާސިޔާންގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އީސްޓް ޓީމޯއަށް އާސިޔާގެ މެންބަރުކަން ދީފިއެވެ. އާސިޔާންއަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ސަރައްދީ ޖަމާއަތެވެ. މިއީ 10 ގައުމުގެ މައްޗަށް އެކުލެވޭ ވަރަށް ބަދަހި އިގުތިސާދީ ޖަމާއަތެކެވެ. އާސިޔާން ޖަމާއަތުގެ އިގުތިސާދު މިހާރު 3.8 ޓްރިލިޔަން ޑޮލަރަށް އަރައެވެ. އީސްޓް ޓީމޯއަށް މެންބަރުކަން ދިނުމުން އާސިޔާންގެ ގައުތަކުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. އީސްޓް ޓީމޯ ނުވަތަ ޓީމޯ-ލެސްޓޭ އަކީ ގާތްގަނޑަކަށް 1.4 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވަރަށް ފަގީރު ގައުމެކެވެ. އެ ގައުމުގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ މިންވަރަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ދެ ބިލިއަން އެމެރިކާ ޑޮލަރެވެ. އެ ގައުމުގެ ރަސްމީ ފައިސާއަކީ ވެސް އެމެރިކާ ޑޮލަރެވެ. އީސްޓް ޓީމޯ އޮންނަނީ އިންޑޮނީޝިއާގެ ދެކުނުން އޮސްޓްރޭލިއާ ކައިރީގައެވެ. އީސްޓް ޓީމޯ އިސްތިއުމާރުކުރި ހުޅަނގުގެ އިސްތިއުމާރީ ބާރަކީ ޕޯޗްގަލްއެވެ. އެ ގައުމުގައި ތިބި ޕޯޗުގަލް މީހުން (ޕޯޗްގީޒުން) ފާބައިގެން ދިޔައީ 1975 ވަނަ އަހަރެވެ. އެއަށް ފަހު އީސްޓް ޓީމޯ ދިޔައީ އިންޑޮނީޝިޔާގެ ދަށަށެވެ. އީސްޓް ޓީމޯ ވަކި ގައުމެއްގެ ގޮތުގައި މިނިވަންކަން ލިބުނީ 2002 ވަނަ އަހަރެވެ. އާސިޔާންގެ މެންބަރަކަށް އީސްޓް ޓީމޯ ވުމުން އެ ގައުމުގެ ބޮޑުވަޒީރު ޝަނާނާ ގުޝްމާއޮ ވަނީ އެއީ ތާރީޚީ ކަމެއްގެ ކަމަށް ސިފަކުރައްވާފައެވެ. އީސްޓް ޓީމޯ، އާސިޔާންގެ މެންބަރަކަށް ވުމަކީ ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން އެ ގައުމަށް އިންވެސްޓުމެންޓްތައް ލިބުމަށް މަގުފަހިވާނެކަމެއް ކަމަށް ގުޝްމާއޮ ވިދާޅުވިއެވެ. އާސިޔާންގެ މެންބަރުކަމުގެ ލިޔުން ގުޝްމާއޮއާ ހަވާލުކުރެއްވީ އާސިޔާންގެ މި ދައުރުގެ ރައީސް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އަންވަރު ވަނީ އީސްޓް ޓީމޯގެ ސަރުކާރަށާއި ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ. އީސްޓް ޓީމޯގެ އިގްތިސާދުގެ މައިގަނޑު އުފެއްދުމަކީ ގޭހާއި ތެލެވެ. ނަމަވެސް، ގޭހާއި ތެޔޮ އެގައުމުން އުފައްދަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެ ގައުމުން މަސައްކަތް ކުރަނީ ގޭހާއި ތެލުގެ ދާއިރާގައި އިންވެސްޓްކޮށްދޭނެ ބޭރުގެ އިންވެސްޓަރުން ހޯދުމަށެވެ. ނަމަވެސް، ތެލާއި ގޭހުގެ ރިޒާވް ކުޑަކަމުންނާއި މަދަނީ އިންފްރާސްޓްރަކްޗާ ބަލިކަށިކަމުން އިންވެސްޓަރުން ލިބުން ދައްޗެވެ. އޭޝިއާގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ އީސްޓް ޓީމޯއަކީ މަދަނީ އިންފްރާސްޓްރަކްޗަރު ބަލިކަށިވުމުގެ އިތުރުން ތައުލީމީ ހާލަތު ވެސް ވަރަށް ދަށު ދަރަޖައެއްގައި އޮތް ގައުމެކެވެ. އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތައަކީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ. މިނިވަންކަން ލިބުނުތާ 23 ވަރަކަށް އަހަރުވީ ނަމަވެސް ތަރައްގީގެ ރޮނގުގައާއި ތައުލީމާއި ސިއްހަތާ ބެހޭ ދާއިރާތަކުގައި މާ ބޮޑު ކުރިއެރުމެއް ހާސިލުކުރެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ