ދުވާފަރު މީހަކަށް އަނިޔާކޮށްގެން އުނގޫފާރު މީހަކަށް ބޮޑު ޖޫރިމަނާއެއް

ރ. އުނގޫފާރު ކުނިގޮނޑު ތެރޭގައި ދެ މީހެއްގެ މެދުގައި އުފެދުނު ދެބަސްވުމެއްގައި، އެ ތަނުން މީހެއްގެ ގައިގައި ޖެހިކަން ސާބިތުވެ ބޮޑު ޖޫރިމަނާއެއް ކޮށްފިއެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އުނގޫފާރުގެ މީހާގެ މައްޗަށް، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކޮށްފައެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހެނދުނު، އުނގޫފާރު ކުނިގޮނޑުތެރޭގައި، އެ އަތޮޅު ދުވާފަރު މީހެއްގެ ކަނދުރާގައި ޖަހައި ހަމަލާދީފައިވާތީއެވެ. އެ ހަމަލާއާ ގުޅިގެން ދުވާފަރު މީހާއަށް އަނިޔާވެފައިވާ ކަމަށް އޭނާގެ މެޑިކަލް ރިކޯޑްތަކުން ދައްކައެވެ. މިދިޔަ މެއި މަހު، ދައުލަތުން އުނގޫފާރު ކޯޓަށް ހުށަހެޅި މި މައްސަލަ މިދިޔަ ހަފުތާގައި ނިމުނުއިރު، ޝަރިއަތުގައި އެ މީހާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތުކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައެވެ. ދައުވާއަށް އިންކާރު ކުރިނަމަވެސް، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން، އެ މީހާ ވަނީ ލުއި އަދަބެއް ދިނުމަށް އެދިފައެވެ. އަދި އަނިޔާ ލިބުނު ދުވާފަރު މީހާވެސް އެދުނީ ވީހާ ވެސް ލުއި އަދަބެއް ދިނުމަށެވެ. މި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު އުނގޫފާރު ކޯޓުން ހުކުމްކުރީ، ތިން މަސް ދުވަހުގެ ތެރޭގައި 14،400 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށެވެ. މި ހުކުމް ކުރެއްވީ، އުނގޫފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ރިމާހް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ