ރާއްޖޭގައި އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، އެ ގާނޫނު އިސްލާހު ކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައި އޮތް ކަމަށާއި އެހެންވެ، އެ އިސްލާހު ކުރުމަށް މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެއްވެ އުޅުމުގެ މިހާރުގެ ގާނޫނު، ގާނޫނު އަސާސީއާ ހިލާފު ކަމަށް އުޝާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެއާ ގުޅޭ އިތުރު ސުވާލެއް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވެސް ވަނީ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ބިން ކުޑަ ގައުމަކަށް ވުމުން، މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމަށް ބުނެ، އެއްވެ އުޅުން އިތުރަށް ހަނިކުރަން ފެނިވަޑައިގަންނަވާތޯ އެވެ.
ބުނީ ކީކޭ؟ - އޭގެ ޖަވާބުގައި އުޝާމް ވިދާޅުވީ:
އެއްވެ އުޅުން ހިމެނޭ ގޮތަށް، ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ އިމެއްނެތި، ހައްދެއްނެތި ލިބިދޭ އުސޫލުތަކެއް ނޫން ކަމަށް
އަދި އެ ބާބުން ލިބިދޭ ބާރުތައް ހަނިކުރެވޭނެހެން ގާނޫނުތައް ހެދޭނެ ކަމަށް ގާނޫނުއަސާސީގައި ބުނަނީ އެއާ ގުޅިގެން ކަމަށް ވިދާޅުވި
އަދި ވިދާޅުވީ އެއްވެ އުޅުމުގެ ހައްގުތައް ބޭނުން ކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށް، އިހްތިރާމްކޮށްގެން ކަމަށް
އެނގުން މުހިއްމު - އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އޭރު ގެނައި އެންމެ ބޮޑު ބަދަލަކީ، އެއްވުންތައް ބޭއްވުމުގެ މާކުރިން، އެކަމަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހުމެވެ.
އެ ބަދަލާ ގުޅޭގޮތުން މިދިޔަ ސަރުކާރުގައި ވެސް ވަރަށް ބޮޑަށް ވަކާލާތު ކުރި އިރު، އެކަން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުގެ ދައުރު ނިމުނު އިރު ވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ.
އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާނަން: އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ