ލަންކާގެ އެންމެ ނުރައްކާތެރި އަންހެން މީހާ ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔާފަރިކުރާ ކަމަށް ޝައްކު ކުރެވޭ މީހެއްގެ ގަޔަށް ސްރީ ލަންކާގެ ކޯޓެއްގެ ތެރޭގައި ބަޑިޖަހައި މަރާލި މައްސަލައިގައި ހިމެނޭ ލަންކާގެ "މޯސްޓް ވޯންޓެޑް" އަންހެން މީހާ ފިލައިގެން އުޅެނިކޮށް ނޭޕާލުން ހައްޔަރުކޮށްފިއެވެ. އުމުރުން 25 އަހަރުގެ އިޝާރާ ސެވަންދީގެ މައްޗަށް ތުހުމަތު ކުރަނީ، ގާނޫނީ ވަކީލެއްގެ ގޮތަށް ހެދުން އަޅައިގެން، ލަންކާގެ ޖިނާއީ އިޖުރާއަތު ފޮތެއްގެ ތެރޭ ބާގަނޑެއް ހަދައި އޭގެ ތެރޭގައި ފޮރުވައިގެން ކޯޓު ތެރެއަށް ފިސްތޯލަ ވެއްދި ކަމުގެ ތުހުމަތެވެ. މަސްތުވާތަކެތީގެ ކުށުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ގަނޭމުއްލޭ ސަންޖީވާގެ ގަޔަށް ބަޑިޖަހައި މަރާލީ އޮޅުވާލައިގެން ވަކީލެއްގެ ހެދުން އަޅައިގެން ހުރި އެހެން މީހެކެވެ. އޭނާ ވަނީ ބަޑިޖެހިތާ މާގިނައިރުތަކެއް ނުވެ ހައްޔަރުކޮށްފައެވެ. މި ހަފްތާގައި ނޭޕާލުން އިތުރު ފަސް މީހަކާ އެކު ހައްޔަރުކުރި ސެވަންދީގެ މައްޗަށް މީހަކު މަރާލިކަމުގެ ދައުވާ އުފުލުމަށް ލަންކާއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުންގެ ތަރުޖަމާނު އެފް.ޔޫ. ވޫޓްލާ ވިދާޅުވިއެވެ. "އެމީހުން ހޯދުމަށް އިންޓަޕޯލުން ސަޕޯޓް ލިބުނު، އަދި އައިޓީ އާއި އިންޓެލިޖެންސް ސަޕޯޓާއި އޮޕަރޭޝަނަލް އެހީތެރިކަން ނޭޕާލް ފުލުހުންގެ ފަރާތުން ލިބުނު." ވޫޓްލާ އޭއެފްޕީއަށް ވިދާޅުވިއެވެ. ސެވަންދީ ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް ދިނުމަށް 1.2 މިލިއަން ރުފިޔާ (4،000 ޑޮލަރު) ގެ އިނާމެއްވެސް ހުށަހެޅިއެވެ. ފުލުހުން ބުނީ ސެވަންދީ ފުރަތަމަ ފިލައިގެން ދިޔައީ އަވަށްޓެރި އިންޑިއާއަށް ދޯންޏެއްގައި ކަމަށާއި ނޭޕާލަށް ދިޔައީ އޭގެފަހުން ކަމަށެވެ. ސެވަންދީ ހައްޔަރުކުރީ އެހެން އަންހެނަކާއި ހަތަރު ފިރިހެނުންނާ އެކުގައެވެ. އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން ކަމަށް ތުހުމަތުކުރެވެއެވެ. ވޫޓްލާ ވިދާޅުވީ މަސްތުވާތަކެއްޗާއި މަރުގެ މައްސަލަތަކާއި ގުޅުން ހުރި ލަންކާގެ އިތުރު 22 މީހަކު ބޭރުގެ ގައުމުތަކުގައި ދިރިއުޅެމުން އަންނަ ކަމަށާއި، އެމީހުން ހޯދުމަށް އިންޓަޕޯލާ ގުޅިގެން މަސައްކަތްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ