ޔޯގާ ސްޓޫޑިއޯއަށް ހުއްދަ ދިނުމާއި ހުޅުވުމާ ގުޅޭ ގޮތުން އިހުސާނާއި މާރިޔާއާ ސުވާލުކުރަން ހުށަހަޅައިފި
މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ޔޯގާ އާއި ޕިލާޓީސް ކްލާސްތައް ނަގައިދޭ "ބެލެންސް ސްޓޫޑިއޯ" ހުޅުވުމާ ގުޅޭ ގޮތުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާ ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ. އިހުސާނާ ކުރަން ހުށަހެޅި ސުވާލުގައި ވަނީ، ބެލެންސް ސްޓޫޑިއޯ ހުޅުވައި އެ ތަނުގައި ޔޯގާގެ ހަރަކާތް ހިންގާނެ ކަމަށް އިޝްތިހާރުކުރިއިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯއާއި ޔޯގާގެ ހަރަކާތް ހިންގުން ހުއްދަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް އިރުޝާދެއް ލިބިފައިވޭތޯއެވެ. ބެލެންސް ސްޓޫޑިއޯ ރަސްމީކޮށް ހުޅުވައިދެއްވަން ވަޑައިގަތް މާރިޔާއާ ކުރަން ހުށަހަޅައިފައިވަނީ، އެ ތަން ހުޅުވުމަށް އޭނާ ވަޑައިގަތީ ރައީސްގެ އެއްވެސް ހުއްދައެއް ލިބިގެންތޯއެވެ. https://sun.mv/211675 އަންހެނުންގެ ދުޅަހެޔޮކަމަށް ޚާއްސަކޮށް، ކަސްރަތުގެ ދެ ބާވަތެއް ކަމަށްވާ ޔޯގާ އާއި ޕިލާޓީސް ކްލާސްތައް ނަގައިދޭ ބެލެންސް ސްޓޫޑިއޯ މާލޭގައި ހުޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހުގެރޭގައެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ޖޫން 21، 2022ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހަރަކާތްތަކެއް ބާއްވަނިކޮށް ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގައިފައެވެ. މިނިސްޓަރު ވަޑައިގެން، ބެލެންސް ސްޓޫޑިއޯ ހުޅުވައިދެއްވުން -- ސަން ފޮޓޯ/ މޫސާ ނަދީމް ޔޯގާ ހެދުމަށް އިންޑިއާގެ އޭރުގެ ސަފީރު މުނޫ މަހާވަރާއި ޑިޕްލޮމެޓުންގެ އިތުރުން ކުރީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ބައެއް އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ. ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ގަލޮޅުދަނޑަށް ވަދެގަނެ، ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިންނާއި، އޭރު އިދިކޮޅުގައި ތިބި، މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ސިޔާސީ ބޭފުޅުން ވެސް ހިމެނުނެވެ. ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުންވެސް ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިދިޔަ ޖޫން މަހު ތާޖު މޯލްޑިވްސް ރިސޯޓުގައި 11 ވަނަ ޔޯގާ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައި ވަނީ އިންޑިއާ ހައިކޮމިޝަންގެ އިސްނެގުމުގެ މަތިންނެވެ. ދިވެހީން ހިމެނޭހެން 500އަށް ވުރެ ގިނަ މީހުން ބައިވެރިވި މި ހަރަކާތް އެ ދުވަހު އިފުތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. އަދި މި ހަރަކާތުގައި އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ