ކަސްޓަމަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލެއް ހަދައިފި ކަސްޓަމަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލެއް ހަދައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ބަޔާން ކުރުމަށް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް މިއަދު އެކުލަވާލައިފި އެވެ.
އުސޫލުގައިވާ ގޮތުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. އަށްވުރެ އިތުރުވެ، އެ ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ލިޔުމުން އެކަން އެންގުމަށްފަހު އެ ފަރާތެއްގެ ނަން ކަސްޓަމްސްގެ ވެބްސައިޓުގައި ހާމަކުރާނެ އެވެ.
ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އުސޫލުގައި ބަޔާންކޮށްފައި ވަނީ މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރެވެ.
އުސޫލުގައިވާ ގޮތުން ކަސްޓަމަށް 10،000ރ. އަށްވުރެ އިތުރަށް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތައް އަދި ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ޕްރޮޖެކްޓް ހިންގާ ފަރާތްތަކުން ފައިސާ ދައްކަން ހުއްޓަސް، އެ ތަންތަން އުސޫލުން އިސްތިނާވެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ މަރުހަލާތަކަކީ ކަސްޓަމްސްގެ ރަސްމީ ވެބްސައިޓުގައި މައުލޫމާތުތައް ހާމަކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި ކަސްޓަމްސްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މައުލޫމާތުތައް ހާމަކުރުމެވެ.
ނަމަވެސް މައުލޫމާތުތައް ހާމަކުރަން ބަޔާންކޮށްފައިވާ މަރުހަލާތަކުގެ ތެރެއިން އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާންވާނީ 15 ދުވަސް ފާއިތުވުމުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތުން ކަސްޓަމްސްއަށް ފައިސާ ދައްކައިފިނަމަ، ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު ކަސްޓަމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ އެ ފަރާތެއްގެ ނަން އުނިކުރެވޭނެ އެވެ. އެކަމަކު ގެޒެޓުގައި ޝާއިއުކުރާ ލިސްޓުން ނަން އުންޏެއް ނުކުރެވޭނެ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް އުސޫލުގެ ދަށުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އެކުލަވާލަން ޖެހެ އެވެ. އެ ކޮމިޓީން އުސޫލުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ކަނޑައެޅުމުގައި ލަފާދޭން ޖެހެ އެވެ.
ކަސްޓަމުން ނަން ހާމަކުރާތާ ފަސް ދުވަހުގެ ތެރޭގައި ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހަޅަން ޖެހޭނީ ސްޓިއަރިން ކޮމިޓީއަށެވެ. އެގޮތުން އެ ޝަކުވާއެއް ސްޓިއަރިން ކޮމިޓީން 10 ދުވަސް ތެރޭގައި ބަލައި ގޮތެއް ނިންމަން ޖެހޭނެ އެވެ.
އުސޫލަށް އަމަލުކުރަން މިއަދުން ފެށިގެން ފަށާއިރު، ކަސްޓަމަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުމުގައި އަމަލުކުރާ އުސޫލާ އެއްގޮތަށް ފައިސާ ދެއްކުމަށް ލިޔުމުން މުއާމަލާތް ކޮށްފައިވާ ފަރާތްތައް އެއީ އުސޫލުގެ ބޭނުމަށް ނޯޓިސް ދެވިފައިވާ ފަރާތްތައް ކަމަށް ބަލައި އެ ފަރާތްތަކުގެ ނަންތައް އުސޫލުގެ ދަށުން ނެރޭ ފުރަތަމަ ލިސްޓުގައި ހިމަނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ