މައީޝާއާ ގުޅޭ ރިޕޯޓު ލިބުމުން އަމަލުކުރީ އާންމު އުސޫލުން، އަބުރު ގެއްލޭ ކަމެއް ނުކުރާނެ: މިނިސްޓްރީ

ދަރިއަކު ނުވެސް ހުންނަ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)ގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން، ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އަމަލު ކުރީ އާންމު އުސޫލުން ކަމަށާއި އޭނާގެ އަބުރު ގެއްލޭ ފަދަ ކަމެއް ނުކުރާނެ ކަމަށް އެ މިނިސްޓްރީން މިރޭ ބުނެފިއެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު މައީޝާވަނީ، އޭނާގެ ދަރިއެއް ނުހުންނަ ނަމަވެސް، އޭނާގެ ދެ އަހަރުގެ ދަރިއެއް ހުންނަ ކަމަށް ބުނެ ފެމިލީ މިނިސްޓްރީން އޭނާގެ ދައްތައަށް ގުޅައިފައިވާ ކަމަށް ބުނެފައެވެ. އެ ފޯނުކޯލުގައި މިނިސްޓްރީން ވަނީ، ނަން ހާމަކުރަން ބޭނުންނުވާ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން، އެ ދަރިފުޅު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ނިންމައިފައިވާ ކަމަށް ބުނެފައި ކަމަށް މައީޝާ ލިޔެފައިވެއެވެ. މައީޝާ ވަނީ، އެއީ އޮޅުމެއްކަން ސާފުކޮށްދޭން އޭނާ މިނިސްޓްރީއަށް ގުޅި ކަމަށް ބުނެފައެވެ. ނަމަވެސް، މިނިސްޓްރީގެ މުވައްޒަފުން މައްސަލަ ބަލަން އެ ގެއަށް ވެސް ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައި މައީޝާ ވަނީ، އެ މައްސަލަ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ކައުންސިލަކަށް ކަމަށާއި ފަހުން އެ މައުލޫމާތު ފުލުހަށް ގޮސް، ދެން މިނިސްޓްރީއަށް ރިޕޯޓުކުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. https://sun.mv/213041 އެ މައްސަލައިގެ ސަބަބުން އޭނާއާ ގުޅޭ ގޮތުން ވާހަކަތަކެއް ފެތުރި، އޭނާގެ އަބުރު ކަތިލެވިފައިވާ ކަމުގެ ކަންބޮޑުވުން ވެސް، އެ ނޫހާ މައީޝާ ހިއްސާކޮށްފައިވެއެވެ. އެ މައްސަަލައާ ގުޅޭ ގޮތުން ފެމިލީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ "ސަން"އަށް ވިދާޅުވީ، މިނިސްޓްރީއަށް ކުޑަކުއްޖަކާ ގުޅޭ ރިޕޯޓެއް ލިބުމުން އެ ކުއްޖަކަށް އަނިޔާ ނުލިބޭކަން ޔަގީން ކުރުމަށް ވަކި އުސޫލެއްގެ ތެރެއިން މަސައްކަތް ކުރާ ކަމަށެވެ. "އެކަހަލަ ކޭސްއެއް އައިމަ އަޅުގަނޑުމެންގެ ޕްރައޯރިޓީއަކީ ކުއްޖާއަށް އެކަހަލަ ކަމެއް ނުވާކަން ޔަގީންކުރުން، އެކަން ކުރެވޭނީ ހޯމް ވިޒިޓެއް ހަދައިގެން ކަމަށްވާތީ، އެކަހަލަ އެހެން މައްސަލައިގައި އަމަލު ކުރާ ގޮތަށް އަމަލުކޮށްފައި އޮންނާނީ،" އޭނާ ވިދާޅުވިއެވެ. ލަހުފާ ވިދާޅުވީ ކުޑަކުދިންނާ ގުޅޭ މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކުރުމާއެކު، މިނިސްޓްރީން ފުރަތަމަ ވެސް ބަލަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭތޯ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މައްސަލަ ރިޕޯޓުކުރާއިރު، މައްސަލަ ނިސްބަތްވާ މީހާގެ މައުލޫމާތު ލިބިފައި ނުހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. "މިސާލަކަށް މައްސަލަ ރިޕޯޓުކޮށްފައި އޭގައި ބެލެންވީވަރަށް ނުބެލިގެން ދެރަކަމެއް ވެއްޖެއްޔާ މާ ބޮޑަށް ދެރަތާ، އެހެންވީމަ އެކަހަލަ ރިޕޯޓެއް ކޮށްފިއްޔާ އެ އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން އަމަލުކުރަނީ ކުއްޖަކަށް އަނިޔާނުވާނެކަން ޔަގީންކުރުމަށް ޓަކައި،" އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މައްސަލަ ނިސްބަތްވާ މީހާގެ އަބުރު ގެއްލޭނެ ކަހަލަ އެއްވެސް ކަމެއް މިނިސްޓްރީން ނުކުރާނެ ކަމަށާއި އެ މީހާގެ މައުލޫމާތެއް މިނިސްޓްރީން ހާމަނުކުރާނެ ކަމަށް ވެސް ލަހުފާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ