ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ތަރި މަޓެރާޒީ ކުޅޭނެ ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ތަރި މަޓެރާޒީ ކުޅޭނެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިންނަވާ ހާއްސަ ފުޓްބޯޅަ މެޗުގައި، ފީފާ ޓީމަށް އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ތަރި، މާކޯ މަޓެރާޒީ ހިމެނެ އެވެ.
މާދަމާ ހަވީރު ގަލޮޅު ދަނޑުގައި، 16:00 އިން 18:00 އަށް ކުރިއަށްދާ ހަރަކާތުގެ ތެރޭގައި، ފީފާ ރައީސްގެ ޓީމާއި ރައީސް ޑރ. މުއިއްޒުގެ ޓީމުގެ މެޗެއް އޮންނާނެ އެވެ.
ފީފާ ޓީމުގައި އެފްއޭއެމްގެ އިސް ފަރާތްތަކާއި ފީފާގެ އިސް މެމްބަރުންގެ އިތުރުން ހާއްސަ ފަރާތެއްގެ ގޮތުގައި ފެނިގެންދާނީ ފުޓްބޯޅަ ލެޖެންޑް، މަޓެރާޒީ އެވެ.
މަޓެރާޒީ އަކީ 2001 އިން 2008 އަށް އިޓަލީ ގައުމީ ޓީމަށް ކުޅުމުގެ އިތުރުން، އިޓަލީގެ މަޝްހޫރު ކްލަބް، އިންޓަ މިލާނަށް ގިނަ އަހަރުތަކެއް ކުޅެފަ އެވެ. އޭނާ ވަނީ 2014-2016 އަށް އިންޑިއަން ޕްރިމިއާ ލީގުގެ ޗެންނާއިންގެ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ފީފާ ޓީމުގައި ހިމެނެނީ، މަޓެރާޒީގެ އިތުރުން، ފީފާގެ ރައީސް އިންފަންޓީނޯ، ފީފާގެ ސެކްރެޓަރީ ޖެނެރަލް، މަޓިއަސް ގްރާފްސްޓްރަމް، ފީފާ ޕްރެޒިޑެންޓްސް އޮފީހުގެ ހެޑް، ފެޑެރީކޯ ރަވިލިއޯނީ، ފީފާ އެކްޒެކިއުޓާ އޮފީސް މެނޭޖަރު، ޖިއާނީ މަންކާ، ފީފާ ކޮމިއުނިކޭޝަން އެޑްވައިޒަރު އޮނޯފްރޭ ކޮސްޓާ، ފީފާ ރީޖަނަލް އޮފީހުގެ ޕްރިންސް ރުފަސް އެވެ.
ފީފާ ޓީމުގައި ރާއްޖޭން ހިމެނެނީ، އެފްއޭއެމްގެ ރައީސް، ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް)، އެފްއޭއެމް ހިންގާ ކޮމިޓީގެ މެމްބަރުން އަދި ގައުމީ ޓީމުގެ ކުރީގެ ދެ ތަރިންކަމަށްވާ އިމްރާން މުހައްމަދު، މުހައްމަދު އުމެއިރުގެ އިތުރުން، އެފްއޭއެމްގެ ހިންގާ ކޮމިޓީ މެމްބަރު، އަލީ އިބްރާހިމް (ކައްޕި)، ހުސެއިން ޝާފިއު (ކޮކީ) އަދި، ގައުމީ ޓީމުގެ ކުރީގެ ކޯޗު، އަލީ ސުޒޭން ހިމެނެ އެވެ.
އަދި، ގައުމީ ޓީމަށް ކުރިން ކުޅުނު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގޯލު ޖެހި، މުހުތާރު ނަސީރު (ޓޫކިލޯ) އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަލީ ޝިހާމް (ހުރާ އައްޔަ) އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާގެ ރައީސަކު، ރާއްޖެ އަށް މި ވަޑައިގަންނަވަނީ 19 އަހަރަށް ފަހު އެވެ. އެންމެ ފަހުން ފީފާގެ ރައީސަކު ރާއްޖެ އަށް ވަޑައިގެންނެވީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.
މިހާރު އެފްްއޭއެމްގައި އޮތް، އެ އެސޯސިއޭޝަންގެ ރައީސް، ތޯރިގު (ޓޮމްގެ ޓީމަށް އިންފަންޓީނޯ ވަނީ ދާދި ފަހުން، ސޯޝަލް މީޑިއާ ޕޯސްޓެއް ކުރައްވައި، ތައުރީފް ކުރައްވައިފަ އެވެ. ތޯރިގު ވަނީ، އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމަކީ، ދިވެހި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ލިބުނު ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ