ޖެމެއިކާ، އަހަރުގެ އެންމެ ބާރުގަދަ ތޫފާނުގެ ބިރުވެރިކަމުގެ ތެރޭގައި

"ކޮޅަށް ނުހުރެވޭހާ ބާރަށް ވައި އެބަ ޖެހޭ،" ޖެމެއިކާގެ ފިރިހެނަކު، މީޑިއާއާ ވާހަކަ ދައްކަމުން ބުންޏެވެ.
"އާދަޔާ ހިލާފު އަޑުފައްގަނޑެއް އެބަ ހުރި...އެއީ ކޮންމެވެސް އެއްޗެއް ލައިގަންނަ އަޑު،" ބީބީސީއާ ވާހަކަ ދައްކަމުން، ޖެމެއިކާގައި ހުރި އިނގިރޭސި އަންހެނަކު ބުންޏެވެ.
"މިއީ ޖެމެއިކާއަށް ކުރިމަތިވާ ގަރުނުގެ ތޫފާން،" ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިޔުއެމްއޯ)ގެ ތަޖުރިބާކާރު، އޭން-ކްލެއާ ފޮންޓަން ވިދާޅުވި އެވެ.
އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ލަފާކުރާ ގޮތުގައި ހަރިކޭން މެލީސާއަކީ ހަރިކޭން ފަހެއް'ގެ ބާރުގަދަ ތޫފާނެކެވެ.
މެލީސާގެ އެންމެ ބާރުގަދަ ކޮޅިގަނޑު ޖެމެއިކާގެ ބިމާހަމައަށް ފޯރާނެ އިރެއް އަދި ނޭނގެ އެވެ. ނަމަވެސް ގަޑިއަކު 282 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާ މި ބިރުވެރިކަމުގައި މިހާރު ވެސް ޖެމެއިކާގައި ތިން މީހަކު މަރުވެއްޖެ އެވެ. ތޫފާނުން ރައްކާތެރިވުމުގެ މަސައްކަތުގައި އުޅެނިކޮށް ކަރަންޓްގައި ޖެހިގެންނެވެ. ފުރާޅުން ވެއްޓިގެންނެވެ. އޮޔާ ގެންގޮސްގެންނެވެ.
މިއީ 2.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖެމެއިކާއަށް މިހާތަނަށް ކުރިމަތިވާ އެންމެ ބާރުގަދަ ތޫފާނެވެ. ގައުމުގެ އެކި ހިސާބުތަކުގައި ހުރި ރައްކާތެރިކަމުގެ 800 މަރުކަޒު ވަނީ ހުޅުވާލައިފަ އެވެ. ތޫފާން ލައްވާލާ ސަަރަހައްދުން މީހުން ދުރަށް ދާން ސަރުކާރުން ވަނީ އެދިފަ އެވެ. ނަމަވެސް ގިނަ މީހުން އެކަމާ ދެކޮޅުހަދަނީ ގެދޮރު ދޫކޮށްފި ނަމަ އެނބުރި އަންނަންވާ އިރަށް ލޫޓުވާފާނެކަމުގެ ބިރަށެވެ.
ޖެމެއިކާގެ ވެރިން ބުނާ ގޮތުގައި އެހާ ބާރުގަދަ ވައިގައި ސަލާމަތުން ހުންނާނެ ވަރުގެ ފެންވަރެއް، ތޫފާންގެ އެންމެ ގަދަ ވައި ޖެހޭ ކަމަށް ބެލެވޭ ސަރަހައްދުގެ އިމާރާތްތަކުގައި ނުހުންނާނެ އެވެ. އެހެންކަމުން މިހާރު ވެސް ލަފާކުރަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުން ކައިރި ކަމެވެ.
މެލީސާގައި ޖެމެއިކާއަށް އޮއްސާލާނެ ވިއްސާރަ ބޯވާނެ މިންވަރަށް ބަލާފައި، ވާރޭ މިންކުރަނީ ވެސް އިންޗިއަށް ވުރެ ބޮޑަށް ފޫޓުންނެވެ. އެގޮތުން ޖެމެއިކާގެ ބައެއް ހިސާބުތަކުގައި ތިން ފޫޓަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެ އެވެ.
ޖެމެއިކާއަކީ އައްސޭރިފަށުގެ ގައުމެކެވެ. އެހެންކަމުން ތޫފާނުގައި އުފެދޭ ބާނިތަކުގެ އުސްމިން 13 ފޫޓަށް އަރާނެ ކަމަށް ބެލެވޭތީ އައްސޭރި ފަށުން ދުރަށް މީހުން ދާން އިންޒާރު ވެސް ނެރެފި އެވެ. 
"މިއީ ޖެމެއިކާއަށް ވަރަށް ބިރުވެރި ވަގުތެއް،" އެ ގައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު މެތޫ ސަމޫޑާ ވިދާޅުވި އެވެ.
ހަރިކޭން ލައްވާލިކަމަށް ބަލަނީ އޭގެ މެދުގައި ހުންނަ 'ލޯ' އެ ސަރަހައްދަކަށް ފޯރުމުންނެވެ. ތޫފާން ދަތުރުކުރާލެއް ލަސްކަމުން ޖެމެއިކާއަށް މެލިސާ ލައްވާލާނެ ސީދާ ވަގުތެއް އަދި ނޭނގެ އެވެ. އެކަމަކު މިރޭގެ ވަގުތެއްގައި އެންމެ ބާރުގަދަ ކޮޅިގަނޑާ ކުރިމަތިވާނެ ކަމަށް ލަފާކުރެ އެވެ.
ކެރީބިއަން ކަނޑުގައި ޖެމެއިކާ އޮންނަ ސަރަހައްދުގެ ގޮތުން ހަރިކޭން އާއި ބާރުގަދަ އެހެން ތޫފާންތަކާ އަބަދުވެސް ކުރިމަތިވެ އެވެ. ނަމަވެސް އެފަދަ ތޫފާން ސީދާ އެ ގައުމަށް އެރުމަކީ އެހާ އާންމު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ޖެމެއިކާއަށް ކުރިމަތިވަނީ ތޫފާންތަކުގެ އަސަރުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ