ހުރިހާ ސްކޫލެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދަން މަޝްރޫއެއް ހިންގަނީ

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި އިންކްލޫސިވް ކުލާސްރޫމްތައް އެޅުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުރި ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސަމާލުކަން ދެވޭ ފުރިހަމަ ތައުލީމީ ނިޒާމެއް ގާއިމުކުރެވިފައި ނެތް ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެފަދަ ކުދިން ތިބި ކޮންމެ ރަށެއްގައި ތައުލީމު ހާސިލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރައްޔިތެއް ކިބައިގައި ހުންނަ އުނިކަމެއްގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތުވެގެން ނުވާނެ ކަމަށެވެ. މިހާތަނަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވޭ މިންވަރަށް ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް އިންކްލޫސިވް ކުލާސްރޫމް ގާއިމުކުރުމަށްޓަކައި މަޝްރޫއެއް އެބަ ހިމަނަން. އަދި, މިކަމަށް ބޭނުންވާ ޓީޗަރުން ތަމުރީނުކުރުމުގެ މަސައްކަތް މިހާރު ވެސް އެބަ ހިނގާ،ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސް ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ 80 ވަރަކަށް ޓީޗަރުން މިހާރު ވެސް ތަމުރީނު ކުރެވިފައިވާ ކަމަށެވެ. އަދި، އަންނަ އަހަރަށް އެ އަދަދު އިތުރުކުރެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް ހޭދަކުރާނެ ކަމަށާއި، އެގޮތުން އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށާއި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް އޭގެ ތިންބައިކުޅަ އެއްބައި ޚާއްސަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/212720 ރައީސް އެހެން ވިދާޅުވިއިރު، ވޮކޭޝަނަލް ތަމުރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ހައި ސުކޫލު މެދުވެރިކޮށް، ދިހަ ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެ ހައި ސްކޫލަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި، މިދިޔަ އަހަރު ނުވަތަ މިއަހަރުގެ ދިރާސީ އަހަރު ގްރޭޑު ދިހައެއް ފުރިހަމަކޮށްފައިވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު 31އަށް 18 އަހަރު ފުރިފައިނުވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ