ޑޮލަރު ފޭރުން: ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖެހީ ވަކީލެއްގެ ފުރުސަތު ނުދީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖެހީ އެ މީހުންނަށް ގާނޫނީ ވަކީލެއްގެ ހައްގު ނުދީ ކަމަށް، އެ މައްސަލައިގައި ހިމެނޭ ވަކީލަކު މިއަދު ވިދާޅުވެއްޖެ އެވެ.އެ މައްސަލައިގައި ހައްޔަރުކުރީ ލ.މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް، 20، އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 24، އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، 30 އެވެ. އެ އެންމެންގެ ބަންދަށް ވެސް ފަސް ދުވަސް ވަންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ.ނަމަވެސް، އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ވަކީލެއްގެ ފުރުސަތު ނުދީ ކަމަށް އެމީހުންގެ ވަކީލުން ޓީމުން ބުންޏެވެ. އެ ހަތަރު މީހުންގެ ވަކީލުން ޓީމުން ބުނީ އެމީހުން ހައްޔަރުކުރުމާއެކު، އެމީހުންނަށް އައްޔަނުވުމަށް ރޭ 10 ޖަހާކަށްހާއިރު ފޯމު ހުށަހެޅުމަށްފަހު އެމީހުންގެ މައްސަލަ ބަލާ އިންވެސްޓިގޭޓިން އޮފިސަރަށް އެންގި ކަމަށެވެ.އަދި އައްޔަނުކޮށްދިނުން އަވަސް ކޮށްދިނުމަށް އެދި ހިންމަފުށި ފުލުސް އޮފީހަށް ވެސް ރޭ ގުޅި ކަމަށް ހައްޔަރުކުރި ވަކީލުންގެ ޓީމުން ބުންޏެވެ. އޭގެފަހުން މިއަދު ހެނދުނު، ގުޅުމުން ވަރަށް އަވަހަށް އައްޔަނުކޮށްދޭނެ ކަމަށް ފުލުހުން ބުނި ކަމަށް ވަކީލުން ބުންޏެވެ."ދެން އަޅުގަނޑުމެންނަށް 11 ޖަހާކަށްހާއިރު އެންގީ އެމީހުން ދޫނިދޫއަށް ބަދަލުކުރި ކަމަށް، އެކަން އެންގީމަ ދޫނިދޫއަށް ވެސް މެއިލްތައް ފޯވާޑު ކުރިން ޕްރޮސެސް އަވަސް ކުރަން،" އެ ހަތަރު މީހުންގެ ވަކީލަކު ބުންޏެވެ.ނަމަވެސް އައްޔަނުވުމުގެ ފުރުސަތު ނުދީ، މިއަދު މެންދުރު 12:00 ހާއިރު ގުޅާފައި އެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާކަން ފުލުހުން އެންގި ކަމަށް ވަކީލުން ބުންޏެވެ.މި ފަދަ ބޮޑު ތުހުމަތެއްގައި ހައްޔަރުކުރި ބަޔަކަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދިނީ ވަކީލެއްގެ ހައްގު ލިބިފައިނުވާތީ ކަމަށް ބެލެވެއެވެ. އެކަމަކު، އެ މީހުން ބަންދުކުރި ކޯޓު އަމުރު އަދި އާންމުކޮށްފައިނުވާތީ، އެކަން ޔަގީނެއް ނުވެއެވެ.މި ހަތަރު މީހުން ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުންކުރި ލޯންޗު ވެސް ހޯދާފައިވާކަން އިއްޔެ އިއުލާނުކުރެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނެވެ. ނަމަވެސް، ފޭރިގަތް ޑޮލަރުތައް ހޯދުނުކަން ނުވަތަ ނޫންކަން ހާމައެއް ނުކުރައްވައެވެ.ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ