ރާއްޖޭން ބޭރަށް ކިޔަވަންދާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދަރިވަރަކަށް ދޫކުރާ ޕްރޮގްރާމް ހުއްދައިގެ ލިޔުމަށް އެހެން ދަރިވަރުން ބަރޯސާ ނުވުމަށް އެ އޮތޯރިޓީން މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ސްރީ ލަންކާގެ އެއިމްސް ކޮލެޖުން، ޕީއެޗުޑީއަށް ކިޔެވި ދަރިވަރުންތަކެއް، އެ މީހުންގެ ސެޓްފިކެޓް އެމްކިއުއޭއިން ގަބޫލުނުކޮށްގެން ވަރަށް ފަހުން ވަނީ ކޯޓަށް ގޮސްފަ އެވެ. ހައި ކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ އެ ސެޓްފިކެޓް ގަބޫލުކުރުމަށެވެ. އެކަމަކު އެމްކިއުއޭއިން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެކަމާ ގުޅިގެން ގެޒެޓުގައި އާއްމުކޮށްފައިވާ އެންގުމެއްގައި އެމްކިއުއޭއިން ބުނީ، އެ ޕީއެޗްޑީ ޕްރޮގްރާމަށް ކިޔަވަން ގަސްދުކޮށް، އެ ތަނުން، 'ރިކޮގްނިޝަން ލިޔުން' ހޯދީ އެންމެ މީހެއް ކަމަށާއި އެކަމަކު އެއީ ސަނަދު ވެލިޑޭޓްކުރުން ލާޒިމްކުރާ ލިޔުމެއް ނޫން ކަމަށެވެ.
ބުނީ ކީކޭ؟ - އެ ތަނުން ބުނި ގޮތުގައި:
އެ ލިޔުމުގެ ބޭނުމަކީ ކިޔަވަން ގަސްދުކުރާ މަރުކަޒު އަދި ކިޔަވަން ގަސްދުކުރާ ޕްރޮގްރާމަކީ އެމްކިއުއޭއިން ބަލައިގަންނަ ޕްރޮގްރާމެއްތޯ ބެލުން
ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ޝަރުތު ނުވަތަ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވޭތޯ ބެލުން
އެމްކިއުއޭއިން ބުނީ ސަނަދު ސައްހަތޯ ބެލުމަކީ ވަކި ޕްރޮސެސްއެއް ކަމަށާއި އެ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތް ނިންމާނީ، އެކަމާ ގުޅޭ ގޮތުން ހުށަހަޅާ މައުލޫމާތާއި ލިޔުންތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
އެ ތަނުން ވަނީ ރާއްޖޭން ބޭރަށް ކިޔަވަންދާ ދަރިވަރުން، އެ ކިޔަވާ ޕްރޮގްރާމެއް ރާއްޖޭގައި ގަބޫލުކުރޭތޯ ބެލުމަށް ދޫކުރާ 'ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް'ގެ ލިޔުން ހޯދުމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ. އެއީ، އެއް ދަރިވަރަކަށް ދޫކުރާ އެ ލިޔުމަށް ބަރޯސާވެ، އެހެން ދަރިވަރުން ކިޔަވަން ދާން ދޫކުރާ ލިޔުމެއް ނޫން ކަމަށާއި އެގޮތަށް އަމަލުކޮށްގެން ލިބޭ ގެއްލުމަށް އެމްކިއުއޭއިން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެނގުން މުހިއްމު - ލަންކާގެ އެއިމްސް ކޮލެޖުން ދަރިވަރުންތަކެއް ހޯދި ޕީއެޗްޑީ ގަބޫލުނުކުރުމަށް ނިންމީ، އެންމެ ފުރަތަމަ، 2016 ވަނަ އަހަރު އެ ކޯހަށް ހުއްދަ ދިނުމަށް ފަހު އެވެ.
އެކަމަކު 2018 ވަނަ އަހަރު އެ ކޯސް ބަލައިނުގަތުމަށް ނިންމި އެވެ. އެކަން ކުރީ، އެހާތަނަށް ކޯސް ފެށި ދަރިވަރުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ކުރާނެ ކަމަށް އެންގުމަށް ފަހު އެވެ. ކޯސް ފުރިހަމަ ކުރަމުން ދިޔަ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ފަހު 2021ގައި ހުށަހެޅުމުން ސެޓްފިކެޓް ގަބޫލު ނުކުރަން އެ ތަނުން ވަނީ ނިންމާފަ އެވެ.
އެ ޕްރޮގްރާމް އެމްކިއުއޭއިން ގަބޫލުނުކުރާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރީ:
ގައުމެއްގެ ތައުލީމީ ބޯޑުން ބަލައިނުގަންނަ ޕްރޮގްރާމަކަށް ރާއްޖެއިން ވެސް ހުއްދަ ނުދިނުން
ކޮލެޖަކުން ޕީއެޗްޑީ ޕްރޮގްރާމެއް ނުުހިންގޭނެ؛ ރާއްޖޭގައި ވެސް ޕީއެޗްޑީގެ ކޯސްތައް ހިންގުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި ޔުނިވަސިޓީތަކަށް
ވަކި ދަރިވަރަކަށް ދޭ ހުއްދައިގެ ލިޔުމަށް އެހެން ދަރިވަރުން ބަރޯސާނުވުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ